ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

މިދިޔަ މާޗް މަހު "ބަދުލާ" ގެނެސްދިން ޑައިރެކްޓަރު ސުޖޯއި ގޯޝް ބެލުންތެރިންނަށް ވެބް ސީރީޒަކަށް ތައްޔާރުވެއްޖެ އެވެ.

"ޓައިޕްރައިޓާ" ގެ ނަން ދީފައިވާ މި ސީރީޒަކީ ނެޓްފްލިކްސް އިން މި އަހަރު ގެނެސްދޭ އިންޑިއާގެ އޮރިޖިނަލް ކޮންޓެންޓްގެ ތެރެއިން އެކައްޗެވެ. ސުޖޯއި ލިޔެ، ޑައިރެކްޓްކޮށްފައިވާ ސީރީޒްގެ ޓްރެއިލާ ވެސް މިހާރު ވަނީ ދައްކާލައިފި އެވެ.

ބިރުވެރި ކަންތައްތަކެއް ވެސް ފެނިގެންދާ "ޓައިޕްރައިޓާ" ގެ ކާސްޓުންނަކީ ޕޫރަބް ކޯލީ، ސަމީރު ކޮޗާރް، ޕަލޯމީ ގޯޝް، މިކާއީލް ގާންދީ، އާރްނާ ޝަރުމާ، ޕަލަޝް ކަމްބްލޭ، އާރިއަންޝް މަލްވިއާ އަދި ބޮޖޯއު ތާންގްޖަމް އެވެ.

އަށް އެޕިސޯޑް އެކުލެވޭ ސީރީޒް މި މަހުގެ 19 ވަނަ ދުވަހު ނެޓްފްލިކްސް އިން ސްޓްރީމް ކުރަން މިހާރު ވަނީ ހަމަޖެހިފަ އެވެ. "ޓައިޕްރައިޓާ" އަކީ "ކަހާނީ" ފަދަ ފިލްމުތައް ގެނެސް ދިން ސުޖޯއި ޑައިރެކްޓް ކުރި ފުރަތަމަ ވެބް ސީރީޒެވެ.

މި މަހުގެ 26 ވަނަ ދުވަހު ރިލީޒް ކުރާ ފިލްމު "އަރުޖުން ޕަޓިއާލާ" ގައި ހިމެނޭ ބަތަލާ ސަނީ ލިއޯނީގެ އައިޓަމް ލަވަ ދައްކާލައިފި އެވެ.

"ހަބީބީ ވާސަސް ޑީސެންޓް މުންޑާ" ގެ ނަން ދީފައިވާ މި ލަވަ ކިޔާފައި ވަނީ ގްރޫ ރަންދުވާ އެވެ. ޕާޓީ ސްޓައިލްގެ ފޯރި ގަދަ ލަވައިގެ މިއުޒިކް ހެދީ ސަޗިން-ޖިގަރެވެ. މި ލަވައިގައި ހިމެނޭ އަރަބި ކަޑިތައް ކިޔާފައި ވަނީ ބެނީ ދަޔާލެވެ.

ލަވައިގެ ވީޑިއޯ އިން ސަނީއާ އެކު "އަރުޖުން ޕަޓިއާލާ" ދެ ބަތަލުން ކަމަށްވާ ދިލްޖީތު ދޮސަންޖާއި ވަރުން ޝަރުމާ ވެސް ފެނިގެން ދެ އެވެ. މި ފިލްމުގެ ބަތަލާއަކީ ކްރިތީ ސެނަން އެވެ.

މި ފިލްމަކީ މި އަހަރު ގެނެސް ދިން "ލުކާ ޗުއްޕީ" އަށް ފަހު، މެޑޮކް ފިލްމްސް އިން ގެނެސްދޭ ދެވަނަ ފިލްމެވެ. މީގެ ޑައިރެކްޓަރަކީ ރޯހިތު ޖުގްރާޖް ޗޯހަން އެވެ.

މިދިޔަ އަހަރު މަޝްހޫރު ރެޕާ/ލަވަކިޔުންތެރިޔާ ޔޯ ޔޯ ހަނީ ސިންގް ނެރުނު ވީޑިއޯ ލަވަ "މަކްނާ" ގެ ޅެމުގައި އަންހެނުންނަށް ކުޑައިމީސް ކުރެވޭ ކަހަލަ އިބާތްތަކެއް ހުރި ކަމަށް ބުނެ އޭނާގެ މައްސަލަ ތަހުގީގުކޮށް ދޭން އެދި ފުލުހުންނަށް ހުށަހަޅައިފި އެވެ.

