ފިލްމުތަކުން ވެސް ފެންނާނެ، ހުށަހެޅުންތައް ލިބޭ: ޝަހީރު ޝެއިހް
ފިލްމުތަކުން ވެސް ފެންނާނެ، ހުށަހެޅުންތައް ލިބޭ: ޝަހީރު ޝެއިހް

މިހާރު ވެސް ފިލްމުތަކުން ފުރުސަތުތައް ލިބެމުން އަންނަ ކަމަށާއި ހިތްހަމަޖެހޭ ކަހަލަ ސްކްރިޕްޓަކާ ލައްވާލި އިރަކުން ފިލްމު ކުޅެން ފަށާނެ ކަމަށް އިންޑިއާގެ މަޝްހޫރު ޓީވީ ތަރި ޝަހީރު ޝެއިހް ބުނެފި އެވެ.

ސްޓާ ޕްލަސް އިން މިހާރު ދައްކާ "ޔޭ ރިޝްތޭ ހޭ ޕިޔާރު ކޭ" ގައި އަބީރްގެ ރޯލް ކުޅޭ 35 އަހަރުގެ އެކްޓަރު ބުނީ މިހާތަނަށް ގިނަ ހުށަހެޅުންތައް ލިބިފައި ހުރީ އާ ޕްރޮޑިއުސަަރުންނާއި ޑައިރެކްޓަރުންގެ ފަރާތުން ކަމަށެވެ.

"ފިލްމުތަކުން އޮފާތައް އަހަންނަށް ލިބެނީ އަހަންނާ ދޭތެރޭ އެ މީހުން އިތުބާރު ކުރާތީ ކަމަށް އަހަރެން ގަބޫލު ކުރަނީ،" ދާސްތާނޭ މުހައްބަތު އާއި ކުޗް ރަންގް ޕިޔާރު ކޭ އޭސޭ ބީ ފަދަ ސިލްސިލާތައް ކުޅުނު އެކްޓަރު އިންޑޯ-އޭޝިއަން ނިއުސް އެޖެންސީ (އިއަންސް) އަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.

ޝަހީރު ބުނި ގޮތުގައި އާ ޑައިރެކްޓަރުންގެ ފަރާތުން ފުރުސަތުތައް ލިބުނަސް، އޭނާ ހިތްހަމަޖެހޭ ކެރެކްޓާއެއް ކުޅެން ލިބޭ ސްކްރިޕްޓެއް ލިބިއްޖެ ނަމަ ވަގުތުން އެ އެއްޗަކަށް އެއްބަސް ވާނެ އެވެ.

"އަހަންނަކީ ހަގީގަތުގައި ތަންކޮޅެއް ޗޫޒީ ވެސް މީހެއް. އެހެންވީމަ ބޮލީވުޑަށް ނުކުންނަ އިރު، ކުޅޭނެ ފިލްމެއް ވެސް ނިންމާނީ ވަރަށް ބަލާފައި،" އޭނާ ބުންޏެވެ. "އަދި މަޝްހޫރު ބޮޑު ޕްރޮޑަކްޝަން ހައުސްއަކުން ފިލްމެއް ހުށަހެޅިޔަސް، ރަނގަޅު ސްކްރިޕްޓެއް ނޫން ކަމަށް ވަންޏާ އެއްބަހެއް ނުވާނަން."

ބައެއް ރިޕޯޓްތައް ބުނާ ގޮތުން އިންޑިއާގެ އެންމެ ބޮޑު ފިލްމު ކުންފުނި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ފިލްމެއް ޝަހީރަށް ހުށަހަޅާފައިވެ އެވެ. އެކަމަކު އެކަމާ ބެހޭ ގޮތުން ރަސްމީކޮށް އަދި އެއްވެސް ވާހަކައެއް މީޑިއާތަކާ ހިއްސާކޮށްފައެއް ނުވެ އެވެ.

މިހާތަނަށް އަދި ހިންދީ ފިލްމަކުން ނުފެނުނަސް، ކަޝްމީރަށް އުފަން ޝަހީރު ވަނީ 2015 ގައި "ތޫރިސް ރޮމޭންޓިސް" ކިޔާ އިންޑޮނީޝިއާގެ ފިލްމެއްގައި މަސައްކަތްކޮށްފަ އެވެ.

މި ފަހަކަށް އައިސް އިންޑިއާގެ ވަރަށް ގިނަ ޓީވީ ތަރިންނަށް ފިލްމުތަކުން ފުރުސަތު ލިބެމުން އަންނަ އިރު، ޓީވީ އިންޑަސްޓްރީން ބޮލީވުޑަށް ނުކުތް އެންމެ ކާމިޔާބު އެކްޓަރަކީ ސުޝާންތު ސިންގް ރާޖްޕޫތެވެ.