01 ޖުލައި 2019 - 11:43

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ދޭ ސްޕޮންސާޝިޕް ދެ އަހަރުގެ މުއްދަތައް އިތުރުކޮށް އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

ބީއެމްއެލްގެ ޑެޕިއުޓީީ ސީއީއޯ އަދި ޑިރެކްޓާ އޮފް އޮޕަރޭޝަންސް މުހައްމަދު ޝަރީފު ވިދާޅުވީި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އެކު ވީ މި އެއްބަސްވުމަކީ ގައުމީ ޓީމަށް އެހީވުމުގައި އެ ބޭންކަށް ލިބުނު ބޮޑު ފުރުސަތެއް ކަމަށާއި އަދި ބައިނަލަގްވާމީ ގޮތުން ގައުމީ ޓީމުތަކުން ކާމިޔާބީ ހޯދުމަށް އެ ބޭންކުގެ ދައުރު އެންމެ ފުރިހަމަ ގޮތުގައި އަދާކުރާނެ ކަމަށެވެ.
"ޤައުމީ ޓީމުތަކުން ގިނަގުނަ ކާމިޔާބުތަކެއް ހޯދުމަކީ އަޅުގަނޑުމެން ހުރިހާ ދިވެހިންވެސް ކުޅިވަރުގެ މައިދާނުގައި އެންމެ ބޮޑަށް ދެކެން ބޭނުންވާ އެއް ކަންތައް. އަދި ބައިނަލްއަގްވާމީ ފެންވަރުގެ މި ކާމިޔާބީތައް ހޯދައިދިނުމަށް ބީއެމްއެލްއަށް އަދާކުރެވޭނެ ދައުރު އެންމެ ފުރިހަމައަށް އަދާކޮށްދިނުމަށް މި ބޭންކުން ބޭނުންވޭ،" ޝަރީފު ވިދާޅުވި އެވެ.
މި އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ މުއްދަތައް ރާއްޖޭގެ ފިރިހެން ސީނިއާ ޓީމާއި، އަންހެން ސީނިއާ ޓީމުގެ އިތުރުން އެކި އުމުރުފުރާތަކުގެ ގައުމީ ޓީމުތަކުގެ މެއިން ސްޕޮންސާޝިޕް ބީއެމްއެލްއަށް ލިބޭނެ އެވެ.
މި އެއްބަސްވުމުގައި އެފްއޭއެމްގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް އެވެ. ބީއެމްއެލްގެ ފަރާތުން ސޮއި ކުރެއްވީ ޝަރީފެވެ.