02 ޖުލައި 2019 - 18:17

ދުނިޔޭގެ އެކި މަންޒިލްތަކަށް ދަތުރުކުރަމުން އަންނަ ސްރީލަންކަން އެއާލައިންގެ ޓިކެޓްތައް އަގުހެޔޮ ކުރުމަށް އެ ގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ލަފާ ދެއްވައިފި އެވެ.
އެ ގައުމުގެ ސަރުކާރުގެ ވުޒާރާތަކުގެ އިސް ބޭފުޅުންނާއެކު ބޭއްވެވި ބައްދަލުވުމެއްގައި ރަނިލް ލަފާދެއްވާފައިވާކަން އެ ގައުމުގެ އިކޮނޮމިކް އެފެއާޒް މިނިސްޓްރީގެ އެޑްވައިޒަރު ސުދަރްސަނާ ގުނަވަރުދަނާ ވަނީ ލަންކާގެ ނޫސްތަކަށް ކަށަވަރުކޮށްދެއްވާފަ އެވެ. ބޮޑުވަޒީރު ވިކްރަމަސިންހަ މިހެން ލަފާ ދެއްވާފައި ވަނީ އެ ގައުމުގެ ޓޫރިޒަމް ރަނގަޅު ކުރުމަށެވެ.
މި އަހަރު ލަންކާ އަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން އެ ގައުމުގެ ޓޫރިޒަމަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފަ އެވެ. އެގޮތުން ފާއިތުވި ހަތަރު މަސްތެރޭގައި އެ ގައުމުގެ ގައުމީ އެއާލައިން، ސްރީލަންކަން އަށް ވަނީ 13 ބިލިއަން ލަންކާ ރުޕީސްގެ ގެއްލުންވެފަ އެވެ.
ލަންކާގެ އިކޮނޮމިކް އެފެއާޒް މިނިސްޓްރީގެ އެޑްވައިޒަރު ސުދަރްސަނާ ލަންކާގެ މީޑިއާއަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ބޮޑުވަޒީރު އެގޮތަށް ލަފާ ދެއްވީ ސްރީލަންކަން އިން އަގު ދަށްކުރުމުން އެހެން އެއާލައިންތަކުން ވެސް އަގު ދަށްކުރަން ޖެހޭނެތީ ކަމަށެވެ. އަދި މީގެ ސަބަބުން ކުރިއަށް އޮތް ހަ މަހަށް ހޭންޑްލިން ޗާޖާއި ފިއުލް ޗާޖަށް ހަރަދު ކުރާ މިންވަރު ކުޑަކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސްރީލަންކަން އެއާލައިންގެ ގްރައުންޑް ހޭންޑްލިން އާއި ފިއުލް ޗާޖްތައް ރިވައިސް ކުރުމަށްފަހު ޓިކެޓަކުން 40 ޑޮލަރު (616 ރުފިޔާ) ހެޔޮ ކުރެވޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.