30 ޖޫން 2019 - 15:23

ބިދޭސީން ގެނައުމަށް ދޫކުރާ ކޯޓާ ކަނޑައެޅުމުގައި އިކޮނޮމިކް މިނިސްޓަރުގެ ބާރު ނުފޯރާނެ ގޮތަކަށް އުސޫލަށް ބަދަލު ގެންނަވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ، މިކަމަށް ބަދަލުތައް ގެނެވޭނެ ގޮތްތަކެއް ބަލަމުން އަންނަ ކަމަށެވެ. އެގޮތުން މިސާލަކަށް މިވެނި އަގެއްގެ ރިސޯޓެއް އެޅުމަށް ބޭނުންވާނީ މިވެނި އަދަދެއްގެ ބޭރު މުވައްޒަފުންކަން ކަނޑައަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަން އިންޑަސްޓްރީއާ އެއްކޮށް މަޝްވަރާ ކުރާނަން. އެކަން އެގޮތަށް ފިކްސް ކުރާނަން. އޭރުން ކަނޑައަޅާފައިވާ އަދަދެއް ހަރަދުކުރާ ރިސޯޓަކަށް އެ އަދަދުން ކޯޓާ ވެސް ލިބޭނެ،" އޭނާ ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވީ، މި ބަދަލާ އެކު އިކޮނޮމިކް މިނިސްޓްރީން ނުވަތަ މިނިސްޓަރު ކޯޓާ ދޭތޯ ނުވަތަ ނުދޭނެތޯ ކަނޑައަޅަން ނުޖެހޭނެ ކަމަށެވެ. މި އުސޫލުގެ ތެރެއިން ކަނޑައަޅާފައިވާ އަދަދަށް ވުރެ އިތުރަށް ކޯޓާ ބޭނުން ވެއްޖެ ހާލަތެއްގައި ކޯޓާ ދޫކުރާނެ ގޮތްތަކެއް ވެސް ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. މިގޮތަށް ހަމަޖެއްސުމުން އެކަމުގައި އޮންނަ ކޮރަޕްޝަން ހުއްޓިގެން ދާނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.
ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭންސީންގެ މައްސަލަ އަށް އަވަސް ހައްލެއް ނުގެނެވެނީ، ސިސްޓަމް ތެރެއިން މަސައްކަތްތައް ލަސްވުމުން ކަމަށް ފައްޔާޒު ވިދާޅުވި އެވެ. ފައްޔާޒު ވިދާޅުވީ، އޭގައި ހުރި މައްސަލަތައް ހައްލު ކުރުމަށް ނޭޝަނަލް ސެންޓާ ފޯ އިންޕޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އާ އެކު މަސައްކަތް ކުރާ ކަމަށެވެ.
އޭނާ ވިދާޅުވީ، ބިދޭސީންގެ މައްސަލަތައް ހައްލު ކުރުމަށް ބޭނުންވާ ސްޕީޑުގައި ކަންކަން ނުދާކަން ގަބޫލު ކުރައްވާ ކަމަށެވެ.
"ބޭނުންވާ ސްޕީޑުގައި ގެންދެވޭނީ ބޭނުންވާ ވަރަށް މުވައްޒަފުން ނަގައި، އެކަށީގެންވާ ބަޖެޓެއް އޮތް ނަމަ. ލަސްކަމެއް ހުރި ނަމަވެސް ގެންނަން ބޭނުންވާ ބަދަލުތައް މިއަހަރު ނިމެންވާ އިރަށް ހައްލެއް ގެންނަން މަސައްކަތް ކުރާނަން،" އޭނާ ވިދާޅުވި އެވެ.
އެގޮތުން ކޮރަޕްޝަނަށް އޮތް މަގުތައް ބަންދުކޮށް، ވިސާ ނެގުމައި ކޯޓާ ނެގުމުގެ ކަންކަމުގެ ޕްރޮސެސް އަވަސް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ބިދޭސީން ގަވައިދާ ހިލާފަށް ވިޔަފާރިކުރުމުގެ މައްސަލަ އަށް އަދިވެސް ހައްލެއް އައިސްފައި ނުވާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެކަމަކު ފައްޔާޒު ވިދާޅުވީ، މި މައްސަލަ ފެންމަތިވެފައިވާ އިރު ގަވައިދާ ހިލާފަށް ބިދޭސީން ވިޔަފާރި ކުރަނީ ދިވެއްސެއްގެ ނަމުގައި ކަމަށާއި އެހެން ކަމުން ފިޔަވަޅެއް ނޭޅޭ ކަމަށެވެ.
"އަސްލަކީ ބޭރުމީހާ މި ވިޔަފާރި ކުރަނީ. ދިވެހި މީހާ އަށް ކޮންމެ މަހަކު އެއްޗެ އްދީގެން. އެކަމަށް ފިޔަވަޅު އެޅޭނީ، ހެއްކާއި ގަރީނާ ހޯދައި، ގާނޫނީ ގޮތުން ގެންނަން ޖެހޭ ބަދަލުތައް ގެނެސްގެން،" އޭނާ ވިދާޅުވި އެވެ.