ސޯނަމް ކަޕޫރްގެ "މަސައްކަލީ" އަލުން އެހެން ފިލްމަކަށް
ސޯނަމް ކަޕޫރްގެ "މަސައްކަލީ" އަލުން އެހެން ފިލްމަކަށް

މަގުބޫލުކަން ހޯދާފައިވާ ކުރީގެ ލަވަތައް މި ފަހުގެ ހިންދީ ފިލްމުތަކުގައި ހިމެނުމަކީ މިހާރު އާންމުވެފައިވާ ޓްރެންޑެކެވެ. ބައެއް ބަދަލުތައް ގެނެސްގެން ބެލުންތެރިންނަށް އަލުން ގެނެސްދޭން ނިންމާފައިވާ ކިތަންމެ ލަވައެއް ހިންދީ ސިނަމާ އިން ކުރިއަށް އަދި ފެންނަން ހުރީ އެވެ.

މި ލިސްޓަށް މި ފަހަރު އިތުރުވާ ލަވައަކީ ސޯނަމް ކަޕޫރާއި އަބީޝެކް ބައްޗަން 2009 ގައި ކުޅުނު ފިލްމު "ދިއްލީ 6" ހިޓް ލަވަ "މަސައްކަލީ" އެވެ. މި ލަވައިގެ އާ ވާޝަނެއް ހިމަނަން ނިންމާފައި ވަނީ އަންނަ އޮކްޓޯބަރު މަހުގެ 2 ގައި ރިލީޒްކުރާ ޑައިރެކްޓަރު މިލަޕް މިލަން ޒަވޭރީގެ ފިލްމު "މަރުޖާވާ" ގަ އެވެ.

ފިލްމީ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނީ އެ ފިލްމުގައި ހިމަނާ "މަސައްކަލީ" ލަވައިން ފެނިގެން ދާނީ ސިދާތު މަލްއުތުރާ އާއި ރަކުލް ޕްރީތު ސިންގް ކަމަށެވެ. "މަރުޖާވާ" ގެ ކާސްޓުންގެ ތެރޭގައި ތާރާ ސުތާރިއާ އާއި ރިތޭޝް ދޭޝްމުކް ވެސް ހިމެނެ އެވެ.

ނަމަވެސް ލަވައިގެ އާ ވާޝަން ކިޔަނީ ކޮން ލަވައެއް ކިޔުންތެރިއެއް ކަމެއް އަދި ސާފެއް ނޫނެވެ. އޭއާރް ރަހުމާން މިއުޒިކް ހެދި "މަސައްކަލީ" ކިޔާފައި ވަނީ މޯހިތު ޗޯހަން އެވެ.

މިހާރު ދެން ސުވާލަކީ "މަރުޖާވާ" ގައި އެ ލަވަ ގެނެސް ދޭނީ ކިހިނެއްތޯ އެވެ؟ އޯމް ޕްރަކާޝް މެރެހާ ޑައިރެކްޓް ކުރި "ދިއްލީ 6" ގައި ހިމެނޭ "މަސައްކަލީ" އަކީ އެހާ އަވަސް އަދި އެހާ ލަސް ޓެމްޕޯއެއްގެ ލަވައެއް ވެސް ނޫނެވެ. އެއީ އަޑު އަހައިލަން ފަސޭހަ މެދުމިނެއްގެ މިއުޒިކެއް ހިމެނޭ ލަވައެކެވެ. ލަވައިން ފެނިގެން ގޮސްފައި ވަނީ ސޯނަމާއި އަބީޝެކެވެ.

މިލަޕްއަކީ މިދިޔަ އަހަރު އޭނާ ގެނެސް ދިން "ސަތިޔަމޭވް ޖަޔަތޭ" ގައި ވެސް ވަރަށް ފޯރި ގަދަ އައިޓަމް ލަވައެއް ގެނެސް ދިން ޑައިރެކްޓަރެކެވެ. އެއީ ނޯރާ ފަތެހީގެ ފަރި ނެށުންތައް ފެނިގެން ދިޔަ "ދިލްބަރު" އެވެ. އެ ލަވައަކީ 1999 ގައި ސަންޖޭ ކަޕޫރާއި ސުޝްމިިތާ ސެން ކުޅުނު ފިލްމު "ސިރްފް ތުމް" ގެ ލަވައެކެވެ.

އެހެންވެ "މަސައްކަލީ" އާ އޭނާ ކުޅެފައި އޮންނާނެ ގޮތެއް ބަލައިލުމުގެ ޝައުގުވެރިކަން ގައިމު ވެސް ބޮޑު ވާނެ އެވެ.