02 ޖުލައި 2019 - 07:08

އިރުފާން ހާން މިހާރު ކުޅެމުން އަންނަ ފިލްމު "އަނގްރޭޒީ މީޑިއަމް" ފުލުހެއްގެ ރޯލް ކުޅޭ ބަތަލާ ކަރީނާ ކަޕޫރް ފިލްމުގައި ފެންނާނެ ގޮތް ދައްކާލައިފި އެވެ.
މި ވަގުތު ލަންޑަނުގައި ޝޫޓް ކުރަމުން އަންނަ މި ފިލްމުވެގެން ދާނީ ފުލުހެއްގެ ރޯލުން އޭނާ ފެންނާނެ ފުރަތަމަ ފަހަރެވެ.
މި ފިލްމަކީ 2017 ގައި އިރްފާން ކުޅުނު ހިންދީ މީޑިއަމް" ގެ ދެވަނަ ބައެވެ. ކަރީނާ ބުނި ގޮތުގައި "އަނގްރޭޒީ މީޑިއަމް" ގައި ފުލުހެއްގެ ރޯލް ކުޅެން އެއްބަސްވި މައިގަނޑު ސަބަބަކީ، އިރުފާނާ އެކު ފިލްމެއް ކުޅެން ލިބުނު ފުރުސަތު ދޫކޮށްލަން ބޭނުން ނުވުމެވެ. އެހެންވެ ސަޕޯޓިން ރޯލެއް ކުޅެން ޖެހުނަސް މައްސަލައެއް ނޫން ކަަމަށް ބުންޏެވެ.
އަންނަ އަހަރުގެ އެޕްރީލް 24 ގައި ރިލީޒް ކުރަން ތާވަލުކޮށްފައިވާ "އަނގްރޭޒީ މީޑިއަމް" ގެ ކާސްޓުންގެ ތެރޭގައި ރާދިކާ މަދަން، ދީޕަކް ދޮބްރިޔާލް، މަނޫ ރިޝީ، ޕަންކަޖް ތުރިޕަތީ އަދި ޕޫރްވީ ޖެއިން ހިމެނެ އެވެ.
މި ފިލްމުގެ ޑައިރެކްޓަރަކީ ކަރީނާގެ ފިރިމީހާ ސައިފް އަލީ ހާނާ އެކު 2012 ގެ ފިލްމު "ކޮކްޓެއިލް" ގެނެސް ދިން ހޯމީ އަދަޖާނިއާ އެވެ.
އެހުންތެރިންގެ މަގުބޫލުކަން ހޯދާފައިވާ ލަވަތަކެއް ގެނެސްދީފައިވާ މަޝްހޫރު ޕަންޖާބީ ލަވަކިޔުންތެރިޔާ ގުރޫ ރާންދަވާ ފިލްމު ޕްރޮޑަކްޝަނަށް ނުކުމެ، އޭނާގެ އަލަތު ފިލްމު އިއުލާންކޮށްފި އެވެ.
ޒުވާން ލަވަކިޔުންތެރިޔާ ޕްރޮޑިއުސް ކުރާ ފުރަތަމަ ފިލްމަކީ "ތާރާ މީރާ" ކިޔާ ޕަންޖާބީ ފިލްމެކެވެ. މިހާރު ޝޫޓް ކުރަމުން އަންނަ ފިލްމުގެ ލީޑް ތަރިންނަކީ ރަންޖީތު ބާވާ އާއި ނާޒިއާ ހުސައިންނެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ ރަޖިއޭވް ޑިންގްރާ އެވެ.
"ތާރާ މީރާ" ސިނަމާތަކަށް އަންނާނީ މި އަހަރުގެ އޮކްޓޯބަރު 11 ގަ އެވެ.
ގުރޫ ދާދި ފަހުން ވަނީ އެމެރިކާ ލަވަކިޔުންތެރިޔާ ޕިޓްބުލްއާ ގުޅިގެން "ސްލޯލީ ސްލޯލީ" ކިޔާ ލަވައެއް ވެސް ނެރެފަ އެވެ.
