02 ޖުލައި 2019 - 20:37

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީ ހޮވަން ބާއްވާ އިންތިހާބުގައި ވޯޓް ލެވޭ ވަކީލުންގެ ލިސްޓްގައި ފުރިހަމަ މައުލޫމާތު ނެތި ހުރި ނަންތަކާ އެކު އިއުލާނު ކުރީ ޝަކުވާ ހުށަހަޅަން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
ބާ ކައުންސިލްގެ އިންތިހާބުގައި ވޯޓް ލެވޭ މީހުންގެ ލިސްޓް އީސީން މިރޭ އާއްމު ކުރި އިރު އައިޑީ ކާޑް ނަމްބަރު ނުހިމެނޭ އަށް ނަމެއް އެބަ އޮތެވެ.
އީސީގެ ތަރުޖަމާނު އަހުމަދު އަކްރަމް "މިހާރު" އަށް ވިދާޅުވީ އައިޑީ ކާޑު ނަމްބަރު ނެތް ނަންތަކުގެ މައުލޫމާތު ސުޕްރީމް ކޯޓުން ހޯދަން އީސީން މަަސައްކަތް ކުރި ކަމަށާއި އެހެން ނަމަވެސް އެ މައުލޫމާތު ނެތް ކަމަށް ސުޕްރީމް ކޯޓުން ވެސް އެންގި ކަމަށެވެ.
"އަޅުގަނޑުމެން ވަރަށް މަސައްކަތް ކުރިން އެ މައުލޫމާތު ހޯދަން. އެކަމަކު ނުލިބުނީމާ އަޅުގަނޑުމެން އާއްމުކޮށްފައި އެއޮތީ ޝަކުވާ ހުށަހަޅަން އާއްމުކުރި ލިސްޓެއް،" އޭނާ ވިދާޅުވި އެވެ.
އީސީން އާއްމު ކުރި ވަކީލުންގެ ލިސްޓްގައި 1487 ނަމެއް އެބަ އޮތެވެ.
ބާކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީއަށް ކުރިމަތިލުމަށް މިއަދު ވަނީ ހުޅުވާލާފަ އެވެ.
ބާ ކައުންސިލަށް ކުރިމަތިލާން އެދޭ ފޯމާ އެކު އީސީން ކުރި ޓްވީޓެއްގައި ބުނީ ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީ އަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން ޖުލައި ފަހަކާ ހަމައަށް (އަންނަ ހޮނިހިރު ދުވަހާ ހަމައަށް) ހުޅުވާލާފައިވާ ކަމަށެވެ.
އެ އިންތިހާބު ބާއްވާނީ ޖުލައި 13 ގައި ކަމަށް އީސީން އިއްޔެ ބުންޏެވެ.
ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީގައި ތިއްބަވާނީ ކައުންސިލްގެ ރައީސާއި ނައިބު ރައީސާއި ބަންޑާރަ ނައިބުގެ އިތުރުން އިތުރު ހަ މެމްބަރެކެވެ. އޭގެ ތެރެއިން ބަންޑާރަ ނައިބު ފިޔަވައި، އެހެން ހުރިހާ ބޭފުޅުން ވެސް އިންތިޚާބު ކުރާނީ ވަކީލުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.