ހޮލީވުޑުން ވަރުގަދަ ޓްރެއިލާތަކެއް
ހޮލީވުޑުން ވަރުގަދަ ޓްރެއިލާތަކެއް

ވަރުގަދަ އަންހެން ކެރެކްޓާތަކެއް އުޅޭ "ޗާލީޒް އެންޖެލްސް" އަކީ ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި ފިލްމުތަކެވެ.

މި ސީރީޒްގެ ދެ ފިލްމެއް މިހާތަނަށް ގެނެސް ދީފައިވެ އެވެ. އެއީ 2000 ވަނަ އަހަރު ރިލީޒްކުރި "ޗާލީޒް އެންޖެލްސް" އާއި އޭގެ ތިން އަހަރު ފަހުން 2003 ގައި ގެނެސްދިން "ޗާލީޒް އެންޖެލްސް: ފުލް ތުރޮޓްލް" އެވެ.

މިހާރު މިއޮތީ މި ސީރީޒްގެ މުޅިން އާ ބައެއް ބެލުންތެރިންނާ ބައްދަލުވުމުގެ މަގުމަތީގަ އެވެ. މުޅިން އާ ކާސްޓަކާ އެކީގަ އެވެ.

އެލިޒަބަތު ބޭންކްސް ލިޔެ، ޑައިރެކްޓްކޮށްފައިވާ "ޗާލީޒް އެންޖެލްސް" ގެ ތަރިންނަކީ "ޓްވައިލައިޓް" ގެ ފިލްމުތަކުން ވިދައިލި ބަތަލާ ކްރިސްޓިން ސްޓްވާޓް އާއި ނިއޯމީ ސްކޮޓްގެ އިތުރުން އެލާ ބެލިންސްކާ އެވެ. ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ސޭމް ކްލެފިން، ނޯއާ، ސެންޓިނިއޯ، ޖޮނަތަން ޓަކާގެ އިތުރުން ޑައިރެކްޓަރު އެލިޒަބަތު ވެސް ހިމެނެ އެވެ.

ނޮވެމްބަރު މަހުގެ 15 ގައި ސިނަމާތަކަށް ގެންނަން ނިންމާފައިވާ "ޗާލީޒް އެންޖެލްސް" ގެ ޓްރެއިލާ ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ.

"ޖުމާންޖީ" ސީރީޒްގެ ދަށުން ގެނެސްދޭ ފިލްމުތަކުގެ ތެރެއިން މީގެ ދެ އަހަރު ކުރިން ރިލީޒް ކުރި "ޖުމާންޖީ: ވެލްކަމް ޓް ދަ ޖަންގަލް" ގެ ދެވަނަ ބައިގެ ޓްރެއިލާ ދައްކާލައިފި އެވެ.

"ޖުމާންޖީ: ދަ ނެކްސްޓް ލެވެލް" އިން ވެސް ކުރީގެ ފިލްމުން ފެނިގެން ދިޔަ މައިގަނޑު ތަރިން ފެންނާނެ އެވެ. އޭގެ ތެރޭގައި ޑްވޭން (ރޮކް) ޖޯންސަން، ކެވިން ހާޓް، ޖެކް ބްލެކް، ކަރެން ޖިލަން އަދި އޯކަފިނާ ހިމެނެ އެވެ.

ފިލްމު ސިނަމާތަކަށް އަންނާނީ ޑިސެމްބަރު މަހުގެ 13 ގަ އެވެ.

"ޖުމާލްޖީ: ނެކްސްޓް ލެވެލް" ވެސް ޑައިރެކްޓްކޮށްފައި ވަނީ "ވެލްކަމް ޓް ޖަންގަލް" ގެ ޑައިރެކްޓަރު ޖޭކް ކަޒްޑާން އެވެ.

ނޮވެމްބަރު މަހު ރިލީޒް ކުރަން ތާވަލުކޮށްފައިވާ "ދަ ގުޑް ލަޔާ" ވެގެން ދާނީ އުމުރުން ދުވަސްވީ ތަޖުރިބާކާރު ދެ ތަރިއެއްގެ މަސައްކަތް ފެނިގެން ދާނެ ފިލްމަކަށެވެ.

މި ތުރިލާގެ ލީޑް ރޯލް ކުޅެފައި ވަނީ ހެލެން މިރެން، 73، އާއި އިއަން މެކްކެލެން، 80، އެވެ. ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ރަސަލް ޓޯވީ ޖިމް ކާޓާ ވެސް ހިމެނެ އެވެ.

"ދަ ގުޑް ލަޔާ" ޑައިރެކްޓްކޮށްފައި ވަނީ "ބިއުޓީ އެންޑް ދަ ބީސްޓް" އާއި "ޓްވައިލައިޓް" ގެ ދެ ފިލްމެއް ވެސް ޑައިރެކްޓްކޮށްފައިވާ ބިލް ކޮންޑޮން އެވެ.

"ކްއީން އެންޑް ސްލިމް" އަކީ މެލީނާ މެޓްސޯކަސް ޑައިރެކްޓްކޮށްފައިވާ ތުރިލާ ޑްރާމާއެކެވެ.

ޑެނިއަލް ކަލޫޔާ އާއި ޖޯޑީ ޓާނާ-ސްމިތު މުހިިއްމު ރޯލްތައް ކުޅެފައިވާ ފިލްމުގައި ކިޔައި ދެނީ އަލަށް ޑޭޓަކަށް ނުކުމެ އުޅުނު ދެ މީހަކަށް ކުރިމަތިލާން ޖެހޭ ހާދިސާތަކެކެވެ.

"ކްއީން އެންޑް ސްލިމް" ގެ އިތުރު ކާސްޓުންގެ ތެރޭގައި ކްލޯއީ ސެވިގްނީ އާއި ބޮކީމް ވުޑްބައިން ހިމެނެ އެވެ. މި ފިލްމު ސިނަމާތަކަށް އަންނާނީ ނޮވެމްބަރު މަހުގެ 27 ގަ އެވެ.