04 ޖުލައި 2019 - 07:42

ކަންގަނާ ރަނާވަތާއި ރާޖްކުމާރު ރާއޯ ލީޑް ރޯލް ކުޅެފައިވާ ފިލްމު "ޖަޖްމަންޓަލް ހޭ ކިޔާ" ގެ ޓްރެއިލާ މިހާރު މިއޮތީ ބެލުންތެރިންނަށް ދޫކޮށްލައިފަ އެވެ. ވަރަށް ވެސް ޝައުގުވެރި އެވެ. ޓްރެއިލާ އިން ވަނީ ފިލްމަށް އިންތިޒާރު ކުރަން ޖެހޭ ކަހަލަ އެތައް މަންޒަރެއް ދައްކުވައި ދީފަ އެވެ. އަދި މި ފިލްމަކީ މި އަހަރު ރިލީޒްވާނެ އެންމެ ތަފާތު އެއް ފިލްމަށް ވާނެ އެވެ.
މުޅި ޓްރެއިލާ އަށް ޖުމްލަކޮށް ބަލައިލާ އިރު "ޖަޖްމެންޓަލް ހޭ ކިޔާ" ގައި ކިޔައިދޭނީ މަރެއްގެ ހަގީގަތް ހޯދަން ކުރާ މަސައްކަތުގެ ތެރޭގައި ދެ މީހެއްގެ ދެމެދުގައި ހިނގާ ކޯޅުންތަކެވެ. ކުރިމަތިލުންތަކާއި ބަދަލުހިފުންތަކެވެ. އެއީ ކަންގަނާ އާއި ރާޖްއާ ދެމެދުގަ އެވެ.
ޓްރެއިލާ އިން ފެންނަ ގޮތުގައި ކަންގަނާގެ ކެރެކްޓާ ވަރަށް ވެސް ތަފާތެވެ. އަދި މިއީ ޔަގީނުން ވެސް އޭނާގެ މޮޅު އެކްޓިންއެއް ފެނިގެން ދާނެ ފިލްމަކަށް ވާނެ އެވެ. ރާޖް އާއި ކަންގަނާ އަކީ ވެސް ނެޝަނަލް އެވޯޑް ހޯދާފައިވާ ދެ ތަރިންނަށް ވާތީ ހަމަ ގައިމުވެސް "ޖަޖްމެންޓަލް ހޭ ކިޔާ" ބެލުންތެރިންތައް އުފާކޮށްދޭ ވަރުގެ އެކްޓިންއެއް ދައްކުވައި ދޭނެ އެވެ.
ދެން އޮތީ ފިލްމަށް އިންްތިޒާރު ކުރުމެވެ. މާ ގިނަ ދުވަހެއް ނެތެވެ. އެކި ފަހަރު މަތިން ތާރީހު ބަދަލުވަމުން ގޮސް، އެންމެ ފަހުން ނަން ވެސް "މެންޓަލް ހޭ ކިޔާ" އިން "ޖަޖްމެންޓަލް ހޭ ކިޔާ" އަށް ބަދަލުކުރަން ޖެހުނު ފިލްމު ސިނަމާތަކަށް އަންނާނީ މި މަހުގެ 26 ގަ އެވެ.
އެކްތާ ކަޕޫރް ޕްރޮޑިއުސްކޮށްފައިވާ ފިލްމުގެ ޑައިރެކްޓަރަކީ ޕްރަކާޝް ކޮވެލަމުޑީ އެވެ. އިންޑިއާ އާއި އިނގިރޭސިވިލާތުގައި މަންޒަރުތައް ނަގާފައިވާ ފިލްމުގެ ސްކްރީންޕްލޭ ލިޔެފައި ވަނީ ކަނިކާ ދިލަން އެވެ.
ބްލެކް ކޮމެޑީއެއްގެ ގޮތުގައި ގެނެސްދޭ "ޖަޖްމެންޓަލް ހޭ ކިޔާ" ގެ ކާސްޓުންގެ ތެރޭގައި އަމީރާ ދާސްތޫރް، ޖިމީ ޝެރްގިލް، ރިޝިތާ ބަޓް، ސަތިޝް ކޯޝިކް އަދި މިމޯ ޗަކްރަބަތީ އެވެ.