އިންޑިއާ ބަލިކޮށް އިންގްލެންޑް އުއްމީދު އާކޮށްފި
އިންޑިއާ ބަލިކޮށް އިންގްލެންޑް އުއްމީދު އާކޮށްފި

ބާމިންހަމް (ޖުލައި 1) – އިންޑިއާ އަތުން 31 ލަނޑުން މޮޅުވެ އިންގްލެންޑުން ކްރިކެޓް ވޯލްޑް ކަޕުގެ ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފި އެވެ.

މި މޮޅާ އެކު އިންގްލެންޑް 10 ޕޮއިންޓާ އެކު ހަތަރު ވަނަ އަށް އެރިއިރު ފަހު މެޗުން ނިއު ޒީލެންޑް އަތުން މޮޅުވެގެން އަމިއްލަ ބާރުގައި ސެމީ އަށް ދެވޭނެ އެވެ. ޕާކިސްތާން ނުވަ ޕޮއިންޓާ އެކު ފަސް ވަނައިގައި އޮތްއިރު އެ ޓީމަށް ޖެހޭނީ ފަހު މެޗުން ބަންގްލަދޭޝް އަތުން މޮޅުވެ، އިންގްލެންޑް މެޗުގެ ނަތީޖާ އަށް ބަލާށެވެ.

މި ވަގުތު ސެމީ ކަށަވަރުކޮށްފައިވާ ހަމައެކަނި ޓީމަކީ 14 ޕޮއިންޓާ އެކު އެއް ވަނައިގައި އޮތް އޮސްޓްރޭލިއާ އެވެ. އިންޑިއާ 11 ޕޮއިންޓާ އެކު ދެ ވަނައިގައި އޮތްއިރު އެ ޓީމަށް ބާކީ އޮތް ދެ މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެގެން ސެމީ އަށް ދެވޭނެ އެވެ. އެ ޓީމަށް އޮތީ މާދަމާ ބަންގްލަދޭޝާ ދެކޮޅަށް ކުޅޭ މެޗާއި މިހާރު ވެސް ކަޓާފައިވާ ސްރީ ލަންކާއާ ދެކޮޅަށް ކުޅޭ މެޗެވެ.

ތާވަލުގެ ތިން ވަނައިގައި 11 ޕޮއިންޓާ އެކު އޮތް ނިއު ޒީލެންޑަށް ވެސް ފަހު މެޗުން އިންގްލެންޑް އަތުން މޮޅެއް ހޯދައިގެން ސެމީ އަށް ދެވޭނެ އެވެ. ބާކީ ދެ މެޗު އޮތް ބަންގްލަދޭޝަށް ވެސް ސެމީގެ ފުރުސަތު ނުގެއްލެ އެވެ. އެ ޓީމު އޮތީ ހަތް ޕޮއިންޓާ އެކު ހަ ވަނައިގަ އެވެ.

އިއްޔެ އިންގްލެންޑް އަތުން ބަލިވި މެޗަކީ މުބާރާތުގައި އިންޑިއާ ބަލިވި ފުރަތަމަ މެޗެވެ. އިއްޔެގެ މެޗުގައި އިންގްލެންޑް ކުޅެން އަރައި 50 އޯވަރުގެ ތެރޭގައި ހަތް ކުޅުންތެރިން ނުބައިވެގެން 337 ލަނޑު ހަދައިފަ އެވެ. އިންޑިއާ އަށް 50 އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން ހެދުނީ 306 ލަނޑެވެ. އިންގްލެންޑުން އެންމެ ރަނގަޅަށް ކުޅުނީ 109 ބޯޅައިން 111 ލަނޑު ހެދި ޖޮނީ ބެއާސްޓޯ އެވެ. އިންޑިއާ އިން އެންމެ ރަނގަޅަށް ކުޅުނީ 109 ބޯޅައިން 102 ލަނޑު ހެދި ރޯހިތު ޝަރްމާ އެވެ