ތަމަޅަ ފިލްމު "ބިޖިލް" ގައި ޝާހްރުކްގެ ލަވައެއް
ތަމަޅަ ފިލްމު "ބިޖިލް" ގައި ޝާހްރުކްގެ ލަވައެއް

ފަހުގެ ހުރިހާ ފިލްމުތަކެއް ފްލޮޕްވެފައިވާތީ މި ވަގުތު ހިންދީ އެއްވެސް ފިލްމަކަށް ސޮއި ކުރަން ބޭނުން ނުވާ ކަމަށް ބުނެފައިވާ އެކްޓަރު ޝާހްރުކް ހާން ތަމަޅަ ފިލްމެއްގެ ހާއްސަ ފެނިލުމަކަށް އެއްބަސްވެފައިވާ ކަމަށް މީޑިއާތަކުން ބުނެފި އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި އޭނާ ފެންނާނީ އޮކްޓޯބަރު މަހު ރިލީޒްކުރާ ޑައިރެކްޓަރު އެޓްލީގެ ކުޅިވަރު/އެކްޝަން ފިލްމު "ބިޖިލް" ގެ ހާއްސަ ލަވައަކުންނެވެ. ސައުތުގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ވިޖޭ އާއި ނަޔަންތަރާ ލީޑް ރޯލުން ފެނިގެންދާ ފިލްމުގެ މިއުޒިކް ހަދާފައި ވަނީ ޝާހްރުކްގެ އެންމެ ފަހުގެ ފިލްމު "ޒީރޯ" ގެ ވެސް މިއުޒިކް ހެދި އޭއާރް ރަހްމާނެވެ.

މީޑިއާތަކުން ބުނި ގޮތުގައި "ބިޖިލް" ގެ ލަވައަކަށް ޝާހްރުކް އެއްބަސްވީ، އެ ލަވައަކީ ރަހުމާންގެ މިއުޒިކެއް ކަމަށްވާތީ އެވެ. އަދި ލަވައިން އޭނާއާ އެކު ނަޔަންތަރާ ވެސް ފެންނާނެތީ އެވެ.

މީގެ ކުރިން ޝާހްރުކް ތަމަޅަ އެއްވެސް ފިލްމެއްގައި ހިއްސާވެފައި ނުވާ އިރު، "ބިޖިލް" ގެ ލަވައަކަށް އޭނާ އެއްބަސްވީ މި ފިލްމުގެ ޑައިރެކްޓަރު އެޓްލީގެ ފިލްމެއް ޝާހްރުކަށް ހުށަހަޅާފައިވާ ކަމަށް ވެސް މީޑިއާތަކުން ކުރިން ރިޕޯޓްކޮށްފައި ވަނިކޮށެވެ.

"ބިޖިލް" އިން ޝާހްރުކް ފެނުމުގެ ފުރުސަތު އޮތް އިރު، އޭނާއަކީ އަބަދު ވެސް ގާތް ބައެއް މީހުންގެ ފިލްމުތަކުން ލިބޭ ހުށަހެޅުންތަކަށް އިޖާބަ ދީ، ވަރަށް ގިނަ ހިންދީ ފިލްމުތަކުގައި ހާއްސަ ފެނިލުންތަކުން ފެނިފައިވާ އެކްޓަރެކެވެ. އެގޮތުން މިހާތަނަށް 23 ފިލްމެއްގައި ކެމިއޯއެއްގެ ގޮތުން ހިއްސާވެފައިވެ އެވެ.

އޮކްޓޯބަރު މަހުގެ 27 ގައި ރިލީޒް ކުރަން ތާވަލުކޮށްފައިވާ "ބިޖިލް" ގެ ކާސްޓުންގެ ތެރޭގައި ބޮލީވުޑްގެ އެކްޓަރު ޖެކީ ޝްރޮފް ވެސް ހިމެނެ އެވެ.