04 ޖުލައި 2019 - 07:42

މީގެ ކުރިން ވެސް ބައޮގްރަފިކަލް ޑްރާމާތަކެއްގައި މަސައްކަތް ކުރަން ލިބުނު ހުނަރުވެރި ބަތަލާ ތާޕްސީ ޕައްނޫ އަށް އިންޑިއާގެ މަޝްހޫރު އަންހެން ކްރިކެޓް ކުޅުންތެރިއެއްގެ ރޯލް ކުޅެން ލިބިއްޖެ އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ހުނަރުވެރި އަންހެން ކްރިކެޓް ކުޅުންތެރިޔާ މިތާލީ ރާޖްގެ ވާހަކަ ކިޔައިދޭ ފިލްމެއް ހަދަން 2017 ގައި އިއުލާން ކުރި ފިލްމު ކުންފުނި ވަޔަކޮމް 18 އިން މިހާރު ވަނީ ފިލްމުގެ ބަތަލާގެ ރޯލް ތާޕްސީ އަށް ހުށަހަޅައިފަ އެވެ.
ނަމަވެސް ފިލްމާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ހިއްސާއެއް ނުކުރެ އެވެ. ހަންގާމާ އިން ބުނި ގޮތުގައި ފިލްމުގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް މިހާރު ވަމުން އަަންނަ އިރު، ތާޕްސީ ކްރިކެޓްގެ ތަމްރީނުތަކެއް ވެސް ހަދާނެ އެވެ.
ޕަންޖާބީ އެކްޓަރު ދިލްޖީތު ދޮސަންޖް މިދިޔަ އަހަރު ކުޅުނު އިންޑިއާގެ ހޮކީ ތަރި ސަންދީޕް ސިންގްގެ ބައޮގްރަފިކަލް ޑްރާމާ "ސޫރްމާ" ގައި ވެސް މުހިއްމު ރޯލެއް ކުޅުނު ތާޕްސީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި އޮތީ ދެ ވެސް ބައޮޕިކެވެ. އެއީ "މިޝަން މަންގަލް" އާއި "ސާންޑް ކީ އާންކް" އެވެ.
އަންނަ މަހުގެ 15 ގައި ރިލީޒް ކުރާ "މިޝަން މަންގަލް" އަކީ އިންޑިއާ އިން އަންހެން ސައިންސްޓިސްޓުންތަކެއް އިސްކޮށް ތިބެގެން 2013 ގައި މާސް އަށް ލޯންޗް ކުރި މިޝަން އަށް ބިނާކޮށް ހަދާ ފިލްމެކެވެ. ގިނަ ތަރިންތަކެއް ހިމެނޭ ފިލްމުގައި ތާޕްސީ ފެނިގެން ދާނީ ކްރިތިކާ އަގަރްވާލްގެ ރޯލުންނެވެ.
"ސާންޑް ކީ އާންކް" އަކީ ދުނިޔޭގެ އެންމެ ދުވަސްވީ އަންހެން ދެ ޝޫޓަރުން ކަމަށްވާ ޕްރަކާޝީ ތޯމަރު އާއި ޗަންދުރޯ ތޯމަރުގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.
އަންނަ އޮކްޓޯބަރު މަހުގެ 25 ގައި ރިލީޒް ކުރަން ތާވަލުކޮށްފައިވާ އެ ފިލްމުގައި ތާޕްސީ ފެނިގެން ދާނީ ޕްރަކާޝީގެ ރޯލުންނެވެ. އަދި ޗަންދުރޯގެ ރޯލުން ފެނިގެން ދާނީ ބޫމީ ޕެޑްނޭކަރް އެވެ.
މިތާލީގެ ފިލްމާ އެކު ބޮޑު ސްކްރީންގައި ކްރިކެޓް ތަރިއެއްގެ ރޯލް ކުޅެން ތާޕްސީ އަށް ލިބުނު އިރު، އޭނާގެ ދެ ފިލްމެއް މި އަހަރުގެ މިހާތަނަށް ރިލީޒްވެފައިވެ އެވެ. އެއީ ދާދި ފަހުން ރިލީޒް ކުރި "ގޭމްއޯވާ" އާއި މާޗްގައި ރިލީޒް ކުރި "ބަދުލާ" އެވެ.
އުމުރުން މިހާރު 36 އަހަރުގެ މިތާލީއަކީ އިންޑިއާގެ އަންހެން ކްރިކެޓް ކުޅުންތެރިންގެ ތެރެއިން މިހާތަނަށް ދެ ފަހަރަށް ގައުމީ އަންހެން ކްރިކެޓް ޓީމްގެ ކެޕްޓަންކަން ކުރަން ލިބުނު ހަމައެކަނި ކުޅުންތެރިޔާ ވެސް މެ އެވެ. ކްރިކެޓްގެ މައިދާނުގައި އޭނާ ވަނީ ވަރަށް ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދައިފަ އެވެ.