އައިއޯއައިޖީ އަށް ތައްޔާރުވާން ޓީޓީ ޓީމު އިންޑިއާ އަށް
އައިއޯއައިޖީ އަށް ތައްޔާރުވާން ޓީޓީ ޓީމު އިންޑިއާ އަށް

މޮރިޝަސްގައި މި މަހު 19 ގައި ފަށާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ތައްޔާރުވުމަށް ހާއްސަ ތަމްރީންތަކެއް ހެދުމަށް ގައުމީ ޓޭބަލް ޓެނިސް ސްކޮޑް އިއްޔެ އިންޑިއާ އަށް ފުރައިފި އެވެ.

މި ޓީމު ތަމްރީން ހަދާނީ އިންޑިއާގެ އެއް ވަނަ އެކަޑަމީ ކަމަށްވާ ހަރްޔާނާގެ ޕިނޭކަލް އެކަޑަމީގަ އެވެ. ޓީމުން އައީ މީގެ ތިން މަހެއްހާ ދުވަސް ކުރިން ފެށިގެން މާލޭގައި ވެސް ތަމްރީން ހަދަމުންނެވެ. އަދި އިންޑިއާގެ ނެޝަނަލް ބީ ލެވެލްގެ ކުޅުންތެރިންތަކެއް ދާދި ފަހުން ރާއްޖެ އައިސް ގައުމީ ޓީމާ އެކު ސިލްސިލާ ތަމްރީން މެޗުތަކެއް ކުޅުނެވެ.

އައިއޯއައިޖީ އަށް ގައުމީ ޓީމު ތައްޔާރުކުރުމަށް ޓީޓީ އެސޯސިއޭޝަނުން ވަނީ ޕިނޭކަލް އެކަޑަމީއާ އެކު އެއްބަސްވުމެއް ހަދައިފަ އެވެ. އެގޮތުން ތޓެކްނިކަލް އާއި ޓެކްޓިކަލް ތަމްރީންތަކުގެ އިތުރުން ކުޅުންތެރިންގެ ފިޒިކަލް ފިޓްނަސް ވެސް އެ އެކަޑަމީން އައީ މޮނިޓާކުރަމުންނެވެ.

ޕިނޭކަލް އެކަޑަމީ އަކީ އިންޑިއާގެ އެކި ހިސާބުތަކުން މޮޅު ކުޅުންތެރިން ގޮސް ތަމްރީންވާ އެއް ސެންޓަރެވެ އަދި އިންޑިއާގެ ޖޫނިއާ ޓީމުގެ ކޯޗުކަމާއި ސީނިއާ ޓީމުގެ ވަގުތީ ކޯޗުކަން ވެސް ކުރަނީ އެ އެކަޑަމީގެ ހެޑްކޯޗެކެވެ. ދާދި ފަހުން ބޭއްވި ދެކުނު އޭޝިއާގެ ހޯޕްސް ޓީޓީ މުބާރާތް ބޭއްވީ ވެސް އެތަނުގަ އެވެ.

ސްކޮޑުގައި ހިމެނެނީ ފިރިހެން ހަތަރު ކުޅުންތެރިންނާއި އަންހެން ފަސް ކުޅުންތެރިންނެވެ. ފިރިހެން ކުޅުންތެރިންނަކީ އެންމެ ފަހު ނުވަ އަހަރުގެ ގައުމީ ސިންގަލްސް ޗެމްޕިއަން މޫސާ މުންސިފާއި ޒީސްތު ނަސީމާއި މުންތިފް އަހުމަދު އަދި ޝައްފާން އިސްމާއީލް އެވެ. މި ހަތަރު ކުޅުންތެރިންނަށް ވަނީ ގޭމްސްގައި ވާދަކުރާ ފައިނަލް ސްކޮޑުން މިހާރު ވެސް ޖާގަ ކަށަވަރުވެފަ އެވެ.

