ފިރިމީހާ މާބޮޑަށް ފަލަވުމުން ކޯޓުގައި ވަރިއަށް އެދިއްޖެ
ފިރިމީހާ މާބޮޑަށް ފަލަވުމުން ކޯޓުގައި ވަރިއަށް އެދިއްޖެ

ގާހިރާ (ސެޕްޓެމްބަރު 12) - ފިރިމީހާ މާބޮޑަށް ފަލަވެ ސިފަ ހުތުރުވެއްޖެ ކަމަށް ބުނެ މިސްރުގެ އަންހެނަކު ވަރިއަށް އެދި އެ ގައުމުގެ ފެމިލީ ކޯޓަށް ހުށަހަޅައިފި އެވެ.

އަނބިމީހާ ކޯޓަށް ހުށަހެޅި ލިޔުމުގައި ވަނީ މީގެ ހަ މަސް ދުވަސް ކުރިން އެ މީހުން ކައިވެނިކުރި އިރު ފިރިމީހާ އަކީ ބަނޑުގައި ހަ ގޮޅި ޖަހާފައި ހުރި ވަރަށް ރީތި ފިރިހެނެއް ކަމަށެވެ. ނަމަވެސް ހަ މަސް ދުވަސް ތެރޭ ފިރިމީހާ މާބޮޑަށް ފަލަވެ ބޮޑު ބަނޑެއް ލާފައިވާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

އިންޖިނޭރެއްގެ ގޮތުގައި މަސައްކަތް ކުރާ މަރުވާ ނަމަކަށް ކިޔާ އަންހެން މީހާ ބުނީ ކޮންމެ އަންހެނެއްގެ ވެސް ހުވަފެނަކީ ރީތި ފިރިހެނަކާ އެކު ދިރިއުޅުން ކަމަށާއި ފިރިމީހާއާ ގުޅުނު އިރު އޭނާގެ ހުވަފެނަކީ ވެސް އެއީ ކަމަށެވެ.

"އޭނާ ކުރިން ގަވާއިދުން ޖިމަށް ދޭ. އަމިއްލަ ސާފުތާހިރުކަމާ މެދު ވަރަށް ބޮޑަށް ސަމާލުވޭ. އެކަމަކު ކައިވެންޏަށް ފަހު ހުރިހާ ކަމެއް ބަދަލުވެއްޖެ. އޭނާ މުޅިން ހުތުރު މީހަކަށް ބަދަލުވެއްޖެ،" ކޯޓަށް މަރުވާ ހުށަހެޅި ލިޔުންތަކުގައިވެ އެވެ.

"ހަ މަސް ދުވަހަށް ފަހު ފިރިމީހާ ވަރަށް ހުތުރުވެއްޖެ. އެއީ އޭނާ މާބޮޑަށް ފަލަވުމުން. ބަނޑުވެސް މިހާރު ހީވަނީ މާބަނޑު މީހެއްހެން،" މަރުވާ ބުންޏެވެ.

މަރުވާ ބުނީ އޭނާ ރީތިކޮށް ހުރުމަށް ފިރިމީހާ މަޖްބޫރު ކުރުވާ ކަމަށެވެ. އަދި ހަފުތާއަކު އެއް ފަހަރު ސެލޫންނަށް ނުގޮސްފި ނަމަ ފިރިމީހާ އަނިޔާ ކުރާ ކަމަށް ވެސް ބުންޏެވެ.

"މި ކަހަލަ ފިރިހެނަކާ އެކު އަހަންނަކަށް ނޫޅެވޭނެ. މި ކައިވެންޏަކީ ހަޔާތުގައި އަހަރެންނަށް ހެދުނު އެންމެ ބޮޑު ގޯސް،" ވަރިއަށް ހެދި ހުށަހެޅި ލިޔުމުގައި މަރުވާ ބުންޏެވެ.

ފިރިމީހާ ވަނީ އޭނާ ފަލަވީ ސިއްހީ މައްސަލައަކުން ކަން އަންގައިދިނުމަށް ކޯޓަަށް މެޑިކަލް ރިޕޯޓެއް ހުށަހަޅައިފަ އެވެ.