01 ޖުލައި 2019 - 13:18

ރާއްޖޭގެ ފައިސާތައް ދައްކައިދޭ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ "ކަރަންސީ ގެލެރީ" މިއަދު ހުޅުވައިފި އެވެ.

އެމްއެމްއޭގެ 38 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން، މި ގެލެރީ ރަސްމީކޮށް ހުޅުއްވައިދެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. މިނިސްޓަރުގެ އިތުރުން ގަވަރުނަރު އަހުމަދު ނަސީރާއި ކުރީގެ ގަވަރުނަރު ގާސިމް އިބްރާހިމް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
މި ގެލެރީގައި މިހާތަނަށް ރާއްޖޭގައި ފައިސާގެ ގޮތުގައި ބޭނުންކޮށްފައިވާ ތަކެއްޗާއި ފައިސާ ފޮތި ފެންނަން ހުންނާނެ އެވެ.
ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވީ ރާއްޖޭގެ ފައިސާގެ ކަންތައްތައް ބަލަހައްޓާ އިދާރާގައި ދިވެހިރާއްޖޭގެ ފައިސާގެ ތާރީހު ފެންނަން ހުރުމަކީ މުހިންމު ކަމެއް ކަމަށެވެ. މިއީ އެމްއެމްއޭގެ އިމާރާތް ހެދި އިރު ވެސް ރާވާފައިވާ ކަމެއް ކަމަށް ވެސް ގަވަރުނަރު ވިދާޅުވި އެވެ.
އެމްއެމްއޭގެ ގްރައުންޑް ފްލޯގައި ހުޅުވާފައިވާ މި ގެލަރީއަކީ ދިވެހިންނާއި ޓޫރިސްޓުންނަށް އާންމުކޮށް ހުޅުވާލާފައިވާ ގެލަރީއެކެވެ. މި ގެލަރީ ހުޅުވާފައި ހުންނާނީ ހަފްތާ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 2:00 އާ ހަމައަށެވެ. ގެލެރީ ހުޅުވާފައި ހުރީ އެމްއެމްއޭގަ އެވެ.