އަންހެން ސްކޮޑުގައި ހިމެނެނީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ މުއީނާ މުހައްމަދާއި މިވަގުތު ރާއްޖޭގައި ތިބި އެންމެ ހުނަރުވެރި ދެ ކުޅުންތެރިން ކަމަށްވާ ފާތިމަތު ދީމާ އަލީ އާއި ރަފާ ނާޒިމް އަދި ލައިސާ ފަތުހުﷲ އަދި ޖުމާނާ ނިމާލެވެ. ގޭމްސްގައި ވާދަކުރާ ފައިނަލް ސްކޮޑުގައި ހިމެނޭނީ މީގެ ތެރެއިން ހަތަރު ކުޅުންތެރިންނެވެ.

މިއީ ރާއްޖޭގެ ސިންގަލްސް ޗެމްޕިއަންކަން 15 ފަހަރު ހޯދާފައިވާ މުއީނާ ކަކުލުގެ ސީރިއަސް އަނިޔާއަކަށް ފަހު އަލުން ކުޅެން ނުކުމެ ގައުމީ ސްކޮޑުގައި ހިމެނުނު ފުރަތަމަ ފަހަރެވެ. ޓީމުގައި ހިމެނޭ އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ ވަނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން 2011 ވަނަ އަހަރު ރިހި މެޑަލް ހޯދައިފަ އެވެ.

ސްކޮޑުގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން ދީމާ މިވަގުތު ޗައިނާގައި މަތީ ފެންވަރުގެ ތަމްރީން ހަދަމުން އަންނާތީ އޭނާ އިންޑިއާގެ ތަމްރީންތަކުގައި ބައިވެރިނުވާނެ އެވެ. ދީމާ އަށް ޗައިނާގައި ކޯޗުކޮށްދީ އޭނާއާ އެކު މެޗުތައް ކުޅެމުން އަންނަނީ ޗައިނާގެ އުމުރުން 25 އަހަރުގެ ކުޅުންތެރިޔާ ޒާއޯ ޔާން އެވެ. ޕްރޮފެޝަނަލް ތަމްރީންތައް 10 އަހަރު ހަދާފައިވާ ޒާއޯ ވަނީ ޗައިނާ ގައުމީ ޓީމަށް ކުޅެ ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކެއްގައި ވާދަކޮށްފަ އެވެ.

ގޭމްސް އަށް ފަހު ދީމާ އޮމާނުގައި ބާއްވާ ވޯލްޑް ހޯޕްސް މުބާރާތުގައި ވާދަކުރާނެ އެވެ. އޭނާ އަށް ވޯލްޑް ހޯޕްސް އިން ފުރުސަތު ލިބުނީ އޭޝިއާ މުބާރާތުގެ ގަދަ ދެ ކުޅުންތެރިންގެ ތެރޭ ހިމެނުމުންނެވެ. އަދި އޭޝިއާ މުބާރާތަށް ކޮލިފައިވީ މި އަހަރުގެ ޖެނުއަރީ މަހު އިންޑިއާގައި ބޭއްވި ސައުތު އޭޝިއާ ހޯޕްސް ޓޭބަލް ޓެނިސް މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދައިގެންނެވެ. އެއާ އެކު ދީމާ ވެގެންދިޔައީ ބައިނަލްއަގްވާމީ މުބާރާތެއްގައި ރާއްޖެ އަށް ޓޭބަލް ޓެނިހުން، އެއްވެސް ކެޓަގަރީއަކުން ރަން މެޑެއްޔެއް ހޯދައިދިން ފުރަތަމަ އަދި ހަމައެކަނި ކުޅުންތެރިޔާ އަށެވެ.

ދީމާގެ އިތުރުން، ގައުމީ ޗެމްޕިއަންކަން ހޯދާފައިވާ ރަފާ އަކީ ވެސް މި ފަހަރުގެ ގޭމްސްގައި ރާއްޖެ އަށް މެޑަލް ހޯދައިދޭނެ ކަމަށް ބެލެވޭ ކުޅުންތެރިޔެކެވެ. ރާއްޖޭގައި އެއްވެސް ކުޅިވަރެއްގައި މިވަގުތު ތިބި އެންމެ އުއްމީދީ ޖޫނިއާ ދެ ކުޅުންތެރިންނަކީ ދީމާ އާއި ރަފާ އެވެ.