03 ޖުލައި 2019 - 14:35

ރާޅާއެޅުންތެރިންނަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކޮށްދިނުމުގެ ވިސްނުމުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިތުރު ސާފިން ސްޕޮޓްތަކެއް ތަރައްގީކުރަން ނިންމާފައިވާ ކަމަށް ސްޕޯޓްސް މިނިސްޓްރީން ބުނެފި އެވެ.
ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ އަށް ގިނަ މެޑަލްތަކެއް ގެނެސްދީފައިވާ ސާފަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭން ނިންމާފައިވާ ކަމަށެވެ. ސަރުކާރުން މި ފަހަރު ތަރައްގީކުރަން ނިންމާފައިވަނީ ނ. ޅޮހި، މ. މުލި، ލ. މާބައިދޫ، ގދ. ވާދޫ އަދި ގދ. ގައްދޫ އެވެ.
މި ރަށްތަކުގައި ހުރި ސާފިން ސްޕޮޓްތަކަކީ ރާޅާ އެޅުންތެރިންނަށް މިހާރު ވެސް ބޭނުންކުރަމުން އަންނަ ތަންތަނެވެ. ސަރުކާރުން ތަރައްގީ ކުރާއިރު އެތަނަށް އަންނާނެ ބަދަލަކީ ރާޅާއެޅުންތެރިން ތިބެން ހަދާ ހަޓާއި ސާފް ބޯޑުތައް ބަހައްޓަން ހަދާ ރެކްތަކެވެ.
މިދިޔަ ޑިސެމްބަރު މަހު ރާއްޖޭގެ ބައެއް ރާޅާއެޅުންތެރިންނާ އެކު ލޮނުޒިޔާރަތްކޮޅުގައި ރާޅާއަޅުއްވައި، ރާއްޖޭގައި މޫދު ކުޅިވަރުގެ ޗެމްޕިއަނުން އުފައްދަން މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު މަހުލޫފް ދެއްވި އެވެ.
މިދިޔަ ހަތަރު އަހަރެއްހާ ދުވަހު ރާޅުގަނޑު ބަންދުކޮށްފައި އޮތުމުން ރާޅާއެޅުންތެރިން ރާޅަށް ދިޔައީ ކ. ތަނބުރުދޫ އަށެވެ. ސަރުކާރުން އިސް ނަގައިގެން އެމްޓީސީސީން ވަނީ ރާޅާއެޅުންތެރިންނަށް މާލެ އާއި ތަނބުރުދޫއާ ދެމެދު ފެރީ ބާއްވައިދީފަ އެވެ. އެކަމަކު އޭގެ އިން އެންމެ އެކަށީގެންވާ ފައިދާތަކެއް ނުކުރެ އެވެ.
ދުނިޔޭގެ މަޝްހޫރު ސާފަރުންގެ މެދުގައި ރާއްޖޭގެ ގިނަ ސާފިން ސްޕޮޓްތައް މަގުބޫލެވެ. އެތަންތަން ތަރައްގީކޮށް ރަނގަޅު ފެންވަރަކަށް ގެނެސްފި ނަމަ މުސްތަގުބަލުގައި ރާއްޖޭގައި ގިނަ ސާފަރުން އުފެދޭނެކަމަށް ސާފިން އެސޯސިއޭޝަނުން މީގެ ކުރިން ވަނީ ބުނެފަ އެވެ.
ސިނަމާލޭ ބްރިޖް އެޅުމަށްޓަކައި އެ ސަރަހައްދު ބަންދުކުރުމުން، މުބާރާތެއް ނުބޭއްވި ގިނަ އަހަރުތަކެއް ދިއުމަށް ފަހު މިހާރު އަންނަނީ އަލުން އެ ތަނުގައި ގިނަ މުބާރާތްތަކެއް ބާއްވަމުންނެވެ. ސާފިން އެސޯސިއޭޝަނުން ވަނީ މުޅި ރާއްޖެ އަށް އެ ކުޅިވަރު ފުޅާކުރަން ކުރާ މަސައްކަތުގައި ގިނަ ސްޕޮންސަރުންގެ އެހީތެރިކަން ބޭނުންވާ ކަމަށް ބުނެފަ އެވެ. މި ވަގުތު ސާފިންގެ ގިނަ ހަރަކާތްތަކެއްގެ އެންމެ ގާތް އެހީތެރިއެއްގެ ގޮތުގައި ފެންނަނީ ސީ ސްޕޯޓްސް އެވެ.