09 ސެޕްޓެމްބަރ 2016 - 07:41

"ކްލޯޒާ" އާއި "ބްލެކް ސްވޯން" ފަދަ ފިލްމުތައް ކުޅެ، އޮސްކާ ވެސް ހާސިލްކޮށްފައިވާ ހޮލީވުޑްގެ މަޝްހޫރު ބަތަލާ ނަތާލީ ޕޯޓްމަން ދެވަނަ ދަރިއަކަށް ބަލިވެ އިނދެފި އެވެ.

ޕެރިހުގައި މިހާރު ދިރިއުޅެމުން އަންނަ 35 އަހަރުގެ ބަތަލާގެ ދޮށީ ދަރިފުޅަށް މިހާރު ފަސް އަހަރެވެ. ދެވަނަ ކުއްޖަކަށް އިންތިޒާކުރަމުން އަންނަ އިރު، ނަތާލީ ހުރީ އާއިލާ އަށް އާ މެމްބަރަކު އިތުރުވާން އުޅޭތީ ވަރަށް އުފަލުން ކަމަށްވެ އެވެ.
ހޮލީވުޑްގެ ހަބަރުތައް ބުނާ ގޮތުން ނަތާލީ ބަލިވެއިންކަން މީޑިއާތަކަށް ކަށަވަރުވީ ވެނިސް ފިލްމް ފެސްޓިވަލްގައި އޭނާގެ އެންމެ ފަހުގެ ފިލްމް "ޕްލެނޭޓިރިއަން" ޕްރިމިއާ ކުރަން ބޭއްވި ރެޑް ކާޕެޓް އިވެންޓަށް އައި އިރު ބޮޑު ބަނޑަކާ އެކު އައުމުންނެވެ.
ރެޑް ކާޕެޓްގައި ކްރީމް ކުލައިގެ ގައުންއެއްގައި ނަތާލީ ފެނިގެން ދިޔައީ ބަނޑު ބޮޑުކަން އެނގޭ ވަރަށެވެ. އޭނާ ބަލިވެ އިންކަން ސިއްރު ކުރަން ނޫޅޭކަން މިކަމުން ވެސް އެނގިގެން ދިޔަ ކަމަށް ނޫސްތަކުގައި ލިޔެފައިވެ އެވެ.
ނަތާލީ އާއި ފްރާންސްގެ ޑައިރެކްޓަރު ބެންޖަމިން މިލެޕީޑް ކައިވެނި ކުރީ 2012 ގަ އެވެ.
ފުރަތަމަ ދަރިފުޅު ލިބުމާ އެކު ނަތާލީ ބުނީ ދަރިއަކު ލިބުމުން އޭނާގެ ދިރިއުޅުމަށާއި މަސައްކަތުގެ ވައްޓަފާޅި އަށް ވެސް ބޮޑު ބަދަލެއް އައިސްފައިވާ ކަމަށެވެ. އަދި އަންހެނަކަށް ލިބޭނެ އެންމެ ބޮޑު އުފަލަކީ މަޔަކަށްވުން ކަމަށް "ވީ ފޮ ވެންޑެޓާ" އަދި "ނޯ ސްޓްރިންގްސް އެޓޭޗްޑް" ގެ ބަތަލާ ބުނެފައިވެ އެވެ.
ނަތާލީގެ އަނެއްކާ ވެސް ހިތާ ކުޅެލާ ކަހަލަ މޮޅު ރޯލަކުން ފެނިގެންދާ "ޕްލެނެޓޭރިއަން" ސިނަމާތަކަށް އަންނާނީ އަންނަ ނޮވެމްބަރު މަހުގެ 16 ގަ އެވެ.