01 ޖުލައި 2019 - 09:16

މެންޗެސްޓާ (ޖުލައި 1) - އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދަން ބަލާއިރު ލިވަޕޫލަށް އޮތީ ތަފާތު ޕްރެޝަރެއް ކަމަށް މިދިޔަ ސީޒަނުގައި އެ ޓީމާ ވާދަކޮށް ލީގު ދިފާއުކުރި މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
މިިދިޔަ ދެ އަހަރު ސިޓީން ޕްރިމިއާ ލީގުގެ ތަށި އުފުލާލިއިރު އެ ޓީމު ވެފައިވަނީ މިިދިޔަ 11 އަހަރުތެރޭ އިނގިރޭސި ޕްރިމިއާ ލީގު ދިފާއުކުރި ފުރަތަމަ ޓީމަށެވެ. ގާޑިއޯލާ ބުނީ މިއީ އޭނާގެ ކެރިއަރުގައި އެންމެ އުނދަގުލުން ހާސިލްކުރެވުނު ކާމިޔާބީ ކަމަށެވެ.
"އިންގްލެންޑްގައި ލީގު ހޯދުމަކީ ފަސޭހަ ކަމެއް ނޫން. އެކަން އެނގޭ ސަބަބަކީ 11 އަހަރުތެރޭ ފުރަތަމަ ފަހަރަށް ޓީމަކުން މި ލީގު ދިފާއުކުރީ. އެއީ ބާސެލޯނާ ފަދަ ޓީމުތަކުން އެތަކެއް ފަހަރުތަކެއް މަތިން ކޮށްފައި އޮތް ކަމެއް،" ގާޑިއޯލާ ބުންޏެވެ.
މިދިޔަ ސީޒަނުގައި ސިޓީއާ އެންމެ ގާތުން ލީގަށް ވާދަކުރީ ލިވަޕޫލެވެ. އަންނަ ސީޒަނުގައި ވެސް ލީގަށް ލިވަޕޫލުން ވާދަކުރާނެ ކަމަށާއި އެކަމަކު އެ ޓީމަށް ކާމިޔާބު ލިބެން އޮތީ ތަފާތު ޕްރެޝަރަކާ ކުރިމަތިލައިގެން ކަމަށް ގާޑިއޯލާ ދެކެ އެވެ.
"ލިވަޕޫލުން ލީގު ނުހޯދާތާ 30 އަހަރުވެއްޖެ. އަހަރެމެން އެންމެންނަށް ފެނުނު މި ސީޒަނުގައި ލިވަޕޫލްގައި އޮތް ތަފާތު ޓީމު. ޗެމްޕިއަންސް ލީގު ތަށި އެ މީހުން އުފުލާލި. އެކަމަކު ލީގުގައި މި އޮންނަނީ ތަފާތު ޕްރެޝަރެއް. އެއީ ގިނަ ދުވަސްވީމަ އޮންނަ ޕްރެޝަރެއް. އޭގެން އަރައިގަންނަން އެބަޖެހޭ،" ގާޑިއޯލާ ބުންޏެވެ.
ބާސެލޯނާއާ އެކު ކޯޗިން ކެރިއަރު ފެށި ގާޑިއޯލާ މިހާރު ވަނީ ތަފާތު ތިން ގައުމެއްގައި އޭނާގެ ފިލޯސަފީއާ އެއްގޮތަށް ފުޓްބޯޅަ ކުޅެ ކާމިޔާބީ ހާސިލްކޮށްފަ އެވެ. ގާޑިއޯލާ ބުނީ އެކަން ކުރެވުނީ އޭނާ އަމިއްލަ ނަފްސަށް ކުރި އިތުބާރުން ކަމަށާއި މިއީ ފާޑުކިޔުންތަކަށް ޖަވާބެއް ކަމަށެވެ.
"އަހަރެން ބާސެލޯނާގައި ދެއްކި ކުޅުން ޖަރުމަނާއި ޕްރިމިއާ ލީގުގައި ތަކުރާރުނުވާނެއޭ ބުނި. އެކަމަކު ޕްރިމިއާ ލީގުގައި އަހަރެން އެކަން މި ކުރީ ޑޭވިޑް ސިލްވާ، ބެނާޑޯ ސިލްވާ، އަގުއޭރޯ ދެން ސްޓާލިން ލައިގެން. އަހަރެމެން އެކަން މި ކުރީ ފިޒިކަލް ޑިފެންސިވް ގޭމެއް ނުކުޅެ. ބޯޅަ ހިފަހައްޓައިގެން ރީތި ގޭމެއް ކުޅުނުއިރު މަދުން ގޯލު ވެސް ވަނީ،" ގާޑިއޯލާ ބުންޏެވެ.