ޝަކުވާ ބޮޑުވެ ހުޅުމާލެ ފްލެޓުތަކުގެ ހުސް ސަރަހައްދުގެ ހާލަތު ބަލަނީ
ޝަކުވާ ބޮޑުވެ ހުޅުމާލެ ފްލެޓުތަކުގެ ހުސް ސަރަހައްދުގެ ހާލަތު ބަލަނީ

ހުޅުމާލެ ފްލެޓުތަކުގެ ހުސް ސަރަހައްދު ގަވައިދާ ހިލާފަށް ބޭނުންކުރާ ކަމުގެ ޝަކުވާތަކާއެކު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެތަންތަނުގެ ހާލަތު ބަލަން ނިންމައިފި އެވެ.

އެ ކޯޕަރޭޝަނުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ހުޅުމާލޭ ފްލެޓުތަކުގައި ދިރިއުޅޭ މީހުން އެ ސަރަހައްދުގެ ހުސް ޖާގަތައް ގަވާއިދާ ހިލާފަށް ބޭނުންކުރަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އެހެންވެ މި މަހުގެ ތެރޭގައި ފްލެޓުތަކުގެ ކޮމަންއޭރިޔާ ސާވޭކުރަން ހަމަޖައްސާފައިވާ ކަމަށް ބުންޏެވެ.

ހުޅުމާލެ އަކީ މީހުން ދިރިއުޅެން ހިތްފަސޭހަ އަދި އިގުތިސާދީ އެކި މަސައްކަތްކުރަން އެކަށޭނެ މާހައުލެއް ގާއިމުކުރުމުގެ ނިޔަތުގައި ވަކިގޮތަކަށް ޕްލޭންކޮށްފައިވާ ރަށެއް ކަމަށާއި އެޗްޑީސީން މަސައްކަތް ކުރަމުން އަންނަނީ ވެސް އެފަދަ މާހައުލެއް ގާއިމުކުރަން ކަން ބަޔާނުގައި ފާހަގަކުރި އެވެ.

ސާވޭގައި، ކޮމަންއޭރިޔާ އިމާރާތްކޮށްފައި ހުރުމާއި އެއްމެދު އިމާރާތަށް ގެއްލުންވާފަދަ ގަސްތައް އިންދާފައި ހުރުމާއި ކޮމަންއޭރިޔާ ހިޔާކޮށް ދޮރު ހަރުކޮށްފައި ހުރުމާއި ވިޔަފާރި ބޭނުމަށް ކޮމަންއޭރިޔާ ބޭނުންކުރުމާއި އެޗްޑީސީން ހުއްދަ ނުކުރާ ފަދަ ބަދަލެއް އިމާރާތުގެ ބޭރަށް ގެނެސްފައި ހުރުމުގެ އިތުރުން ބެލްކަނީގެ ރެއިލިން އިން ދޮރުކަނޑާފައި ހުރިތޯ ބަލާނެ އެވެ.

ފްލެޓުތަކުގެ ހުސް ސަރަހައްދުގެ ހާލަތު ބަލަން ނިންމިއިރު، އެތަންތަނުގައި ބަގީޗާ ހެއްދުމާއި ވިޔަފާރިކުރުމާއި ޖެޓްސީކީ ފަދަ އުޅަނދުތައް ބަހައްޓާފައި ވެ އެވެ. އެކަމުގެ ސަބަބުން އާއްމުންނަށް ގިނަ ދަތިތަކާ ދިމާވެ އެވެ.