11 ސެޕްޓެމްބަރ 2016 - 10:28

ޕެރިސް (ސެޕްޓެމްބަރު 11) - އިންޑިއާ އިން އިނގިރޭސި ވިލާތަށް ދަތުރު ކުރުމަށް އިންޑިއާގެ އިންޖިނޭރަކު ސޯލާ އަދި ކަރަންޓުން ދުއްވާ ގޮތަށް ތައްޔާރު ކުރި ޓުކް ޓުކް އިން ވައްކަން ކުރުމުން ފްރާންސްއާ ހަމައިން މި ދަތުރަށް ހުއްޓުމެއް އަތުވެއްޖެ އެވެ.

އަމިއްލަ އަށް ބަދަލު ގެނެސްފައިވާ އޮޓޯ ރިކްޝޯގެ ހަތް މަސް ދުވަހުގެ ދަތުރުގެ ފަހު ލެގުގައި އިންޖިނޭރު ނަވީން ރަބެއްލީގެ ޕާސްޕޯޓާއި ވޮލެޓް ވަނީ އޭނާ ފާޚާނާ އަށް ދިޔަ ވަގުތު ވަގަށް ނަގައިފަ އެވެ. އިންގްލިޝް ޗެނަލް ހުރަސްކޮށް ބަކިމްހަމް ޕެލަސް އިން ދަތުރު ނިންމާލެވެން އޭނާ އަށް އޮތީ އާ ޕާސްޕޯޓް ލިބިގެންނެވެ.

ރަބެއްލީ ބުނީ އޭނާގެ މި ދަތުރުގެ ބޭނުމަކީ ސޯލާ ހަކަތައާ މެދު މީހުންގެ ސަމާލުކަން އިތުރު ކުރުމެވެ.
"އަހަރެން މި ދަތުރު ކުރާތާ މިހާރު ހަތް މަސްވެއްޖެ. އަދި އިންތިޒާރު މި ކުރަނީ އިނގިރޭސި ވިލާތުން މި ދަތުރު ނިންމާލުމަށް. މި ދަތުރު މި ފެށީ ހަތަރު އަހަރުގެ ތައްޔާރީތަކަށް ފަހު،" ރަބެއްލީ ބީބީސީ އަށް ބުންޏެވެ.
އޭނާ ބުނީ 1،000 ޔޫރޯއާ އެކު ވޮލެޓާއި ޕާސްޕޯޓް ވަގަށް ނެގީ ޗެނަލް ހުރަސްކުރަން ފެރީއެއް ނަގަން ފްރާންސްގެ އުތުރުގެ ކަލާއިސް އަށް ދަނިކޮށް ކަމަށެވެ.
ރަބެއްލީގެ ދަތުރުގައި ވަނީ އީރާން، ތުރުކީ، ގްރީސް، ބަލްގޭރިއާ، ސާބިއާ، އޮސްޓްރިއާ، ޖާމަނީ އަދި ސްވިޒަލެންޑަށް ދަތުރުކޮށްފަ އެވެ. އޭނާ ނިދަނީ ވެސް އޮޓޯގެ ތެރޭގަ އެވެ.
"އަހަރެން އެ ގޮތަށް ކަންތައް ކުރަނީ ޚަރަދު ކުޑަކުރަން. ބައެއް މީހުން ފައިސާ ވެސް ހަދިޔާ ކުރޭ. އަދި އަހަރެން ވެސް ބައެއް ތަކެތި ވިއްކަން،" އުމުރުން 35 އަހަރުގެ ރަބެއްލީ ބުންޏެވެ.
އިންޑިއާގެ އިލެކްޓްރިކް ކާރު ކުންފުންޏެއްގައި މަސައްކަތް ކުރާ ރަބެއްލީ ޑީސަލް އޮޓޯ ގަތީ 1،500 ޑޮލަރަށެވެ. އޭނާ ވަނީ އެ ބަދަލު ކުރުމަށް 11،500 ޑޮލަރު ޚަރަދުކޮށްފަ އެވެ. އެ ވެހިކަލުގައި އެނދަކާއި ސޯލާ ކުކަރެއް ވެސް ވަނީ ހަރުކޮށްފަ އެވެ.