03 ޖުލައި 2019 - 14:51

ދުނިޔޭގެ އެންމެ ޝަރަފުވެރި ފިލްމީ އެވޯޑް ކަމަށްވާ އޮސްކާގެ 92 ވަނަ އެޑިޝަނަށް ތައްޔާރުވަމުން އަންނަ އިރު، މި ފަހަރުގެ އެކެޑެމީން އިންޑިއާގެ ހަ ފަންނާނަކަށް ވެސް ވޯޓް ދިނުމުގެ ފުރުސަތު ލިބިއްޖެ އެވެ.
އޮސްކާ އެވޯޑް އިންތިޒާމުކުރާ އެކެޑެމީ އޮފް މޯޝަން ޕިކްޗާ، އާޓްސް އެންޑް ސައިންސެސް (އޭއެމްޕީއޭއެސް) އިން އިއުލާންކޮށްފައިވާ ގޮތުގައި މި ފަހަރުގެ ދި އެކެޑެމީގެ މެމްބަރުންގެ ގޮތުގައި ދުނިޔޭގެ 59 ގައުމަކުން 842 އާ މެމްބަރުން ހިމެނޭނެ އެވެ.
މި ފަހަރު އިންޑިއާ އިން ފުރުސަތު ލިބުނު ފަންނާނުންނަކީ ޑައިރެކްޓަރުން ކަމަށްވާ އަނޫރާގް ކެޝަޕާއި ޒޯޔާ އަހްތަރާއި ހޮލީވުޑާއި ބޮލީވުޑްގައި މަސައްކަތް ކުރާ ޑައިރެކްޓަރު ރިތޭޝް ބަޓްރާގެ އިތުރުން ދެ އިންޑަސްޓްރީގައި ވެސް މަސައްކަތް ކުރާ އެކްޓަރު އަނޫޕަމް ކޭރް، އަދި ވިޝުއެލް އިފެކްޓްސް ދާއިރާގައި މަސައްކަތް ކުރާ ޝެރީ ބަރުދާ އަދި ސްރިނިވާސް މޯހަން އެވެ.
އެކެޑެމީން ބުނި ގޮތުގައި މި އަހަރުގެ އެކެޑެމީގެ މެމްބަރުންގެ ގޮތުގައި މުޅިން އަލަށް ހިއްސާވާ އަންހެން މެމްބަރުންގެ ނިސްބަތް 50 ޕަސެންޓަށް އަރާ އިރު، މުޅި އެކެޑެމީގައި އަންހެނުން ތަމްސީލު ކުރާ ނިސްބަތް މި އަހަރު އުޅޭނީ 32 ޕަސެންޓުގަ އެވެ.
އެކެޑެމީ އަށް މެމްބަރުން ނަގަނީ އެވޯޑް ދެވޭ އެކި ކެޓަގަރީތަށް ނިސްބަތްވާ ދާއިރާތަކަށް ހާއްސަކޮށްގެންނެވެ.
އެގޮތުން "މަންމަރުޒިޔާ" ފަދަ ފިލްމުތައް ގެނެސް ދިން އަނޫރާގަށް ކުރު ފިލްމާއި އެނިމޭޓެޑް ފިލްމު ކެޓަގަރީން ފުރުސަތު ލިބުނު އިރު، މި އަހަރު "ގަލީ ބޯއި" ގެނެސް ދިން ޒޯޔާ އަށް ފުރުސަތު ލިބުނީ ޑައިރެކްޓަރުންގެ ކެޓަގަރީންނެވެ. ދާދި ފަހުން "ފޮޓޯގްރާފް" ގެނެސް ދިން ރިތޭޝް އަށް ފުރުސަތު ލިބުނީ ރައިޓާޒް ކެޓަގަރީންނެވެ. އަނޫޕަމަށް ފުރުސަތު ލިބުނީ "ހޮޓެލް މުމްބާއީ" އާއި "ދަ ބިގް ސިކް" ފަދަ ހޮލީވުޑްގެ ފިލްމުތަކާ އެކު އެކްޓިން ކެޓަގަރީންނެވެ.
އަދި ޝެރީ އާއި ސްރިނިވާސަން އަށް ފުރުސަތު ލިބީ ވިޝުއެލް އިފެކްޓްސް ބްރާންޗުންނެވެ.
އިންޑިއާ އިން މި އަހަރު ފުރުސަތު ލިބުނު ފަންނާނުން ވަނީ އެކެޑެމީގެ މެމްބަރުންގެ ގޮތުގައި ފުރުސަތު ލިބުކަން އެނގުމާ އެކު، ޓްވިޓާގައި ވެސް އެ ވާހަކަ ހިއްސާކޮށްފަ އެވެ. އަދި އެ މީހުންގެ ފޭނުން ވަރަށް ބޮޑަށް މަރުހަބާ ކިޔާފައިވެ އެވެ.
އަންނަ އަހަރު ބާއްވާ 92 ވަނަ އޮސްކާ އެވޯޑް ހަފުލާ އޮންނާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 9 ގަ އެވެ. އެ އެވޯޑްގެ އެކިއެކި މަސައްކަތްތައް ކުރިއަށް ދާނެ ގޮތުގެ ތާވަލު ވެސް ދާދި ފަހުން އެކެޑެމީން ވަނީ އިއުލާންކޮށްފަ އެވެ.
މިދިޔަ އަހަރު އެކެޑެމީގެ މެމްބަރުންގެ ގޮތުގައި މަސައްކަތް ކުރި އިންޑިއާގެ ފަންނާނުންގެ ތެރޭގައި ޝާހްރުކް ހާން، މަދޫރީ ޑިކްސިޓް، ނަސީރުއްދީން ޝާހް، އަނިލް ކަޕޫރް، އަލީ ފަޒަލް، އަދިތިޔާ ޗޯޕްޅާ އަދި މަދާބީ މުކަރްޖީ އެވެ.