އިންފްލުއެންޒާ އިތުރުވެއްޖެ، އަވަހަށް ވެކްސިން ޖަހާ!
އިންފްލުއެންޒާ އިތުރުވެއްޖެ، އަވަހަށް ވެކްސިން ޖަހާ!

މިދިޔަ މަހުން ފެށިގެން އިންފްލުއެންޒާ ބީ ރާއްޖޭގައި ހަލުއިކަމާ އެކު ފެތުރެމުންދާ ކަމަށާއި އެހެންވެ، އެކަމަށް ހާއްސަ ވެކްސިން އަވަހަށް ޖެހުމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)ން އިލްތިމާސްކޮށްފި އެވެ.

މިދިޔަ އަހަރު ވެސް އެތައް ބަޔަކަށް އިންފްލުއެންޒާ ރޯގާ ޖެހުނު އިރު އެ ރޯގާގައި މީހަކު ވެސް މަރުވި އެވެ. އަދި 2017 ވަނަ އަހަރު ރާއްޖެ އިން 200 އަށް ވުރެ ގިނަ މީހުންނަށް އިންފްލުއެންޒާ ޖެހުނު އިރު ހަ މީހަކު މަރުވި އެވެ.

އެޗްޕީއޭން ބުނިގޮތުގައި މިދިޔަ މަހުގެ މެދުތެރޭން ފެށިގެން އިންފްލުއެންޒާ ރޯގާ ދަނީ އިތުރުވަމުންނެވެ. އެގޮތުން ޖޫން 16 އިން ފެށިގެން ޓެސްޓު ކުރި ސާމްޕަލްގެ 40 ޕަސެންޓް ޕޮޒިޓިވް ވެފައިވާ ކަމަށް އެތަނުން ބުންޏެވެ.

"މިހާރު"އަށް ކުރިން ދެއްވި އިންޓަވިއުއެއްގައި އައިޖީއެމްއެޗްގެ ސީނިއާ ޕެޑިއަޓްރިޝަން ޑރ. އަހުމަދު ފައިސަލް ވިދާޅުވީ އުމުރުން ހަ މަހުން މަތީ އެންމެން ވެސް އިންފްލުއެންޒާ ވެކްސިން ޖެހުން ވަރަށް މުހިންމު ކަމަށެވެ.

* ވެކްސިންޖެހޭނެ އެންމެ ޅަ އުމުރަކީ 6 މަހާއި 9 އަހަރާ ދެމެދު.

* 3 އަހަރު ނުވާނަމަ ޑޯޒަކީ 0.25 އެމްއެލް.

* ބޮޑެތިމީހުންނަށް ޖަހާ ޑޯޒަކީ 0.5 އެމްއެލް.

* ހަ މަހާއި ހަ އަހަރާ ދެމެދުގެ ކުދިން، ފުރަތަމަ ޑޯޒް ޖަހާތާ އެއް މަސް ފަހުން ދެ ވަނަ ޑޯޒެއް ޖަހަން ޖެހޭ.

އެ ބަލި ފަތުރާ ވައިރަސް އަކީ ކޮންމެ އަހަރަކު ވެސް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އަންނަ ވައިރަސް އެއް ކަމަށް ވާތީ، އެ ބަލިން ރައްކާތެރިވާން ޖަހާ ވެކްސިނަށް ވެސް ކޮންމެ ހަ މަހަކުން ބަދަލު ގެނެ އެވެ.

އިންފްލުއެންޒާ އާއެކު އަރިދަފުސް ރޯގާ ޖެހޭ މިންވަރު ވެސް ވަނީ އިތުރުވެފަ އެވެ. އަދި ފަރުވާ ހޯދަން އަންނަ މީހުންގެ އަދަދު ގިނަކަމުން، މިއަދު އައިޖީއެމްއެޗުގައި ވަނީ ފްލޫ ކްލިނިކެއް ވެސް ހުޅުވާފަ އެވެ.