03 ޖުލައި 2019 - 10:41

މޮސްކޯ (ޖުލައި 3) - ރަޝިޔާގެ ކަނޑުގެ ސިފައިންގެ ރިސާޗް ސަބްމެރިންއެއްގައި އަލިފާން ރޯވެ 14 މީހުން މަރުވެއްޖެ އެވެ.
ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ބުނީ އެ ގައުމުގެ ކަނޑުގެ ސަރަހައްދުގެ މިންތަކެއް ނެގުމުގައި އުޅުނު ސަބްމެރިން އިން އެރި ދުމުގެ ސަބަބުން ފަޅުވެރިން ތިބީ ވިހަވެފައި ކަމަށެވެ. ސަބްމެރިންއާ ގުޅޭ އިތުރު ތަފްސީލް ޑިފެންސް މިނިސްޓްރީން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް އެ ގައުމުގެ މީޑިއާތަކުން ބުނެފައި ވަނީ އެއީ ޚާއްސަ އޮޕަރޭޝަންތަކުގައި ބޭނުންކުރާ ކުޑަ ނިއުކްލިއާ ސަބްމެރިންއެއް ކަމަށެވެ.
ސަބްމެރިންގައި ރޯވި އަލިފާން ނިއްވާލުމަށް ފަހު މިހާރު ވަނީ ރަޝިޔާގެ ނޮދަން ފްލީޓުގެ މައި ބަނދަރު ކަމަށްވާ ސެވެރޮމޯސްކް އަށް ގެންގޮސްފަ އެވެ.
އަލިފާން ރޯވި އިރު ސަބްމެރިންގައި ތިބީ ކިތައް ފަޅުވެރިން ކަމެއް ޑިފެންސް މިނިސްޓްރީން ހާމަކޮށްފައެއް ނުވެ އެވެ. ރަޝިޔާގެ މީޑިއާތަކުން ބުނި ގޮތުގައި ބައެއް ފަޅުވެރިންނަށް އަނިޔާވެގެން ހޮސްޕިޓަލުން ވެސް ވަނީ ފަރުވާ ދީފަ އެވެ. ސަބްމެރިން އިން ސަލާމަތްވީ ކިތައް މީހުން ކަމެއް ނޭނގެ އެވެ.
ސަބްމެރިންގައި އަލިފާން ރޯވި ހާދިސާގެ ތަހުގީގު މިހާރު ވަނީ ކަނޑުގެ ސިފައިންގެ ވެރިޔާގެ ބެލުމުގެ ދަށުން ފަށައިފަ އެވެ.