03 ޖުލައި 2019 - 15:21

ލާހޯރު (ޖުލައި 3) - އުމްރާގެ އަޅުކަން އަދާކޮށްފައި އައި ދެ މީހަކު ޕާކިސްތާނުގެ ލާހޯރުގެ ބައިނަލްއަގުވާމީ އެއާޕޯޓުގެ އެރައިވަލް ލޯންޖްގައި މިއަދު ބަޑިޖަހައި މަރާލުމުން އެއާޕޯޓުގައި ބިރުވެރިކަން އުފެދިއްޖެ އެވެ.
ފުލުހުން ބުނީ ދެ މީހުން މަރާލީ ޒާތީ ކަމެއްގައި ކަމަށެވެ. އައްލާމާ އިގްބާލް އިންޓަނޭޝަނަލް އެއާޕޯޓުގައި ދިން ބަޑީގެ ހަމަލާގައި އިތުރު މީހަކު ވަނީ ޒަޚަމްވެފަ އެވެ.
އެއާޕޯޓް ސެކިއުރިޓީން ބުނީ ހަމަލާ ދިން ދެ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނީ ހަމަލާ ދިން ދެ މީހުން އެއާޕޯޓާ ހަމައަށް ވާސިލްވީ ޓެކްސީގައި ކަމަށެވެ.
ފުލުހުން ބުނީ އެއާޕޯޓުގެ އެރައިވަލް ލޯންޖުގައި ބަޑި ޖެހުމުން އެތައް ސަތޭކަ ޕަސިންޖަރުންގެ މެދުގައި ބިރުވެރިކަން އުފެދުނު ކަމަށެވެ. އެއާޕޯޓުގެ ސަލާމަތީ ކަންކަން ބަލަހައްޓަން ފަހުން ވަނީ ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވާން ފަށައިފަ އެވެ. އެއާޕޯޓަށް ވަދެ ނުކުމެވޭ ހުރިހާ ދޮރު ތަކެއް ވަނީ ބަންދުކޮށްފަ އެވެ.
ފުލުހުންގެ ފޮރެންސިކް ޓީމަކުން ވަނީ އެއާޕޯޓުގައި ތަހުގީގު ފަށައިފަ އެވެ.