03 ޖުލައި 2019 - 12:53

އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވާ އެއްވުމެއް ބާއްވަން ކާނިވާ ސަރަހައްދު ޕީޕީއެމަށް ދޫކޮށްފި އެވެ.
ޕީޕީއެމާއި ޕީއެންސީގެ އެއްވުން ބާއްވަން ނިންމާފައި ވަނީ މާދަމާ ރެ އެވެ. އެ އެއްވުމަށް ޕްލޭނިން މިނިސްޓްރީން ވަނީ މާދަމާ ރޭ 6:00 ން ރޭގަނޑު 12:00 އަށް ކާނިވާ ސަރަހައްދު އެ ޕާޓީ އަށް ދޫކޮށްފަ އެވެ.
ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް މިއަދު ވިދާޅުވީ އެ އެއްވުމުގައި ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅޭ ޝުއޫރުތައް ފާޅުކުރާނެ ކަމަށެވެ. މި ސަރުކާރަށް އަށް މަސްވި އިރު ރައްޔިތުން ބޭނުންވާ ސްޕީޑުގައި ތަރައްގީގެ އެއްވެސް ކަމެއް ކުރިއަށް ނުދާ ކަމުގެ ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށް ވިދާޅުވި އެވެ. ސަރުކާރުގެ އަމަލުތައް ހުރީ، އޭނާ ވިދާޅުވި ގޮތުގައި، ރައްޔިތުން މާޔޫސްވާ ގޮތަށެވެ.
ޚާއްސަކޮށް، އެތައް ދިވެހިންނެއްގެ ލޭ އޮހޮރުވާލައި ފިލައިގެން އުޅުނު ހާޖަރާގޭ ލުތުފީގެ ކަންކަމުގައި ރައްޔިތުންނަށް އޮޅުވާލައި ބޮޑު ޖަރީމާއެއް ހިންގައި އެކަން ސިއްރުކުރަން އަމަލުކުރަމުންދާ ގޮތް ބަލައެއް ނުގަނެވޭ ކަމަށް ވިދާޅުވި އެވެ.
ކަރަންޓާއި އެ ނޫން ވެސް އަސާސީ ޚިދުމަތްތަކުގެ އަގު އިންތިހާ އަށް ބޮޑުވެފައިވާ އިރު ސަރުކާރުގެ އަމަލުތައް ހުރީ ނިކަމެތިންނަށް ގެއްލުންވާ ގޮތަށް ކަމަށް ވިދާޅުވި އެވެ.
"ރައީސް ޔާމީންގެ ސަރުކާރުން އެޅި 7،000 ފްލެޓްތަކުގެ އަގު އިންތިހާ އަށް އެ ވަނީ ބޮޑުކޮށްފައި. އަދި ފްލެޓްތަކުގެ އަދަދު އެ ވަނީ މަދުކޮށްފައި. މިހާރު އޮތް ގޮތުން ވެސް 140 މީހަކަށް ފްލެޓް އެބަ ގެއްލޭ. މިއީ ހައްތާވެސް ކަންބޮޑުވާ މައްސަލަތައް،" ޝިޔާމް ވިދާޅުވި އެވެ.
ޕީޕީއެމުން އެދުނު ގޮތަށް ކާނިވާ ސަރަހައްދު ދޫކުރި އިރު، އެ ޕާޓީގެ ސަރުކާރުގައި އިދިކޮޅު ހަރަކާތްތައް ހިންގަން އޮތީ ވަރަށް ބޮޑަށް ދަތިކޮށްފަ އެވެ. އޭރުގެ އިދިކޮޅު އަދި މިހާރު ސަރުކާރު ކޯލިޝަންގެ ޖަލްސާއެއް ބާއްވަން އެއްވެސް ތަނެއް ދޫނުކުރާ ކަމުގެ ޝަކުވާ ބޮޑެވެ. ޕާޓީތަކުގެ ޖަގަހަތަކުގައި ބާއްވާ އެއްވުންތައް ވެސް ފުލުހުން ހުއްޓުވަ އެވެ.
ކުރީ ސަރުކާރުން އަމަލުކުރި އުސޫލުން އިދިކޮޅު ސިޔާސީ ހަރަކާތްތަކަށް ހުރަސް ނާޅާނެ ކަމަށް މި ސަރުކާރުން ވަނީ ރައޔިތުންނަށް ވައުދުވެފަ އެވެ.