02 ޖުލައި 2019 - 13:52

ވޮޝިންޓަން (ޖުލައި 2) - އީރާނުން ދަނީ "އަލިފާނާ ކުޅެމުން" ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވައިފި އެވެ.

"އީރާނަށް އެނގޭ އެ މީހުން ކުރަމުން އެދަނީ ކީއްކަން. އެ މީހުން އެ ކުޅޭ އެއްޗެއް ވެސް އެނގޭނެ. އެ މީހުން ކުޅެމުން އެދަނީ އަލިފާނާ،" ނިއުކްލިއާ އެއްބަސްވުމުގެ ދަށުން ލިމިޓަށް ވުރެ އިތުރަށް ޔުރޭނިއަމް ފައްކާކުރަމުންދާ ކަމަށް އީރާނުން ބުނުމާ ގުޅިގެން ވައިޓް ހައުސްގައި ނޫސްވެރިއަކު ކުރި ސުވާލުގެ ޖަވާބުގައި ޓްރަމްޕް ވިދާޅުވި އެވެ.
ދެހާސް ފަނަރަ ވަނަ އަހަރު ސޮއިކުރި ނިއުކްލިއާ އެއްބަސްވުމުގެ ދަށުން އީރާނަށް ލިމިޓް އޮންނަ 300 ކިލޯ އަށް ވުރެ އިތުރަށް ޔުރޭނިއަމް ފައްކާކޮށްފައިވާ ކަމަށް އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީން ވަނީ ބުނެފަ އެވެ. އެމެރިކާ އިން ވަނީ އެ އެއްބަސްވުމުން މިދިޔަ އަހަރުގެ މެއި މަހު ވަކިވެފަ އެވެ.
އީރާނުން ބުނެފައި ވަނީ ނިއުކްލިއާ އެއްބަސްވުމަކީ އޭގައި ބައިވެރިވާ އެންމެންވެސް އެއްވަރަކަށް އަމަލު ކުރަން ޖެހޭ އެއްޗެއް ކަމަށާއި އީރާނުން އެކަނި އެއަށް އަމަލު ކުރަން ނުޖެހޭނެ ކަމަށެވެ. އަދި ޔޫރަޕުގެ ގައުމުތަކުން އެއްބަސްވުމަށް އަމަލު ކުރާނެ ނަމަ އީރާނުން ވެސް އެއްބަސްވުމަށް ރުޖޫއަވާނެ ކަމަށް ވަނީ ބުނެފަ އެވެ.
އީރާނުން ބުނީ އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އެޅި ނަމަވެސް އެއްބަސްވުމުގެ ބައިވެރިން ކަމަށްވާ އިނގިރޭސި ވިލާތް، ޗައިނާ، ފްރާންސް، ޖަރުމަން އަދި ރަޝިޔާ އިން ވެސް އެއްބަސްވުމަށް އަމަލުކޮށް، އީރާނުގެ ތެޔޮ އެކްސްޕޯޓް ކުރުމުގައި އެހީތެރިވެދޭނެ ޖެހޭނެ ކަމަށެވެ.
ވައިޓް ހައުސް އިން ބުނެފައި ވަނީ އީރާނުން ނިއުކްލިއާ ހަތިޔާރެއް އުފެއްދުމުގެ ފުރުސަތު އެމެރިކާ އާއި އެ ގައުމުގެ ބައިވެރިން ނުދޭނެ ކަމަށެވެ.
އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ޔޫރަޕުގެ ގައުމުތަކުން އީރާނަށް އިތުރަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ގޮވާލައްވައިފަ އެވެ.