01 ޖުލައި 2019 - 22:27

އދ. އޮމަދޫ ސިއްހީ މަރުކަޒުގެ މުވައްޒަފުންނަށް ތަކުރާރުކޮށް ބިރު ދެއްކި މައްސަލައެއްގައި އެ ރަށު ކައުންސިލަރަކު ހައްޔަރުކޮށްފި އެވެ.
ބިރު ދެއްކި މައްސަލައެއްގައި އޮމަދޫން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވެސް ބުންޏެވެ. ފުލުހުން ބުނި ގޮތުގައި އެ ރަށުން ހައްޔަރުކޮށްފައިވަނީ އުމުރުން 41 އަހަރުގެ ފިރިހެނެކެވެ. އަދި އެ މީހާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ވެސް ބުންޏެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެ އެވެ.
އެނގިފައިވާ ގޮތުގައި، ކައުންސިލަރު ސިއްހީ މަރުކަޒުގެ މުވައްޒަފުންނަށް ބިރު ދެއްކީ، އޭނާގެ އެއް މަސް ނުވާ ދަރިފުޅަށް، އެ ކުއްޖާގެ މަންމަގެ އައިޑީކާޑު ބޭނުންކޮށްގެން އާސަންދަ ހަމަޖައްސައިނުދިނުމުންނެވެ. ކައުންސިލަރުގެ ބިރު ދެއްކުންތަކާ ހެދި ސިއްހީ މަރުކަޒުގެ މުވައްޒަފުން ވަޒީފާ އަށް ނުކުންނަން ޖެހިލުންވާ ހިސާބަށް ކަންތައް ގޮސްފައިވާ ކަމަށްވެ އެވެ.