ޑައިރެކްޓަރު ޑޭވިޑް ދަވަން އޭނާގެ ދަރިފުޅު ވަރުން ދަވަންއާ އެކު ހަދާ ތިން ވަނަ ފިލްމު "ކޫލީ ނަމްބަރު 1" ގެ ޝޫޓިން އަންނަ އޮގަސްޓް މަހުގެ ގައި ފަށަން ނިންމައިފި އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ވަރުން އާއި ސާރާ އަލީ ހާންގެ ޖޯޑު އެކީގައި ސްކްރީނަށް ގެންނަ ފުރަތަމަ ފިލްމުގެ މަންޒަރުތައް އެންމެ ފުރަތަމަ ނަގާނީ ބެންކޮކްގަ އެވެ. އެގޮތުން އެ ތައިލެންޑްގައި 20 ދުވަހުގެ ޝޫޓިން ޝެޑިއުލެއް ކުރިއަށް ގެންދާނެ އެވެ. އޭގެ ފަހުން ދެން ކާސްޓާއި ކްރޫ މިސްރާބު ޖަހާނީ އިންޑިއާގެ ގޯއާށެވެ.
"ކޫލީ ނަމްބަރު 1" އަކީ ޑޭވިޑް 1995 ގައި ގޯވިންދާ އާއި ކަރިޝްމާ ކަޕޫރާ އެކު ހަމަ އެ ނަމުގައި ގެނެސް ދިން ރޮމޭންޓިކް ކޮމެޑީ އަސްލަކަށް ބަލައިގެން ހަދާ ފިލްމެވެ. އެކަމަކު ކުރީގެ ފިލްމާއި އާ ފިލްމާ ބޮޑެތި ތަފާތުތަކެއް ހުންނާނެ ކަމަށްވެ އެވެ.
އަންނަ އަހަރުގެ މެއި 1 ގައި ސިނަމާތަކަށް ގެންނަ ނިންމާފައިވާ ފިލްމުގައި ކުރިން ކާދަރު ހާން ކުޅުނު ރޯލް، އާ ފިލްމުގައި ކުޅޭނީ ޕަރޭޝް ރާވަލް އެވެ.
ޑައިރެކްޓަރު އަޝުތޯޝް ގޮވަރިކާގެ ތާރީހީ ފިލްމު "ޕާނިޕަޓް" ގެ ޝޫޓިން އޭގެ ބަތަލާ ކްރިތީ ސެނަން ނިންމާލައިފި އެވެ.
އެކަން ކްރިތީ އާއި އަޝުތޯޝް ވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެ އެވެ.
މިދިޔަ އަހަރުން ފެށިގެން ޝޫޓް ކުރަމުން އަންނަ "ޕާނިޕަޓް" ގެ ޝޫޓިން އެއްކޮށް މިހާރު ނިމުމަކާ ހަމަށް އައިސްފައިވާ އިރު، އެ ފިލްމުގެ ބަތަލު އަރުޖުން ކަޕޫރް މި ވަގުތު ހުރީ ލޯބިވެރިޔާ މަލައިކާ އަރޯރާއާ އެކު، ޗުއްޓީއަކަށް ނިއު ޔޯކަށް ގޮހެވެ.
މި އަހަރުގެ ޑިސެމްބަރު 6 ގައި ރިލީޒް ކުރާ "ޕާނިޕަޓް" ގެ ކާސްޓުންގެ ތެރޭގައި ސަންޖޭ ދަތާއި ކުރީގެ މަޝްހޫރު ބަތަލާއިން ކަމަށްވާ ޒީނަތު އަމަން އާއި ރޭކާގެ އިތުރުން ޕަދްމިނީ ކޯލަޕޫރީ ވެސް ހިމެނެ އެވެ.