މައްސަލަ ފުލުހުންނަށް ހުށަހެޅީ ޕަންޖާބް ސްޓޭޓް ވިމެން ކޮމިޝަނުންނެވެ. އެ ކޮމިޝަނުގެ ޗެއާޕާސަން މަނީޝާ ގުލާތީ ބުނީ ޔޯ ޔޯގެ ލަވައިގައި އަންހެނުންނަށް ހުތުރުވާ ކަހަލަ ލަފުޒުތައް ބޭނުންކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި "މޭ ހޫ ވުމެނައިޒާ" ފަދަ އިބާރާތްތައް ހިމެނެ އެވެ.

މަނީޝާ ބުނި ގޮތުގައި ފުލުހުންނަށް ހުށަހެޅީ ޔޯ ޔޯގެ އިތުރުން "މަކްނާ" ލަވަ ޕްރެންޓްކޮށް ދިން ޓީ ސީރީޒާއި އެ ކުންފުނީގެ ވެރިޔާ ބުޝަން ކުމާރާއި ލަވައިގެ އަޑުގެ ވެރިންގެ ގޮތުގައި ހިއްސާވި ނޭހާ ކައްކަރަށެވެ. އަދި މައްސަލަ ތަހުގީގުކޮށް، އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ގޮވާލާފައިވެ އެވެ.

މީގެ ކުރިން ވެސް އެކި ފަހަރު މަތިން ޔޯ ޔޯގެ ލަވަތަކުގައި ބޭއަދަބީ ބަސްތައް ބޭނުންކޮށްފައި ހުންނާތީ މައްސަލަތައް ޖެހިފައިވެ އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ކެންސަރަށް ފަރުވާ ހޯދަމުން އަންނަ ކަމަށް ބުނި އިންޑިއާގެ ބަތަލާ ނަފީސާ އަލީ ކެންސަރުން ސަލާމަތްވެއްޖެ އެވެ.

މިދިޔަ އަހަރު ކެންސަރުގެ ތިން ވަނަ ސްޓޭޖްގައި ހުރިކަން ހިއްސާ ކުރި 62 އަހަރުގެ ބަތަލާ ޒޫމް ޓީވީ އަށް ބުނީ އޭނާ މިހާރު ހުރީ ކެންސަރުން ސަލާމަތްވެފައި ކަމަށެވެ. އޭނާ ބުނީ މިއީ އާއިލާ އާއި ހެޔޮއެދޭ މީހުންގެ ދުއާގެ ނަތީޖާ ކަމަށެވެ.

"ލައިފް އިން އަ...މެޓްރޯ" އާއި "ސާހިބް ބީވީ އޯރް ގޭންގްސްޓާ 3" ފަދަ ފިލްމުތަކުން ފެނިފައިނާ ނަފީސާ ބުނި ގޮތުގައި ބަލިން އޭނާ ސަލާމަތްވީ ހިތްވަރާ އެކު، ފަރުވާއާ ކުރިމަތިލައިގެންނެވެ. އަދި މިހާރު ހުރީ ވަރަށް އުފާވެރި ހާލަތެއްގައި ކަމަށް ބުންޏެވެ.

ނަފީސާ ބުނި ގޮތުގައި މިހާރު ދެން އަނެއްކާ ވެސް ބޭނުން ވަނީ ފުރުސަތުތައް ލިބޭ ވަރަކުން ފިލްމުތަކުގައި މަސައްކަތް ކުރާށެވެ. އަދި އޭނާ އަށް ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން ފުރުސަތު ދޭނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް ބުންޏެވެ.

ކުރީގެ ޕޯލޯ ކުޅުންތެރިޔާ ރިޓަޔާޑް ކާނަލް އާރްއެސް ސޯދީއާ ކައިވެނިކޮށްގެން ތިން ދަރިން ވެސް ތިބި މަންމަ ކުޅެފައިވާ ފާހަގަކޮށްލެވޭ އިތުރު ފިލްމުތަކުގެ ތެރޭގައި ޔަމްލާ ޕަގްލާ ދީވާނާ (2010)، ބޭވަފާ (2005) އަދި މޭޖާ ސާހަބް (1998) ހިމެނެ އެވެ.