03 ޖުލައި 2019 - 17:05

ރާއްޖޭގެ މާލީ ނިޒާމުގެ ގާބިލްކަން އިތުރު ކުރުމަށް 30 މިލިއަން ޑޮލަރު (462 މިލިއަން ރުފިޔާ) ދިނުމަށް ވޯލްޑް ބޭންކުން ނިންމައިފި އެވެ.
ރާއްޖޭގެ މާލީ ނިޒާމުގެ ހިންގުން ހަރުދަނާ ކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން، ފައިސާގެ އެހީ ދިނުމަށް ވޯލްޑް ބޭންކުން ނިންމީ މިދިޔަ ހޯމަ ދުވަހު ބޭއްވި އެ ބޭންކުގެ އެގްޒެކެޓިވް ބޯޑުގެ ބައްދަލުވުމުގަ އެވެ.
މިގޮތުން މާލީ ނިޒާމުގެ ހިންގުން ހަރުދަނާ ކުރުމާއި ސިޔާސަތުތައް އެކުލަވައިލުން ހަރުދަނާކުރުމަށް 20 މިލިއަން ޑޮލަރު ވޯލްޑް ބޭންކުން ވަނީ ދޭން ނިންމައިފަ އެވެ. މީގެ ތެރޭގައި ހިލޭ އެހީގެ ގޮތުގައި ދޭ 10 މިލިއަން ޑޮލަރާއި ކްރެޑިޓަށް ދޭ 10 މިލިއަން ޑޮލަރު ހިމެނެ އެވެ. މިއީ 40 އަހަރުގެ މުއްދަތަކަށް ދީފައިވާ ކްރެޑިޓެކެވެ.
މޫސުމަށް އަންނަ ބަދަލުތަކާއި ކާރިސާތަކުން އަރައިގަތުމަށް ބޭނުންވާ މާލީ ގާބިލްކަން އިތުރު ކުރުމާއި އިންސާނީ ވަސީލަތްތައް ހަރުދަނާ ކުރުމަށް ބޭންކުން ދޭ 10 މިލިއަން ޑޮލަރުގެ ތެރެއިން ފަސް މިލިއަން ޑޮލަރަކީ ހިލޭ އެހީގެ ފައިސާ އެވެ. ބާކީ ފަސް މިލިއަން ޑޮލަރަކީ ކްރެޑިޓަށް ދޭ ފައިސާ އެވެ.
ވޯލްޑް ބޭންކުން ވަނީ ރާއްޖޭގައި ވަޒީފާގެ ފުރުސަތު އިތުރުކުރުމަށް 20 މިލިއަން ޑޮލަރު ދިނުމަށް ވެސް މިދިޔަ މަހު ނިންމައިފަ އެވެ.