އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކް ނިއު ޒީލެންޑުގައި މަނާކޮށްފި
އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކް ނިއު ޒީލެންޑުގައި މަނާކޮށްފި

ވެލިންޓަން (ޖުލައި 1) - އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ކޮތަޅު ނިއު ޒީލެންޑުގައި ރަސްމީކޮށް މިއަދު މަނާކޮށްފި އެވެ.

ވިޔަފާރި ކުރާ ތަންތަނުން ވެސް ޕްލާސްޓިކް ކޮތަޅު ބޭނުން ކުރާ ނަމަ ބޮޑު ޖޫރިމަނާއެއް ކުރާ ގޮތަށް ވަނީ ފާސްކޮށްފަ އެވެ. މި ގޮތުން 100،000 ނިއު ޒީލެންޑް ޑޮލަރު (67،000 އެމެރިކާ ޑޮލަރު) އާ ހަމައަށް ޖޫރިމަނާ ކުރެވޭނެ އެވެ.

ޕްލާސްޓިކް ޕޮލިއުޝަނަކީ މުޅި ދުނިޔެ އަށް ވެސް މިހާރު ބޮޑު މައްސަލައެކެވެ. ޕްލާސްޓިކް ކެވިގެން ނުވަތަ ޕްލާސްޓިކް ކޮތަޅު އޮޅިގެން ކޮންމެ އަހަރަކު ވެސް މިލިއަނަކަށް ވުރެ ގިނަ ދޫނި މަރުވެ ނުވަތަ ގެއްލުންތައް ލިބެ އެވެ. އަދި ކަނޑުގައި އުޅޭ ލައްކައަކަށް ވުރެ ގިނަ މެމަލްސް އަށް އަނިޔާވެ ނުވަތަ މަރުވެ އެވެ.

"ނިއު ޒީލެންޑަކީ އެ ގައުމުގެ ސާފުކަމާއި ފެހި ކަމަށްޓަކައި ފަޚުރުވެރިވާ ގައުމެއް،" ނިއު ޒީލެންޑުގެ ތިމާވެއްޓާ ބެހޭ ވަޒީރު ވިދާޅުވި އެވެ.

ޕްލާސްޓިކް ކޮތަޅު މަނާކުރި ގާނޫނުގެ ދަށުން، ޕްލާސްޓިކް ކޮތަޅު ސަޕްލައި ކުރުމަކީ މަނާކަމެކެވެ. ނަމަވެސް އެއް ފަހަރަށް ވުރެ ގިނަ ފަހަރު ބޭނުން ކުރެވޭ ޕްލާސްޓިކް ބޭނުން ކުރުން ހުއްދަ އެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހު އިއުލާންކުރި ގާނޫނަށް އަމަލުކުރަން ފެށީ މިއަދު އެވެ. ނަމަވެސް ގާނޫނު ފާސްކުރުމުގެ ކުރިން ވެސް ގިނަ ސުޕަމާކެޓްތަކުން ވަނީ އަމިއްލަ އަށް އިސްނަގައިގެން ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓާލައިފަ އެވެ.

އިނގިރޭސިވިލާތުގެ ރޯޔަލް ސްޓެޓިސްޓިކަލް ސޮސައިޓީން ލަފާކުރާ ގޮތުގައި ޕްލާސްޓިކް ވޭސްޓުގެ 90.5 ޕަސެންޓް (6،300 މިލިއަން މެޓްރިކް ޓަން) ގެ ޕްލާސްޓިކް ރިސައިކަލެއް ނުކުރެވެ އެވެ. ޕްލާސްޓިކް މިހާރު އުފައްދާ މިންވަރާއި ވޭސްޓް މެނޭޖްކުރާ ގޮތް ކުރިއަށް ގެންދާ ނަމަ 2050 ވަނަ އަހަރާ ހަމައަށްދާއިރު ޕްލާސްޓިކް ވޭސްޓް 12،000 މިލިއަން ޓަނަށް އަރާނެ އެވެ.

ނިއު ޒީލެންޑުން ތައާރަފްކުރި ކަހަލަ ކޮތަޅު 80 އަށް ވުރެ ގިނަ ގައުމުން ބޭނުންކުރަމުންދާ ކަމަށް އދ.ގެ ތިމާވެއްޓާ ބެހޭ ޕްރޮގްރާމުން ވަނީ ބުނެފަ އެވެ.

ކެނެޑާ އިން މިދިޔަ މަހު ވަނީ 2021 ވަނަ އަހަރުން ފެށިގެން ޑިސްޕޯސެބަލް ޕްލާސްޓިކް އައިޓަމްތައް މަނާކުރަން ނިންމައިފަ އެވެ. ޑިސްޕޯސެބަލް ޑައިޕާސް ޑިސެމްބަރުން ފެށިގެން މަނާކުރަން ޕެސިފިކްގެ ވަނުވާޓޫން އިން ވަނީ ނިންމައިފަ އެވެ.