04 ޖުލައި 2019 - 07:40

މީގެ 22 އަހަރު ކުރިން ކާރު އެކްސިޑެންޓްގައި އަވަހާރަވި އިނގިރޭސިވިލާތުގެ ޕްރިންސެސް ޑަޔާނާ 1992 ގައި ރިލީޒްކުރި ފިލްމު "ދަ ބޮޑީގާޑް" ގެ ދެވަނަ ބައިގެ ބަތަލާގެ ރޯލަށް އެއްބަސްވެވަޑައިގަތް ކަމަށް އެ ފިލްމުގެ ބަތަލު ކެވިން ކޯސްނާ ބުނެފި އެވެ.
"ދަ ބޮޑީގާޑް" އަކީ މިކް ޖެކްސަން ގެނެސްދިން ރޮމޭންޓިކް ތުރިލާއެކެވެ. އެ ފިލްމުގެ ލީޑް ރޯލް ކުޅުނީ ކޮސްނާއާ އެކު ކުޅުނީ 2012 ގައި މަރުވި މަޝްހޫރު ލަވަކިޔުންތެރިޔާ ވިޓްނީ ހިއުސްޓަން އެވެ. އެއީ އޭނާގެ އަލަތު ފިލްމު ވެސް މެ އެވެ.
"ދަ ބޮޑީގާޑް" ގެ ދެވަނަ ބައިގެ ހަނދާންތައް އާކުރަމުން، ޕީޕަލް ޓީވީގެ "ކައުޗް ސާފިން" ޝޯގައި ކޯސްނާ، 64، ބުނީ "ބޮޑީގާޑް" ގެ ސިކްއެލްއާ ބެހޭ ގޮތުން އެންމެ ފުރަތަމަ ޑަޔާނާއާ ވާހަކަ ދެކެވުނީ ފޯނުން ކަމަށެވެ.
"ދެކެވުނު ވާހަކަތަކުގެ ތެރޭގައި ޑަޔާނާ އެއްސެވި މަޖަލަކަށް ހައްދަފާވައި ދެ މީހުންގެ ގައިގޯޅި މަންޒަރުތަކެއް ވެސް ހިމެނޭނެތޯ؟ ދެން އަހަރެން ބުނީ ކޮންމެވެސް ވަރަކަށް އެކަހަލަ މަންޒަރުތަކެއް ވެސް ފިލްމުގައި ހުންނާނޭ. އެކަމާ ކޮންމެވެސް ވަރަކަށް ޑަޔާނާ ޖެހިލުންވެވަޑައިގަތް. ސަބަބަކީ އެކަމަނާއަކީ އިނގިރޭސީ ޝާހީ އާއިލާގެ ބޭފުޅަކަށްވުން" އޭނާ ބުންޏެވެ. "ޑަޔާނާއަކީ ވަރަށް ވެސް ހިތްހެޔޮ އަދި އެކުވެރި ބޭފުޅެއް. އަދި ކަންކަމާ ދޭތެރޭ ވަރަށް ޕޮޒިޓިވްކޮށް ދެކެވަޑައިގެންނެވި ބޭފުޅެއް."
ކޯސްނާ ބުނި ގޮތުގައި "ދަ ބޮޑީގާޑް" ގެ ބޮޑު ކާމިޔާބީއާ ގުޅިގެން އެ ފިލްމުގެ ސީކްއެލްއެއް ހެދުމަކީ ވޯނާ ބްރަދާޒް އިން ވެސް ވަރަށް ބޮޑަށް ބޭނުންވި ކަމެކެވެ. އެގޮތުން ފިލްމުގެ ވާހަކަ ޑަޔާނާއާ ހިއްސާ ކުރެވި، އެކަމަނާ ފިލްމަށް އެއްބަސްވެވަޑައިގަތުމުން ޓީމަށް ވަރަށް ބޮޑު ޖޯޝެއް އައި ކަމަށް ވެސް ބުންޏެވެ. އަދި އެކަން ފިލްމުގެ މުޅި ޓީމަށް އެނގުނީ ޑަޔާނާއާ ވާހަކަ ދެކެވުނުތާ އަހަރެއްހާ ދުވަސް ފަހުން ކަމަށް ވެސް ކޮސްނާ ބުންޏެވެ.
"ޑަޔާނާއާ އަސްލު ވާހަކަ ދެކެވޭ ގޮތްވީ ސާރާ ފާގަސަން [ޑަޔާނާގެ ފިރިކަލުން ޕްރިންސް ޗާލްގެ ކޮއްކޮފުޅު ޕްރިންސް އެންޑްރޫގެ ކުރީގެ އަނބިކަނބަލުން] ގެ ސަބަބުން. އޭނަ ފަހިކޮށް ދިން ފުރުސަތެއްގެ ތެރެއިން އަހަރެމެން ޑަޔާނާ އަށް ފިލްމު ހުށަހެޅީ،" ކޯސްނާ ބުންޏެވެ. "އެެހެންވެ ބޮޑީގާޑްގެ ސީކްއެލްގެ މަތިން ހަނދާން ކުރާ އިރު، ސާރާގެ ވާހަކަ ކޮންމެހެން ވެސް ދައްކަން ވަރަށް މުހިއްމު ވާނެ."
ކޯސްނާ ބުނި ގޮތުގައި "ދަ ބޮޑީގާޑް" ގެ ސީކްއެލްގެ ސްކްރިޕްޓް އޭނާ އަށް ލިބުނީ އޮގަސްޓް 31، 1997 ގައި ފްރާންސްގެ ޕެރިހުގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓްގައި ޑަޔާނާ އަވަހާރަވުމުގެ އެއް ދުވަސް ކުރިންނެވެ.
ޕްރިންސް ވިލިއަމާއި ހެރީގެ މަންމާފުޅު އަވަހާރި އިރު އުމުރުފުޅަކީ 36 އެވެ. އެ ހާދިސާ ހިނގި އިރު، ޑަޔާނާ އާއި ޕްރިންސް ޗާލްސްގެ ކައިވެނީގެ ގުޅުމުގައި ބޮޑެތި މައްސަލަތަކެއް ޖެހި، ވަކިން އުޅުއްވައި ޑަޔާނާ ގެންދެވީ މިސްރަށް އުފަން ފްރާންސްގެ ވިޔަފާރިވެރިޔާ ޑޯޑީ ފާއިދާ ލޯބީގެ ގުޅުމެއް ވެސް ބާއްވަމުންނެވެ. އެކްސިޓެންޓްގައި ޑޯޑީ ވެސް ވަނީ މަރުވެފަ އެވެ.
ކޯސްނާ ބުނި ގޮތުގައި ޑަޔާނާ އަވަހާރަވުމާ ގުޅިގެން "ދަ ބޮޑީގާޑް" ގެ ސީކްއެލްގެ މަސައްކަތް ހުއްޓައިލީ އެވެ.
ޕްރިންސް ޑަޔާނާ އަށް ފިލްމެއް ކުޅުއްވުމުގެ ފުރުސަތު ލިބިވަޑައިނުގަތް ނަމަވެސް، އެކަމަނާގެ ހަޔާތުގެ ފު ދުވަސްތަކަށް ބިނާކޮށް 2013 ވަނަ އަހަރު "ޑަޔާނާ" ގެ ނަމުގައި ފިލްމެއް ގެނެސް ދީފައިވެ އެވެ. އެ ފިލްމުގައި ޑަޔާނާގެ ރޯލް ކުޅުނީ ނިއޯމީ ވަޓްސް އެވެ.