ސަނީ ޑިއޯލް އެސިސްޓެންޓަކު އައްޔަން ކުރުމުން ފާޑުކިޔަނީ
ސަނީ ޑިއޯލް އެސިސްޓެންޓަކު އައްޔަން ކުރުމުން ފާޑުކިޔަނީ

ވެރިކަން ކުރާ ބީޖޭޕީގެ ޓިކެޓްގައި، އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ލޯކް ސަބާގެ ޕަންޖާބުގެ ގުރުދާސްޕޫރުގެ ގޮނޑިއަށް މި ފަހަރު އިންތިހާބުވި ބޮލީވުޑްގެ އެކްޓަރު ސަނީ ޑިއޯލް އޭނާގެ ދާއިރާގެ ކަންކަން ބެލެއްޓުމަށް އެސިސްޓެންޓަކު ހަމަޖެއްސުމުން އެ ދާއިރާގެ ގިނަ ބައެއްފެ ފާޑުކިޔުންތައް އޭނާ އަށް އަމާޒުވެއްޖެ އެވެ.

މިކަމާ ގުޅިގެން ބައެއް މީހުން ބުނީ ސަނީގެ ދަށުން މަސައްކަތް ކުރާނެ މީހަކު ހަމަޖެއްސުމަކީ ރައްޔިތުން ދިން ވޯޓް އޮޅުވައިލުމުގެ އަމަލެއް ކަމަށާއި ދާއިރާގެ ރައްޔިތުންނަށްޓަކައި އޭނާ އަށް ވަގުތު ހުސްނުކުރެވޭ ނަމަ، މަގާމުން އިސްތިއުފާ ދިނުން މާ ރަނގަޅު ކަމަށެވެ. އަދި މެމްބަރެއްގެ ޒިންމާ އަކީ އަބަދުވެސް ރައްޔިތުންގެ ގާތަށް ގޮސް، އެ މީހުންގެ ވާހަކަތައް އަޑު އަހައި ކަންކަން ގާތުން ބަލައި އެކަންކަމާ ގުޅޭ ގޮތުން ވަކާލާތު ކުރުން ކަމަށް ބުންޏެވެ.

ނަމަވެސް ބަދަލުގައި އެ ޒިންމާތައް އެހެން މީހަކާ ހަވާލު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ގުރުދާސްޕޫރްގެ ބައެއް ރައްޔިތުން ބުނެފައިވެ އެވެ.

މިކަމާ ގުޅިގެން ސަނީ ޓްވިޓާގައި އާންމުކުރި ބަޔާނެއްގައި ބުނީ ގުރުދާސްޕޫރްގައި ހުންނަ އޭނާގެ އޮފީހަށް ޕާސަނަލް އެސިސްޓަންޓް (ޕީއޭ) އަކު ހަމަޖެއްސީ ލޯކް ސަބާގެ ރަސްމީ މަސައްކަތްތަކުގައި ބިޒީކޮށް އުޅެން ޖެހޭ އިރު، ގުރުދާސްޕޫރުގެ ހާލަތު ކައިރިން ބަލައި، މަސައްކަތްތައް އޮމާންކޮށް ކުރިއަށް ގެންދިއުމުގެ ބޭނުމުގައި ކަމަށެވެ.

ސަނީ ބުނީ ޕީއޭ އަކު ހަމަޖެއްސުމުން އެކަމާ ދެކޮޅަށް ވާހަކަ ދެއްކުމަކީ އެހާ ރަނގަޅު ކަމެއް ނޫން ކަމަށެވެ.

ސިޔާސީ ދާއިރާ އަށް ނުކުތް އިރު އޭނާ އަންނަނީ ދޮށީ ފިރިހެން ދަރިފުޅު ކަރަން ޑިއޯލް ބޮލީވުޑަށް ނެރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އެގޮތުން ސަނީ ޑައިރެކްޓް ކުރި ފިލްމު "ޕަލް ޕަލް ދިލް ކޭ ޕާސް" އަންނަ ސެޕްޓެމްބަރު މަހުގެ 20 ގައި ސިނަމާތަކަށް އަންނާނެ އެވެ.