09 ސެޕްޓެމްބަރ 2016 - 07:36

މިފޫ (ޔޫއްޕެ) އާއި ރޫބީ (ޝީލާ ނަޖީބް) އަކީ އެ މީހުންގެ ހަތް އަހަރުގެ ދަރިފުޅާ އެކު ވަރަށް އުފާވެރިކޮށް ދިރިއުޅެމުން އަންނަ އާއިލާއެކެވެ. ދުވަސްތަކެއް ވަންދެން ރާއްޖޭން ބޭރުގައި ކިޔަވަން ހުރެފައި މިފޫގެ ކޮއްކޮ އެލީޝާ (މަރިޔަމް އައްޒަ) މާލެ އާދެ އެވެ.

އެ ހިސާބުން ދެން އެ މީހުން އުޅޭނެ ރަނގަޅު ގެއެއް ހޯދުމުގެ މަސައްކަތް މިފޫ ފަށަ އެވެ. މިކަމުގެ ތެރޭގައި އުޅެނިކޮށް ވަރަށް ކުޑަ އަގަކަށް ހަތަރު ބުރީގެ ގެއެއް ކުއްޔަށް ދޭކަން އެނގެ އެވެ. ޒަމާންތަކެއް ވަންދެން ފަޅަށް ހުރި އެ އިމާރާތް ބަލާލަން މިފޫ އާއި އޭނާގެ ރައްޓެހިން ދެ އެވެ.

އެކަމަކު އެ އިމާރާތަކީ ހީކުރި ކަހަލަ ތަނަކަށް ނުވެ އެވެ. އިމާރާތް ބަލާލަން ގޮސް އުޅުމުގެ ތެރޭގައި ވެސް އާދަޔާހިލާފު ތަފާތު ކަންތައްތަކާ ކުރިމަތިލާން ޖެހެ އެވެ. މިކަމަށް އަދި އިތުރު ނުތަނަވަސް ކަމެއް ވެރި ވަނީ އެ އިމާރާތް ބަލަން ވަންނަ ގޮތަށް، ދެން އެތަނުން ނިކުމެވޭނެ ގޮތެއް ނެތި އެތަނުގައި ތާށިވެ، މީހުންނަށް ކުރިމަތިވާ ކަންތައްތަކުންނެވެ.
ޑައިރެކްޓަރު ފާތުމަތު ނަހުލާ ކުރިން ވެސް ބުނި ގޮތަށް "4426" އިން ދެން ފެނިގެން ދާނީ ބެލުންތެރިން ފިތްކަނޑައިގެންދާ ވަރުގެ ބިރުވެރު ކަންތައްތަކެވެ. ނޭވާ ހިފަހައްޓާލަން ޖެހޭ ކިތަންމެ ހާދިސާތަކެއް އެކަމަކު ހުރިހާ ރަހަތައް ހެޔޮވަރުކޮށް ފިލްމުން ފެނިގެން ދާނެ އެވެ.
މިއީ އަންނަ މަހުގެ 18 ގައި ސިނަމާ އަށް އަންނަ "4426" ގެ ވާހަކަ ކުރު ގޮތަކަށް ކިޔައި ދޭ ނަމަ ވާ ގޮތެވެ. އިންތިޒާރުކޮށްލަމާ ހިނގާށެވެ. މިއީ އަދި މީގެ ފުރަތަމަ ބައިގެ ވާހަކަ އެވެ. ދެވަނަ ބައެއް ވެސް އޮތީ ޕްލޭންކޮށްފަ އެވެ.
ނަހުލާގެ ސްކްރީންޕްލޭއަކަށް އޭނާ އާއި އަހުމަދު ޝިނާން ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ކާސްޓިން ވެސް ވަރަށް ޝައުގުވެރި އެވެ. ދުވަސްތަކެއް ފަހުން ޝީލާ އާއި ޔޫއްޕެ ޖޯޑެއްގެ ގޮތުގައި ފެނިގެން ދާނެ އެވެ.
އިތުރު ކާސްޓުންނަށް ބަލާ އިރު އައްޒަ އާއި ޖުމައްޔިލް ނިމާލް (ޖުމަލް) އަދި އައްޒަގެ ކުރީގެ ފިރިމީހާ އިސްމާއިލް ޖުމައިހް (ޖުމާ) ވަކިން ހާއްސަކޮށް ފާހަގަކޮށްލަން ޖެހޭނެ އެވެ. މިއީ މިހާރު އަރަމުން އަންނަ ތަރިންނެވެ. އަނެއްކޮޅުން "4426" އަކީ އައްޒަ ބޮޑު ރޯލަކުން ފެނިގެންދާ ފުރަތަމަ ފީޗާ ފިލްމެވެ.
"4426" ގެ ކާސްޓުންގެ ތެރޭގައި މުހައްމަދު ފައިސަލް. އިބްރާހިމް ޖިހާދު (ޖިމީ) އަދި އަލީ ފާރޫގް ވެސް ހިމެނެ އެވެ.
ކްރިސްޓަލް އެންޓަޓައިންމަންޓްގެ މި ފިލްމް ރިލީޒް ކުރާ ދުވަސް ކައިރިވަމުން އަންނަ އިރު، ފިލްމުގެ ރަސްމީ ވެބްސައިޓް މިހާރު ވަނީ ލޯންޗްކޮށްފަ އެވެ. ފިލްމާ ބެހޭ އިތުރު މައުލޫމާތު ބެލުންތެރިންނަށް މިހާރު ސައިޓުން ލިބޭނެ އެވެ. ހަމަ މިއާ އެކު މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ފިލްމުގެ ޓިކެޓަށް ފުރުސަތު ހުޅުވައިލާނެ އެވެ. ހަމަ އެ ދުވަހުން ފެށިގެން އޮންލައިންކޮށް ވެސް ޓިކެޓް ބުކްކުރެވޭނެ އެވެ.
ކްރިސްޓަލް އެންޓަޓައިންމަންޓުން ބުނެފައިވާ ގޮތުގައީ ޕްރިމިއާގެ ޓިކެޓް ވިއްކާނީ 200ރ. އަށެވެ.
ނަހުލާ ބުނީ އަމާޒަކީ އޭނާގެ ފުރަތަމަ ބިރުވެރި ފިލްމް މަދުވެގެން 15 ޝޯ ހައުސްފުލްކޮށްގެން ޕްރިމިއާ ކުރުން ކަމަށެވެ.