03 ޖުލައި 2019 - 01:16

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ހިންގުމުގެ ނިޒާމަށް އިސްލާހުތަކެއް ގެނެސް ގައުމީ ފެންވަރުގެ އިންތިޚާބުތަކުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ޕްރައިމަރީ އަށް ދިއުމަށް ނިންމާފައިވާ ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިރޭ ވިދާޅުވެއްޖެ އެވެ.

ޖޭޕީ އަށް އަލަށް ގުޅިވަޑައިގެންނެވި ބޭފުޅަކު އެ ޕާޓީ އަށް ސޮއިކުރެއްވުމަށް ބޭއްވި ރަސްމިއްޔާތެއްގައި ގާސިމް ވިދާޅުވީ، އިންތިޚާބަކަށް އެކަކަށް ވުރެ އިތުރަށް މީހަކު ކުރިމަތި ލައިފި ނަމަ ޕްރައިމަރީ ބާއްވަން ނިންމީ ޖޭޕީގެ ކައުންސިލްގެ އެންމެ ފަހުގެ ބައްދަލުވުމުގައި ކަމަށެވެ. އެގޮތުން، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވެސް ޖޭޕީގެ ޓިކެޓުގައި ދެން ވާދަކުރަން އެކަކަށް ވުރެ ގިނައިން މީހުން ކުރިމަތިލައިފި ނަމަ އެކަމުގައި ގޮތެއް ކަނޑައަޅާނީ ޕްރައިމަރީ އަކުން ކަމަށް މާމިގިލީ ދާއިރާގެ މެމްބަރުކަން ކުރައްވާ ގާސިމް ވިދާޅުވި އެވެ.
"ވާދަވެރި މާހައުލެއްގައި، އެއް ބޭފުޅަކަށް ވުރެ ގިނަ ބޭފުޅުން ގުޅިވަޑައިގަންނަވަން ބޭނުންފުޅުވާ ނަމަ ކުރިއާ ހިލާފަށް އަޅުގަނޑުމެން ބޭނުން، ޕްރައިމަރީއެއް ބާއްވައިގެން ކޮންމެ ކަމެއް ވެސް ކުރިއަށް ގެންދާ ގޮތަށް ނިންމަން،" ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވި ގޮތުގައި، ޖޭޕީ އަށް އެ ނޫން ވެސް އިސްލާހީ ބަދަލުތަކެއް އަންނާނެ އެވެ. އަދި އެ ކަންކަން މީޑިއާ އަށް ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ، ޖޭޕީ އިސްލާހު ކުރުމުގެ ބަދަލުތަކަށްޓަކައި އެކި ރަށްރަށަށް ވެސް ދަތުރު ކުރައްވައި ޕާޓީ އަށް މީހުން އިތުރު ކުރާނެ ކަމަށެވެ
"ހަމަ މިއާ އެކީ ގައި އަޅުގަނޑުމެން މި އަހަރު ނިމުމުގެ ކުރީގައި އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ޕާޓީ އަށް މެމްބަރުން އިތުކުރަން ރާއްޖޭގެ ހުރިހާ ކަންކޮޅަކަށް އަޅުގަނޑުމެން ދަތުރުކުރާނަން އިރާދަކުރެއްވިއްޔާ،" ގާސިމް ވިދާޅުވި އެވެ.
ގައުމީ ފެންވަރުގެ އެކި އިންތިޚާބުތަކަށް ޖޭޕީގެ ޓިކެޓު ދޭނެ މީހުން ކަނޑައަޅަނީ މިހާތަނަށް އެ ޕާޓީގެ ލީޑަޝިޕުންނެވެ. ޚާއްސަކޮށް ލީޑަރު ގާސިމްގެ ހިއްސާ އެކަމުގައި ބޮޑެވެ. އެ އުސޫލުގެ ސަބަބުން ޖޭޕީގެ އެތެރޭގައި ހިޔާލު ތަފާތުވުންތަކާއި ބައިބައިވުން މީގެ ކުރިން އުފެދިފައި ވެ އެވެ. އެންމެ ފަހުން އެފަދަ ގޮތަކަށް ކަންކަން ގޮސްފައި ވަނީ މިދިޔަ އޭޕްރީލް މަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕެއިންގަ އެވެ.