03 ޖުލައި 2019 - 07:21

އިލެކްޓްރޯނިކް ސިނގިރެޓް ބުއިމުން، ސިކުނޑީގެ މަސައްކަތަށް މުހިންމު ދައުރެއް އަދާކުރާ ނިއުރަސް ސްޓެމް ސެލް ހަލާކުވާ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
ޔުނިވަސިޓީ އޮފް ކެލިފޯނިއާ އިން ކުރި ދިރާސާ އިން ދެއްކި ގޮތުގައި އީ-ސިނގިރެޓުން ނިއުރަލް ސްޓެމް ސެލްގައި ސްޓްރެސް ރެސްޕޮންސެއް އުފައްދަ އެވެ.
އީ-ސިނގިރެޓް ބޯ ގިނަ މީހުންނަކީ އާދައިގެ ސިނގިރޭޓުން ލިބޭ ގެއްލުން ނުލިބޭ ކަމަށް ގަބޫލުކޮށް، ރައްކާތެރި އެއްޗެއް ކަމަށް ހީކޮށް އޭގެ ބޭނުންކުރާ މީހުންނެވެ. ނަމަވެސް އެކި ދިރާސާތަކުން އަންނަނީ އީ-ސިނގިރޭޓަކީ ވެސް ސިއްހީ ނުރައްކާތައް ބޮޑު އެއްޗެއްކަން ހާމަވަމުންނެވެ.
އާ ދިރާސާގައި ބުނީ އީ-ސިނގިރެޓުގެ އާންމުކޮށް ބޭނުން ނުކުރި ކަމުގައި ވިޔަސް، އެ ބޭނުންކުރާ ކުރު މުއްދަތުގައި ވެސް، ނިކޮޓީން އިން ސެލްތަކަށް އެ ކުރާ އަސަރު، ދިގު މުއްދަތުން ލިބޭ ގެއްލުމާ އެއްވަރުކޮށްލާ ކަމަށެވެ. އެގޮތުން އީ-ސިނގިރެޓުން ސްޓެމް ސެލްގެ ޑީއެންއޭ އޮޅުންބޮޅުންވެ ސިއްހީ މައްސަލަތަކާ ކުރިމަތިކުރުވާނެ ކަމަށް ވަނީ ބުނެފަ އެވެ.
"ނިއުރަލް ސެލް އަށް އެ ލިބޭ ގެއްލުމުގެ ނަތީޖާ އަކަށް ވާނީ އެ ސެލްތައް މަރުވުމުން. ނަތީޖާ އަކީ، މިސާލަކަށް ބުނާ ނަމަ އެ ސެޓެމް ސެލް އިން އެސްޓްރޮސައިޓް އާއި ނިއުރޯންސް ވެސް ދެން ދުވަހަކު ވެސް އުފައްދައިނުދިނުން،" ދިރާސާއާ ބެހޭ ގޮތުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
އީ-ސިނގިރެޓުން ނިކޮޓިން އުފައްދަނީ އާވީގެ ގޮތުގައި ކަމަށް ވާއިރު، އެއީ އާވި ނުވަތަ ދުން ކަމަށް ވިޔަސް ނިކޮޓިން އިން ލިބޭ ގެއްލުމުގެ މިންވަރު ކުޑަ ނުވާކަން ދިރާސާތަކުން ވަނީ ހާމަވެފަ އެވެ. މީގެ އިތުރުން އީ-ސިނގިރެޓުގައި ރަހަ ލެއްވުމަށް ބޭނުންކުރާ ކެމިކަލްތަކުން ހިތުގެ ސެލްތަކަށް ގެއްލުންވާކަން ވެސް އެހެން ދިރާސާއަކުން އެނގިފައިވެ އެވެ.