ރެއާލާއި އެތުލެޓިކޯ އަށް ކުޅުންތެރިން ގެނައުން މަނާ!
ރެއާލާއި އެތުލެޓިކޯ އަށް ކުޅުންތެރިން ގެނައުން މަނާ!

ޒިއުރިކް، ސްވިޒަލެންޑް (ސެޕްޓެމްބަރު 8) - ގައުމުން ބޭރުން 18 އަހަރުން ދަށުގެ ޒުވާން ކުޅުންތެރިން ގަވާއިދާ ހިލާފަށް ޓީމުގައި ރަޖިސްޓްރީ ކުރިކަން ސާބިތުވެފައިވާތީ ރެެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑަށް 2018ގެ ކުރިން ދެން ކުޅުންތެރިއަކު ސޮއިނުކުރެވޭ ގޮތަށް ދީފައިވާ ސަސްޕެންޝަން ދަމަހައްޓަން ފީފާއިން ނިންމައިފި އެވެ.

ފީފާއިން މިދިޔަ ޖެނުއަރީ މަހު ބަލަން ފެށި މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ނިންމީ މި ދެ ކްލަބުން އެޕީލް ކުރުމުންނެވެ. އެހެންވެ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި މި ދެ ކްލަބަށް ކުޅުންތެރިން ގަތުމުގެ ހުއްދަ ލިބުނެވެ. އެހެން ނަމަވެސް ފީފާއިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރެއާލާއި އެތުލެޓިކޯ ސަސްޕެންޑް ކުރަން ނިންމީ ރަނގަޅަށް ކަމަށެވެ.

ފީފާއިން ބެލި ބެލުމުގައި އެތުލެޓިކޯ އިން ވަނީ 2007 އިން 2014 ހަމައަށް ގަވައިދާ ހިލާފަށް ޓީމުގައި ޒުވާން ކުޅުންތެރިން ރަޖިސްޓްރީ ކޮށްފަ އެވެ. އަދި ރެއާލުން ވެސް 2005 އިން 2014އާ ހަމައަށް ޒުވާން ކުޅުންތެރިން ޓީމުގައި ރަޖިސްޓްރީ ކުރުމުގައި ގަވައިދާ ހިލާފުވެފައިވާ ކަމަށްވެ އެވެ.

މި މައްސަލައިގައި ފީފާއިން ވަނީ މި ދެ ކްލަބް ޖޫރިމަނާ ކުރުމުގެ އިތުރުން ހަރުކަށި އަދަބެއް ދޭން ނިންމައިފަ އެވެ.

"ގަވައިދާ ހިލާފަށް ޒުވާން ކުޅުންތެރިން ރަޖިސްޓްރީ ކޮށްފައިވާތީ ރެއާލާއި އެތުލެޓިކޯ އަށް ދީފައިވާ ސަސްޕެންޝަން ދަމަހައްޓަން ފީފާއިން ނިންމައިފިން. ކުރިއަށް އޮތް ދެ ޓްރާންސްފާ މާކެޓްގައި މި ދެ ކްލަބަށް ގައުމީ ފެންވަރުގައި އަދި ބައިނަލްއަގްވާމީ ފެންވަރުގައި ވެސް ކުޅުންތެރިން ޓްރާންސްފާ ނުކުރެވޭނެ،" ފީފާއިން މިރޭ ނެރުނު ބަޔާނެއްގައިވެ އެވެ.

މީގެ އިތުރުން ފީފާއިން ވަނީ އެ މުއްދަތުގެ ތެރޭގައި އެ ދެ ކްލަބުން ރަޖިސްޓްރީ ކުރި ކުޅުންތެރިންގެ މައުލޫމާތު ފީފާ އަށް ހުށަހަޅަން 90 ދުވަސް ދީފަ އެވެ.

ރެއާލުން ވަނީ ސަސްޕެންޝަން ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) ގައި އެޕީލްކުރާނެ ކަމަށް ބުނެފަ އެވެ.

ފީފާއިން ވަނީ މީގެ ކުރިން ގަވައިދާ ހިލާފަށް 18 އަހަރުން ދަށުގެ ކުޅުންތެރިން ރަޖިސްޓްރީ ކޮށްފައިވާތީ ބާސެލޯނާ އަށް ވެސް 2014 ވަނަ އަަހަރު އަދަބުދީފަ އެވެ. ބާސެލޯނާ އަށް ދިން އަދަބުގެ މުއްދަތު ހަމަވީ މި އަހަރު ޖެނުއަރީ މަހުގަ އެވެ. އޭގެ ކުރިން އެ ޓީމުން ވަނީ އާޑާ ޓުރާން އާއި އަލެކްސް ވިޑާލް އެ ޓީމަށް ގެނެސްފަ އެވެ. އެހެން ނަމަވެސް އެ ދެ ކުޅުންތެރިންނަށް މެޗެއް ކުޅެވުނީ ސަސްޕެންޝަންގެ މުއްދަތު ހަމަވި ފަހުންނެވެ.

އެހެން ކަމުން ރެއާލާއި އެތުލެޓިކޯ އަށް ދީފައިވާ ސަސްޕެންޝަންގެ މުއްދަތު ހަމަވުމުގެ ކުރިން އެ ދެ ކްލަބުން ކުޅުންތެރިއަކު ގެނައި ނަމަވެސް ޓީމުގައި ރަޖިސްޓްރީކޮށް އެ ކުޅުންތެރިއަކަށް މެޗެއް ކުޅެވޭނީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެންނެވެ.