ހޮން ކޮންގައި ހަމަނުޖެހުން ހިންގި މީހުން ޕާލަމެންޓަށް ވަދެ ގެއްލުންތައް ދީފި
ހޮން ކޮންގައި ހަމަނުޖެހުން ހިންގި މީހުން ޕާލަމެންޓަށް ވަދެ ގެއްލުންތައް ދީފި

ހޮން ކޮން (ޖުލައި 2) - ހޮންކޮންގެ ހިންގުން އިނގިރޭސިންގެ ބާރުގެ ދަށުން ޗައިނާއާ ހަވާލުކުރިތާ 22 އަހަރު ފުރުން ފާހަގަކުރާ މުނާސަބަތާ ދިމާކޮށް އިއްޔެ އެ ގައުމުގައި ހަމަނުޖެހުން ހިންގި މީހުން ޕާލަމެންޓް އިމާރާތުގެ މައި ޗެމްބަރަށް ވަދެ ގެއްލުންތައް ދީފި އެވެ.

ލެޖިސްލޭޓިވް ކައުންސިލަށް ވަދެ ހަމަނުޖެހުން ހިންގާ ތަކެއްޗަށް ގެއްލުންދީ ފާރުތަކާއި މޭޒުތަކަށް ސްޕްރޭ ކުރަން ފެށުމުން މީހުން ނެރުމަށް ފުލުހުން ވަނީ ކަރުނަ ގޭސް ބޭނުންކޮށްފަ އެވެ.

ހޮން ކޮންގެ ލީޑަރު ކެރީ ލާމް ވިދާޅުވީ ޕާލަމެންޓަށް ވަދެ ގެއްލުންދިން މީހުންގެ އަމަލުތައް ބަލައިނުގަނެވޭނެ ކަމަށެވެ. އަދި ހޮން ކޮންގައި ގާނޫނު ނެގެހެއްޓުމަށް ވުރެ މުހިންމު ކަމެއް ނޯންނާނެ ކަމަށް އެކަމަނާ ވިދާޅުވި އެވެ.

ހޮން ކޮން، ޗައިނާއާ ހަވާލުކުރުމުގެ މުނާސަބާ ކޮންމެ އަހަރަކު ފާހަގަ ކުރަމުން ދިޔަ ނަމަވެސް މި އަހަރުގެ ރަސްމިއްޔާތު ދިމާވެފައި ވަނީ ކުށްވެރިން ޗައިނާއާ ހަވާލު ކުރުމުގެ ބިލަކާ ދެކޮޅަށް މުޅި ގައުމުގައި ވަރުގަދަ މުޒާހަރާތަކެއް ބޭއްވި ދުވަސްވަރާ އެވެ. ފާޑު ކިޔާ ފަރާތްތަކުން ބުނަނީ އެއީ ސިޔާސީ އިދިކޮޅު ފަރާތްތައް ޗައިނާއާ ހަވާލު ކުރަން ފާސްކުރާ ބިލެއް ކަމަށެވެ. މުޒާހަރާތައް ވަރުގަދަވުމުން ސަރުކާރުން މިހާރު ވަނީ އެ ބިލް ސަސްޕެންޑްކޮށްފަ އެވެ. އަދި ބިލް ފާސްކުރާނެ ކަމަކަށް ވެސް މިހާރު ނުބެލެވެ އެވެ.