ބްރޯޑްކާސްޓިން ކޮމިޝަނުން ނަބާހު އިސްތިއުފާ ދެއްވައިފި
ބްރޯޑްކާސްޓިން ކޮމިޝަނުން ނަބާހު އިސްތިއުފާ ދެއްވައިފި

ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރު، ހަސަން ނަބާހު އޭނާގެ މަގާމުން މިއަދު އިސްތިއުފާދެއްވައިފި އެވެ.

އިސްތިއުފާގެ ސިޓީ ރައީސް އޮފީހަށް މިއަދު ހުށަހަޅުއްވާފައިވާ ނަބާހު "މިހާރު" އަށް ވިދާޅުވީ އޭނާ އިސްތިއުފާ ދެއްވަން ނިންމެވީ އެއީ މިވަގުތަށް ފެނުނު އެންމެ ރަނގަޅު ގޮތް ކަމަށް ވާތީ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

ނަބާހު އަކީ ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ކުރީގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކާ ގާތްގުޅުމެއް އޮންނަ ބޭފުޅެކެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރު، އިސްމާއިލް ސޮފްވާން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމާފައި ވަނިކޮށް މިދިޔަ ހަފްތާގައި އޭނާ ވެސް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ބްރޯޑްކޮމްގައި މިހާރު ތިއްބަވަނީ ރައީސް މުހައްމަދު ޝަހީބު، ނައިބު ރައީސް ފާތިމަތު ޒައިނާ އާއި ޒީނާ ޒާހިރު، އަމްޖަދު ވަހީދާއި، އައިމިނަތު ސަރާހަތު އެވެ.

ކުރީގެ ސަރުކާރުގެ ނުފޫޒާ އެކު ވަކިވަކި ޗެނަލްތަކާ މެދު ފިޔަވަޅު އަޅައި ޖޫރިމަނާ ކުރުމުގައި އިސްކޮށް އުޅުއްވީ އެ ކޮމިޝަންގެ މެމްބަރުން ކަމަށް ތުހުމަތު ކުރެ އެވެ. އަދި އެކޮމިޝަންގެ މެމްބަރުން ގޯސްތަކެއް ހަދާފައިވާ ކަމަށް އެކޮމިޝަންގެ ރައީސް ވަރަށް ފަހުން ވަނީ އެއްބަސްވެ ވަޑައިގެންފަ އެވެ.