12 ސެޕްޓެމްބަރ 2016 - 09:24

މައްކާ (ސެޕްޓެމްބަރު 12) - ސައުދީ އަރަބިއާގައި ދިރިއުޅޭ ބިދޭސީން ހުއްދަ ނެތި މައްކާ އަށް ވަދެ ހައްޖުގެ އަޅުކަން އަދާކުރަން އުޅެފި ނަމަ 10 އަހަރަށް ޑިޕޯޓްކޮށްލާނެ ކަމުގެ އިންޒާރު އެ ގައުމުގެ ޕާސްޕޯޓް ޑިޕާޓްމަންޓުން ދީފި އެވެ.

"މައްކާ ނޫނީ އެ ނޫންވެސް މުގައްދިސް ބިމަކަށް ދާން އުޅެނިކޮށް ހުއްދަ ނެތި އަތުލެވިއްޖެ ކޮންމެ މީހެއްގެ ފިންގަޕްރިންޓް ވަގުތުން ނަގާނެ. އަދި އަނބުރާ ފޮނުވާލެވޭނެ،" ޕާސްޕޯޓް ޑިޕާޓްމަންޓުގެ ތަރުޖަމާން ތަލާލް އަލް ޝަލްހޫބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ގޮތަށް ގަވާއިދާ ޚިލާފަށް އަތުލެވޭ ބިދޭސީންގެ ފިންގަޕްރިންޓް ނަގާ އެ މީހުންގެ މައުލޫމާތު ޕާސްޕޯޓް އޮފީހުގައި ރައްކާ ކުރެވޭނެ ކަމަށެވެ. އަދި އިތުރު ޚިދުމަތަކަށް އެދި ޕާސްޕޯޓް އޮފީހަކަށް އޭގެ މީހަކު ހިނގައްޖެ ނަމަ ވަގުތުން ޑިޕޯޓް ކުރާނެ ކަމަށް ވިދާޅުވި އެވެ.
ތަރުޖަމާން ވިދާޅުވީ ގަވާއިދާ ޚިލާފަށް ހައްޖުވެރިން އުފުލާ ސައުދީ މީހުން ވެސް، ހުއްދަ ނެތް ކޮންމެ މީހަކަށް 10،000 ރިޔާލުން ފުރަތަމަ ފަހަރު ޖޫރިމަނާކޮށް 15 ދުވަހަށް ޖަލަށްލާނެ ކަމަށެވެ. އަދި ކުށް ތަކުރާރުކޮށްފި ނަމަ ކޮންމެ މީހަކަށް 50،000 ރިޔާލުން ޖޫރިމަނާކޮށް ހަ މަސް ދުވަހަށް ޖަލަށްލާނެ ކަމަށް ވިދާޅުވި އެވެ. އަދި މީގެ އިތުރުން ވެހިކަލް ވެސް ހިފަހައްޓާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ތަރުޖަމާން ވިދާޅުވީ ޖަމްރާތަކުން ނުކުންނަ އިރު ހައްޖުވެރިންގެ އިނގިލީގެ ނިޝާން ނަގާނެ ކަމަށް އެސްއެމްއެސްގެ ޒަރީއާ އިން މިހާރު އަންގާފައިވާނެ ކަމަށެވެ.
ހައްޖު ކޮމިޓީގެ ޗެއާމަން އަދި މައްކާގެ އަމީރު ޕްރިންސް ޚާލިދު އަލް ފައިސަލް ވެސް ވަނީ ހުއްދަ ނުނަގާ ހައްޖުވާން މަސައްކަތް ކުރާ ބިދޭސީން ޑިޕޯޓް ކުރުމަށް ތާއިދު ކުރައްވައިފަ އެވެ. ހައްޖުގެ ސެކިއުރިޓީ ޕްލޭނާ ބެހޭ މައުލޫމާތު ސާފު ކުރެއްވުމަށް ފަހު ޕްރިންސް ޚާލިދު ވަނީ ސަލާމަތީ ފަރާތްތަކުން ކުރާ މަސައްކަތަށް ތައުރީފް ކުރައްވައިފަ އެވެ.
ހަރަމްފުޅުގެ ސަލާމަތީ ކަންކަން ބަލަހައްޓާ އެންމެ އިސް ކޮމާންޑަރު މޭޖާ ޖެނެރަލް އަހުމަދު އަލް އަހުމަދީ ވިދާޅުވީ ހަރަމްފުޅުގެ އެކި ހިސާބުތަކުގައި ސަލާމަތީ ގާޑުން ތިބޭނެ ކަމަށެވެ.
ހައްޖުގެ އަޅުކަމުގައި ޓްރާންސްޕޯޓާ ބެހޭ ކަންކަން ބަލަހައްޓަވާ ސެކްރެޓަރީ ޖެނެރަލް އުސާމާ މުއްލާ ވިދާޅުވީ ހައްޖު ކުންފުނިތަކުގައި މަސައްކަތް ކުރާ 25،000 ޑްރައިވަރުންނާއި މެކޭނިކުން އަދި އިލެކްޓިރިޝަނުން މަސްތުވާތަކެއްޗަށް ޓެސްޓްކޮށްފައިވާ ކަމަށެވެ. މީގެ ތެރޭން ޕޮޒިޓިވްވި ބިދޭސީ 15 ޑްރައިވަރުން އަނބުރާ ގައުމަށް ފޮނުވާލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.