ރާޣިބް ސަސްޕެންޑްކޮށް، މައްސަލަ ފުލުހަށް ފޮނުވަން ނިންމައިފި
ރާޣިބް ސަސްޕެންޑްކޮށް، މައްސަލަ ފުލުހަށް ފޮނުވަން ނިންމައިފި

ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރާޣިބާ ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުން އަންނަ މައްސަލައާ ގުޅިގެން އޭނާ ސަސްޕެންޑްކޮށް، މައްސަލަ ފުލުހަށް ފޮނުވަން ޖޭއެސްސީން މިއަދު ނިންމައިފި އެވެ.

ރާޣިބް ސަސްޕެންޑްކޮށް، މައްސަލަ ފުލުހަށް ފޮނުވަން ނިންމައިފި
ރާޣިބް ސަސްޕެންޑްކޮށް، މައްސަލަ ފުލުހަށް ފޮނުވަން ނިންމައިފި

ރާޣިބާ ގުޅޭގޮތުން ޖޭއެސްސީއަށް ހުށަހަޅާފައިވާ މައްސަލަތަކެއް އެ ކޮމިޝަނުން ކުރިން ވެސް ދިޔައީ ބަލަމުންނެވެ. އެ މައްސަލަތައް ބެލުމަށް އެ ކޮމިޝަންގެ މެމްބަރުންގެ ވަފުދެއް މިދިޔަ ހޮނިހިރު ދުވަހު ކ. ތުލުސްދޫއަށް ވެސް ދިޔަ އެވެ.

ޖޭއެސްސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ޑިރެކްޓަރު ހަސަން ޒަހީން ވިދާޅުވީ ރާޣިބްގެ މައްސަލަ ތަހުގީގު ކުރަމުންދާއިރު އޭނާ ވަޒީފާ އަށް ނުކުތުމަކީ ތަހުގީގަށް ހުރަސް އެޅިދާނެ ކަމެއްގެ ގޮތުގައި، މައްސަލަ ތަހުގީގުކުރާ ކޮމެޓީއަށް ފެންނާތީ އެ މައްސަލާގައި ވަކި ގޮތެއް ނިމެންދެން އޭނާ ސަސްޕެންޑް ކުރަން ކޮމިޝަނުން ނިންމީ ކަމަށެވެ. އަދި އެ މައްސަލަތަކާ ގުޅިގެން އޭނާގެ ބަސް ވެސް ކުރިން ހޯދާފައިވާނެ ކަމަށް ޒަހީން ވިދާޅުވި އެވެ.

"ތަހުގީގުގެ މުޅި ޕްރޮސެސް އެއްކޮށް ނިމުމަށް ފަހު ކޮމިޝަނުން ވަކި ގޮތެއް ނިންމަންދެން ސަސްޕެންޑް ކުރަން މި ނިންމީ. އެކަން އަޅުގަނޑުމެން މިއަދު ވަނީ ތަންފީޒު ކޮށްފައި،" ޒަހީން ވިދާޅުވި އެވެ.

ޒަހީން ވިދާޅުވީ ރާޣިބާ ގުޅޭގޮތުން ބަލަމުންދާ މައްސަލާގައި ޖިނާއީ ކަންތައްތަކެއް ވެސް ހުރިކަމަށް ފާހަގަވެފައި ވާތީ އެކަން ބެލުމަށް ފުލުހުންނަށް ފޮނުވަން ވެސް އެ ކޮމިޝަނުން މިއަދު ނިންމާފައިވާ ކަމަށެވެ.

ރާޣިބްގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފެމިލީ ކޯޓުގެ އިސްގާޒީ ހަސަން ސައީދު ވެސް މިވަގުތު ތިއްބެވީ ޖޭއެސްސީން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސަސްޕެންޑްކޮށްފަ އެވެ.