01 ޖުލައި 2019 - 14:27

ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ފިލި، އުމުރުން 14 އަހަރުގެ ޝައިމް އަބްދުﷲ މާލޭގެ ގެއެއްގެ ތެރޭގައި ހުއްޓާ ހޯދައި އެ ކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.
މީހަކު ކުރި ޓްވީޓަކަށް ޖަވާބުދެއްވަމުން ހަމީދު ވިދާޅުވީ ގަދަބާރުން ގެއަކަށް ވަދެ ޝައިމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް އޭނާ ހޯދީ ކޮންއިރަކު، ކޮން ގެއަކުން ކަމެއް އަދި އެކަމާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ނުދެ އެވެ.
ކުޑަކުދިންގެ ހިޔާގައި ހުއްޓާ ޝައިމް ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައި މިދިޔަ މަހުގެ 18 ވަނަ ދުވަހު އެވެ. އަދި އެ ކުއްޖާ ހޯދަން ފުލުހުން އާންމުކޮށް އިއުލާން ކުރީ މިދިޔަ މަހުގެ 20 ގަ އެވެ. އެ އަށް ފަހު ކޯޓު އަމުރެއްގެ ދަަށުން ތިން ގެއެއް ބަލާ ފާސްކޮށްފައި ވެ އެވެ.
ޝައިމް ގެއްލުނު މައްސަލައާ ގުޅިގެން ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެފައި ވަނީ ޝައިމް ގެއްލުނީ ބަލަންވާ ވަރަށް ނުބެލުމުންކަން ގަބޫލުކުރައްވާ ކަމަށެވެ. ކުށުގެ ވެށީގައި އުޅެނިކޮށް އެ ކުއްޖާ މިދިޔަަ މަހުގެ ކުރީކޮޅު ދައުލަތުގެ ބެލުމުގެ ދަށަށް ނެގީ ހަވާލުވާނެ ބަޔަކު ނެތުމުން ކަމަށެވެ. އާއިލާ އިން ވެސް ޝައިމްއާ ހަވާލުވާން ދެކޮޅު ހެދިއިރު، ބެލެނިވެރިން ވެސް އޭނާ ގޭގައި ބަހައްޓަން އެއްބަސް ނުވި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ގެއްލުނީ ކުޑަކުދިންގެ ހިޔާގައި ހުއްޓާ ކަމަށް ޖެންޑާއިން ފުރަތަމަ އެއްބަހެއް ނުވި އެވެ. އެކަމަކު މީޑިއާގެ ފިއްތުންތަކާ ހެދި ފަހުން ބުނީ އެ ކުއްޖާ ގެއްލުނީ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ "އަމާން"ގެ ކޮމްޕައުންޑުގެ ތެރެއިން ކަމަށެވެ. އެއީ ކުށުގެ ވެށިން ގެނައި ކުއްޖަކަށް ވާތީ، ކުޑަކުދިންގެ ހިޔާ އަށް ގެންދިޔައީ އެސެސްމަންޓުތައް ހަދަން ކަމަށާއި އެއީ ހިޔާގެ ދަފްތަރުގައި އޮތް ކުއްޖެއް ނޫން ކަމަށް ވެސް ބުންޏެވެ.