ކޮމަންވެލްތުގެ މަންދޫބު މުޓުންގާ ޖަލަށް ވަަޑައިގެން މަހްލޫފާ ބައްދަލުކުރައްވައިފި
ކޮމަންވެލްތުގެ މަންދޫބު މުޓުންގާ ޖަލަށް ވަަޑައިގެން މަހްލޫފާ ބައްދަލުކުރައްވައިފި

ކޮމަންވެލްތުން ރާއްޖެއަށް ކަނޑައެޅި މަންދޫބު ވިލީ މުޓުންގާ، ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ކޮމަންވެލްތުގެ މަންދޫބު މުޓުންގާ ޖަލަށް ވަަޑައިގެން މަހްލޫފާ ބައްދަލުކުރައްވައިފި
ކޮމަންވެލްތުގެ މަންދޫބު މުޓުންގާ ޖަލަށް ވަަޑައިގެން މަހްލޫފާ ބައްދަލުކުރައްވައިފި

މަހްލޫފްގެ އަނބިކަނބަލުން ނަޒްރާ ނަސީމް (ނަޒޫ) ވިދާޅުވި ގޮތުގައި މަހްލޫފާ އެކު މުޓުންގާ ބޭއްވި ބައްދަލުކުރެއްވުމުގައި މަހްލޫފަށް ޖަލު ހުކުމް އައި ގޮތާ ބެހޭ މައުލޫމާތުތައް ހޯއްދެވި އެވެ. މީގެ އިތުރުން މަހްލޫފް ޖަލަށްލި މައްސަލަ އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނަށް ހުށަހަޅާފައިވާތީ އެކަމާ ބެހޭ މައުލޫމާތު ވެސް ހޯއްދެވި ކަމަށް ނަޒޫ ވިދާޅުވި އެވެ.

"މަހްލޫފް ޖަލުގައި ހުންނެވީ ވަރަށް ހިތްވަރުގަދަކަމާ އެކު. ދާދި އަވަހަށް އެނބުރި އައުމުގެ އަޒުމުގައި،" ނަޒޫ ވިދާޅުވި އެވެ.

އިދިކޮޅު އިއްތިހާދުގެ ތަރުޖަމާނުކަން ވެސް ކުރައްވާ މަހްލޫފް 10 މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ ފުލުހުންނަށް ހުރަސް އެޅި ކަމަށް ބުނެ އޭނާގެ މައްޗަށް ކުރި ދެ ދައުވާއެއް ސާބިތުވުމުންނެވެ. ފުރަތަމަ މައްސަލާގައި ހަތަރު މަހާއި 24 ދުވަހު ހުކުމެއް އިއްވިއިރު ދެވަނަ މައްސަލާގައި އިއްވީ ހަ މަހުގެ ޖަލު ހުކުމެކެވެ.

މަހްލޫފް ޖަލަށްލި މައްސަލަ، ދިވެހި ސަރުކާރަށް ރައްދުވާ ގޮތަށް ވޯކިން ގްރޫޕަށް ހުށަހެޅިއިރު، މަހްލޫފަށް ވަކިވަކިން އިއްވި ދެ ހުކުމްގެ މައްސަލަ ވެސް މަހްލޫފްގެ ފަރާތުން އޮތީ ހައި ކޯޓަށް އިސްތިއުނާފަށް ހުށަހަޅައިފަ އެވެ. އެކަމަކު އަޑުއެހުންތައް ހައި ކޯޓުން އަދި ނުފަށަ އެވެ.

މަހްލޫފް މާފުށީ ޖަލުގައި އެކަހެރިކޮށްފައި ބަހައްޓާތީ އާއި ޖަލުން ލިބޭ ބައެއް ހިދުމަތްތަކާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް މަހްލޫފްގެ އާއިލާ އިން އެ މައްސަލަ އެޗްއާރުސީއެމަށް ވެސް ވަނީ ހުށަހަޅައިފި އެވެ.

މީގެކުރިން، ކުރީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށްލާން ކުރި ހުކުމުގެ މައްސަލާގައި އެމަނިކުފާނު ދޫކޮށްލަން އދ. ގެ ވޯކިން ގްރޫޕުން ނިންމި ނިންމުމަށް ސަރުކާރުން އަމަލުކޮށްފައެއް ނުވެ އެވެ. ސަރުކާރުން ބުނެފައިވަނީ ވޯކިން ގްރޫޕުގެ ނިންމުމަކީ އަމަލު ކުރުން ލާޒިމް ނިންމުންތަކެއް ނޫން ކަމަށެވެ.

މުޓުންގާ މިއަދު ވަނީ ކޮމިޝަނާ އޮފް ޕޮލިސް ހުސެއިން އަރީފާއި ބްރޯޑްކާސްޓިން ކޮމިޝަންގެ އިސްވެރިންނާ ބައްދަލުކުރައްވައި އެކިއެކި ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.