29 މެއި 2016 - 11:51

ދެ ގުރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީއެއް ކޮންޓްރޯލް ކުރުމަށް ކަމަށް ބުނެ، މީގެ ދެ މަހެއް ވަރު ކުރިން ގިނަ އަދަދެއްގެ ފުލުހުންތަކެއް ގ. މަސްއޮޑިގެ އަށް ވަދެ، މާރާމާރީ ހިންގި ކަމަށް ބުނާ މައްސަލައިގައި ބައެއް ފުލުހުންނާ މެދު ފިޔަވަޅު އަޅައިފި އެވެ.
މާރާމާރީއެއް ކޮންޓްރޯލް ކުރުމަށް ކަމަށް ބުނެ ސާޅީހަކަށް އެސްއޯ ފުލުހުން އެރޭ މަސްއޮޑިގެ އަށް ދިޔަ އެވެ. އެކަމަކު "މިހާރު" އަށް އެނގިފައިވާ ގޮތުގައި، އިސް ވެރިއެއްގެ އޯޑަރަކާ ނުލައި ފުލުހުން އެ ގެ އަށް ވަނުމުން ފިޔަވަޅު އެޅީ އެކަމުގައި އިސްކޮށް އުޅުނު ހައެއްކަ ފުލުހުންނާ މެދު އެވެ. އެ މީހުން ފުލުހުންގެ އެކި ޑިޕާޓްމެންޓްތަކަށް ބަދަލުކޮށްފައިވާ ކަމަށް އެނގިފައި ވެ އެވެ.
އެ މައްސަލައިގައި އެ ފުލުހުންގެ ބަޔާން ވެސް ނަގާފައި ވެ އެވެ.
ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއީލް އަލީ ވިދާޅުވީ ރޮޓޭޓް ޕޮލިސީ އަށް އަމަލު ކުރުމުގެ ގޮތުން ބައެއް ފުލުހުން އެ މީހުންގެ ޑިޕާޓްމަންޓް ބަދަލު ކުރަމުން ގެންދާ ކަމަށާއި މަސްއޮޑިގެ އަށް ވަދެ، ބަޔަކަށް އަނިޔާ ކުރި ކަމުގެ ތުހުމަތުގައި އެއްވެސް ފުލުހެއްގެ ޑިޕާޓްމެންޓް ބަދަލު ނުކުރާ ކަމަށެވެ.
"ވަރަށް ގިނަ ފުލުހުން އެ މީހުން މަސައްކަތް ކުރާ ތަން ބަދަލު ކުރަމުން މިހާރު ގެންދަނީ. އޭގެ ތެރޭގައި ހިމެނިދާނެ އެ ދުވަހު މަސްއޮޑިގެ އަށް ދިޔަ ފުލުހުން ވެސް. އެކަމަކު އެ މައްސަލައާ ގުޅިގެން ކަމަށް ބުނެ އެއްވެސް ފުލުހެއްގެ ޑިޕާޓްމެންޓް ބަދަލެއް ނުކުރަން،" އިސްމާއީލް ވިދާޅުވި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ގިނަ އަދަދެއްގެ ފުލުހުން މަސްއޮޑިގެ އަށް ދިޔައީ އެ ގެ ކައިރީގައި އުޅޭ ޒުވާނުންތަކެއް، ފުލުހަކަށާއި އޭނާގެ އާއިލާ އަށް ބިރު ދައްކައި އިންޒާރު ދޭތީ، އެކަން ފުލުހުންނަށް ހުށަހަޅައިގެން މައްސަލަ ނުބެލުމުންނެވެ.
ފުލުހުން މަސްއޮޑިގެ އަށް ގޮސް، އެގޭގައި ތިބި ޒުވާނުންނާ ދެމެދު ހިނގި މާރާމާރީގައި ދެބައި މީހުންނަށް ވެސް އެކިވަރުގެ އަނިޔާތައް ވެފައި ވެ އެވެ.