އަހަރެންގެ އާ ގުޅުމާ ދަރިފުޅު ވެސް ހިތްހަމަޖެހޭ: މަލައިކާ އަރޯރާ
އަހަރެންގެ އާ ގުޅުމާ ދަރިފުޅު ވެސް ހިތްހަމަޖެހޭ: މަލައިކާ އަރޯރާ

ޒުވާން އެކްޓަރު އަރުޖުން ކަޕޫރާ އޮތް ލޯބީގެ ގުޅުން މިހާރު އެންމެންނަށް ވެސް އެނގޭ ކަމަށާއި އެ ގުޅުމާ ގާތް އެންމެން ބެސް ގަބޫލު ކަމަށް މަލައިކާ އަރޯރާ ބުނެފި އެވެެ.

ހިންދުސްޓާން ޓައިމްސް (އެޗްޓީ) ބްރަންޗަށް އޭނާ ދިން ކަވާ އިންޓަވިއުއެއްގައި އޭނާ ވަނީ ލޯބީގެ އާ ގުޅުމާ ބެހޭ ގޮތުން ވަރަށް ފާޅުކަން ބޮޑުކޮށް ވާހަކަ ދައްކައިފަ އެވެ. އަދި އެ އިންޓަވިއުގައި އަރުޖުންއާ ރައްޓެހިވެގެން އުޅޭކަން ރަސްމީކޮށް ކަށަވަރުކޮށް ދިނުމުގެ ކުރިން މަލައިކާ ވަނީ ޖޫން މަހުގެ 26 ވަނަ ދުވަހު ފާހަގަކުރި އަރުޖުންގެ 34 ވަނަ އުފަން ދުވަހާ ދިމާކޮށް، ދެ މީހުން އެކީގައި ނަގާފައިވާ ގައިގޯޅި ފޮޓޯއެއް ވެސް އިންސްޓަގްރާމްގައި ފުރަތަމަ ފަހަރަށް ހިއްސާކޮށްފަ އެވެ.

އެ ފޮޓޯއަކީ ދާދި ފަހުން ރާއްޖޭގައި އެކީގައި ޗުއްޓީ ހޭދަކުރަން އައިސް ނަގާފައިވާ ފޮޓޯއެކެވެ. އަރުޖުން އާއި މަލައިކާ މި ވަގުތު ތިބީ ޗުއްޓީއެއްގައި ނިއު ޔޯކްގަ އެވެ.

އެ ދަތުރުގެ ތެރޭގައި ނަގާފައިވާ މަލައިކާގެ ފޮޓޯއެއް އިންސްޓަގްރާމް ސްޓޯރީގައި ހިއްސާ ކުރަމުން އަރުޖުން ބުނީ "އަހަރެން ހިތް އޮތީ އޭނާގެ އަތުގައި" ކަމަށެވެ. އެ ފޮޓޯގައި މަލައިކާ އިންނަނީ ހިތެއްގެ ބައްޓަމަށް އޮތް ރަތް ކުލައިގެ ފޮއްޓެއް ހިފައިގެންނެވެ.

އެޗްޓީ ބްރަންޗަށް ދިން އިންޓަވިއުއެއްގައި 45 އަހަރުގެ މަލައިކާ ބުނީ ސަލްމާން ހާންގެ ކޮއްކޮ އަރްބާޒް ހާނާއި އޭނާގެ ކައިވެނި ރޫޅައިލުމާ އެކު، އަލުން ލޯބީގެ ގުޅުމެއް ފެށުމާ ދޭތެރޭ ސުވާލު އުފެދުނު ކަމަށެވެ.

"ކުރިއަކުން އުންމީދެއް ނުކުރަން އެހާ އަވަހަކަށް އިތުރު ގުޅުމަކަށް ދާން ވެސް. އަދި އެކަހަލަ ގުޅުމަކަށް އަލުން ދާނެތޯ ސުވާލު މާކެއްގެ ތެރޭގައި އަހަރެން ހުރީ،" 16 އަހަރުގެ ދަރިއަކު ވެސް ހުރި މަލައިކާ ބުންޏެވެ. "އެކަމަކު ކޮންމެ މީހަކު ވެސް ލޯބި ބޭނުން ވާނެ. އަދި ލޯބިވާ މީހަކު ހަޔާތުގައި ހުންނަން ބޭނުން ވާނެ. އަހަންނަކީ އަމިއްލަ ނަފުސު ދެކެ ލޯބިވާ، އަމިއްލަ ނަފުސަށް އިތުބާރު ކުރާ މީހެއް."

މަލައިކާ ބުނި ގޮތުގައި އާއިލާގެ މީހުންނާއި ގާތް އެންމެން ވެސް އަރުޖުން އާއި އޭނާގެ ގުޅުމާ ދޭތެރޭ ސުވާލެއް ނުއުފައްދަ އެވެ. އަދި އެންމެން ވެސް އެކަމާ ވަރަށް ގަބޫލު ކަމަށް ބުންޏެވެ. ދަރިފުޅު އަރްހާން ހާން ވެސް ހުރީ ވަރަށް ހިތްހަމަޖެހިފައި ކަމަށް ބުންޏެވެ.

"އަހަރެން ވަރަށް ސާފުކޮށް ދަރިފުޅަށް ހާލަތު ކިޔައި ދިނިން. އޭނާ އެކަން ހިތުން ރުހުމުން ގަބޫލު ކުރި. އަހަރެން ގަބޫލު ކުރަން އިހުލާސްތެރި ނިޔަތަކާ އެކު ކުރާ ކަމަކުން ގޯހެއް ނުނިކުންނާނެކަން،" މަލައިކާ ބުންޏެވެ. "ކައިރީގައި ތިބޭ އެންމެންނަށް ވާނުވާ އަންގައިގެން އުޅުނީމަ އެންމެންގެ އެހީ އާއި ސަޕޯޓް ވެސް ލިބޭނެ."

ނަމަވެސް އަރުޖުންއާ ކައިވެނި ކުރާނެ އިރަކާ ބެހޭ ގޮތުން މަލައިކާ ވާހަކައެއް ނުދައްކަ އެވެ. އިންޓަވިއުގައި އޭނާ ބުނީ އުމުރުގައި ތަފާތެއް ހުރުމަކީ މައްސަލައެއް ކަމަކަށް މިހާރު ގިނަ ބަޔަކު ގަބޫލު ނުކުރާ ކަމަށެވެ.އަދި އަރުޖުން އޭނާއަށް ވުރެ ހަގުވުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށް ބުންޏެވެ.

މިދިޔަ އެޕްރީލް މަހު އެ ދެ މީހުން ކައިވެނި ކުރާނެ ކަމުގެ ވާހަކަތައް ވަރަށް ގަދައަށް މީޑިއާތަކުގައި ދެކެވުނެވެ. މަލައިކާ ބުނި ގޮތުގައި ކައިވެންޏަކީ އެކަމެއް ވާނެ ވަގުތު ޖެހުމުން ވާނެ ކަމެކެވެ.

އަރުޖުން ދާދި ފަހުން ބުނި ގޮތުގައި ކައިވެންޏެއް އަދި އޭނާ ތައްޔާރެއް ނޫނެވެ. އެހެންވެ އެހާ އަވަހަކަށް ކައިވެނި ކުރުމުގެ ވިސްނުމެއް ނެތެވެ.