މުސްއަބުގެ ސަސްޕެންޝަންގެ މުއްދަތު އިތުރުކޮށްފި
މުސްއަބުގެ ސަސްޕެންޝަންގެ މުއްދަތު އިތުރުކޮށްފި

އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ މުސްއަބް އަބްދުﷲގެ ސަަސްޕެންޝަން ދެ ވަނަ ފަހަރަށް އިތުރުކޮށްފި އެވެ.

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ސެކްރެޓަރީ ޖެނެރަލް އިބްރާހިމް ޒުހުރީ ވިދާޅުވީ އެ ކޮމިޝަނުން ބަލަމުން އަންނަ މައްސަލައާ ގުޅިގެން މުސްއަބްގެ ސަސްޕެންޝަން 30 ދުވަހަށް އިތުރުކޮށްފައިވާ ކަމަށެވެ.

ނަމަވެސް އެއީ ކޮން މައްސަލައެއް ކަމަށް ނުބުނެ އެވެ.

އެ ކޮމިޝަނުން މުސްއަބް އެންމެ ފުރަތަމަ ސަސްޕެންޑް ކުރީ މިދިޔަ މެއި 29 ވަނަ ދުވަހެވެ.

މީގެ ކުރިން އެޑިއުކޭޝަންގެ ޕީއެސްއަކަށް ހުންނެވި މުހައްމަދު ސައީދު ވެސް ސަސްޕެންޑް ކުރި އެވެ. ތިން މަސް ދުވަހުގެ ސަސްޕެންޝަނަށް ފަހު މިިދިޔަ އޭޕްރީލް މަހު އޭނާ ވަނީ މަގާމުން ވަކިކޮށްފަ އެވެ.

އިސްލާމިކް މިނިސްޓްރީގެ ޕީއެސްގެ މަގާމަށް މުސްއަބު ހަމަޖެއްސީ ޖުލައި، 25، 2017 ގަ އެވެ. އޭގެ ކުރިން އޭނާ ވަނީ އަބޫދާބީގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ފަސްޓް ސެކްރެޓަރީކަން ކުރައްވައިފަ އެވެ.

މިނިސްޓްރީތަކުގެ ޕާމަނަންޓް ސެކްރެޓަރީންނަކީ ކޮންމެ ތަނެެއްގައި ވެސް ސިވިލް ސާވިސްގެ ފަރާތުން ހުންނަ އެންމެ އިސް މުވައްޒަފެވެ.