ހުއްދަ ނުނަގައި މުޒާހަރާ ކުރެވޭނީ ކާނިވާ ސަރަހައްދުގައި އެކަނި ކަމަށް ކަނޑައަޅައިފި
ހުއްދަ ނުނަގައި މުޒާހަރާ ކުރެވޭނީ ކާނިވާ ސަރަހައްދުގައި އެކަނި ކަމަށް ކަނޑައަޅައިފި

ފުލުހުންގެ ހުއްދައެއް ނެތި މާލޭގައި މުޒާހަރާ ކުރެވޭނީ ކާނިވާ ސަރަހައްދުގައި އެކަނި ކަމަށް ހޯމް މިނިސްޓްރީން ކަނޑައަޅައިފި އެވެ.

ކުރިން ހުއްދަ ހޯދުމަކާ ނުލައި މުޒާހަރާކުރުމުގެ ހައްގު ގާނޫނު އަސާސީން ދީފައި އޮންނައިރު ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގައި ވެސް ކުރިން އޮންނަ އޮންނަ ގޮތުން، މުޒާހަރާކުރުން މަނާ ކަމަށް ކަނޑައަޅާފައިވާ ތަނެއްގައި ނޫނީ ކުރިން ހުއްދަ ހޯދުމަކާ ނުލައި މުޒާހަރާ ކުރެވެ އެވެ.

ފުލުހުންގެ ހުއްދަ ނެތި މާލޭގައި މުޒާހަރާކުރެވޭނެ ހަމައެކަނި ތަނަކީ ކާނިވާ ސަރަހައްދު ކަމަށް ހޯމް މިނިސްޓްރީން ކަނޑައަޅާފައި މި ވަނީ މިދިޔަ މަހު ގާނޫނަށް ގެނައި އިސްލާހަކާ ގުޅިގެންނެވެ.

މާފަންނު ދެކުނު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަބްދުﷲ ރިފާއު ހުށަހަޅުއްވައި ފާސްކުރި އިސްހުގައި ވަނީ ހުއްދަ ހޯދުމެއް ނެތި މާލޭގައި މުޒާހަރާ ކުރެވޭނީ ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދު ބުރެއް ބޭއްވޭނީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަންތަނުގައި އެކަނި ކަމަށެވެ. އަދި އެ ބިލް ގާނޫނަކަށް ވާތާ 30 ދުވަހުގެ ތެރޭގައި، އެއްވެ އުޅެވޭނެ ތަންތަނުގެ ލިސްޓެއް ހަދައި، ހޯމް މިނިސްޓްރީން ގެޒެޓް ކުރަން ޖެހޭނެ ކަމަށް ވެސް އިސްލާހުގައިވެ އެވެ.

މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ތާރީޚުގައި ހޯމް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ "މޯލްޑިވްސް ޕޮލިސް ސާވިސް އިން ދޭ ހުއްދައަކާ ނުލައި، ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށް ކަމުގައިވާ މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނީ ހެންވޭރު ކާނިވާ ސަރަހައްދުގައި" ކަމަށެވެ.

މިގޮތަށް ހަމަޖެއްސި އިރު ކާނިވާ ސަރަހައްދުގެ ބޮޑު ބައެއް މިހާރު ވަނީ އެއްގަމު އުޅަނދު ދުއްވުމުގެ ޓެސްޓު ހެދުމަށް ބޭނުންކުރާ ސަރަހައްދެއްގެ ގޮތުގައި ހާއްސަކޮށްފަ އެވެ.

އެއްވެ އުޅުމުގެ ހައްގު ހަނިކުރުމަށް ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ބުނެފައި ވަނީ އެއީ ގާނޫނު އަސާސީއާ ހިލާފު އިސްލާހެއް ކަމަށާއި އެއީ ބާތިލް އިސްލާހެއް ކަމަށެވެ. އެހެންވެ އެ އިސްލާހާ އެއްގޮތަށް އަމަލުކުރަން ނުޖެހޭނެ ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ބުނެފައިވެ އެވެ.