30 ޖޫން 2019 - 12:56

ސިކުންތަކު އެއް ޖީބީގެ ސްޕީޑުގައި އިންޓަނެޓްގެ ހިދުމަތް ލިބޭ "ގިގަ ސްޕީޑް"ގެ ހިދުމަތް ދިރާގުން މިއަދު ރާއްޖެ އަށް ތައާރަފުކޮށްފި އެވެ.

ދިރާގު ހެޑް އޮފީހުގައި ބޭއްވި ހަފުލާއެއްގައި މި ހިދުމަތް އިފްތިތާހުކޮށްދެއްވީ ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލެވެ.
ދިރާގުން ތައާރަފްކުރި މި ހިދުމަތާއެކު ރައުޓާ ވެސް ފޯރުކޮށްދޭނެ އެވެ.
މިނިސްޓަރު މަލީހު ވިދާޅުވީ ސަރުކާރު ކުންފުނިތަކުގެ އިތުރުން ޕްރައިވެޓް ކުންފުނިތަކުން ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ކުރަމުން އަންނަ މިފަދަ މަސައްކަތްތަކަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ. މިއީ ރައްޔިތުންނަށް ބޭނުން ޖެހިފައިވާ ހިދުމަތެއްކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ސަރުކާރުން މި ތިބީ ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ޕްރައިވެޓް ސެކްޓާ ކުންފުނިތައް ކުރިއަށް ދިއުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭން. ދިރާގުގެ ފަރާތުން މިއަދު ލޯންޗުކުރި މި ސްޕީޑަކީ ސްކޫލްތަކަށާއި އޮފީސްތަކަށާއި ހޮސްޕިޓަލްތަކަށް ވަރަށް މުހިންމު ހިދުމަތެއް ކަމުގައި އަޅުގަނޑަށް ބެލެވޭ،" މަލީހު ވިދާޅުވި އެވެ.
ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް އަގު ތަފާތުކުރުމެއް ނެތި ސްޕީޑް ބާރު އިންޓަނެޓް ފޯރުކޮށްދިނުމަށް އެ ކުންފުނިން އަބަދުވެސް އިސްކަން ދޭނެ ކަމަށެވެ. އެގޮތުން މި ހިދުމަތުގައި ވައިފައިގައި އެއްފަހަރާ ގިނަ ބަޔަކު އިންޓަނެޓް ބޭނުންކުރިނަމަ ވެސް ސްޕީޑަށް ބަދަލެއް ނާންނާނެ ކަމަށް އިސްމާއިލް ރަޝީދު ވިދާޅުވި އެވެ.
"މި ޒަމާނަކީ ގިނަ ބަޔަކު އެ ގެއެއްގައި ހުންނަ ފިކްސްޑް އިންޓަނެޓް ވައިފައި މެދުވެރިކޮށްގެން ޝެއާކުރާ ޒަމާނެއް. އެގޮތަށް ގިނަ ބަޔަކު އިންޓަނެޓް ޝެއާކުރާކަމުގައި ވާ ނަމަ މިފަދަ ބާރު ސްޕީޑުގެ އިންޓަނެޓް ލިބުމަކީ ލިބިގެންދާނެ ވަރަށްބޮޑު ފައިދާއެއް،" އިސްމާއިލް ރަޝީދު ވިދާޅުވި އެވެ.
ދިރާގުން ފެށި މި ހިދުމަތް މިއަދުން ފެށިގެން މާލެ، ހުޅުމާލެ، ވިލިމާލެ، އައްޑޫ، ފުވައްމުލައް، ލ. ގަން، ލ. ފުނަދޫ، ކުޅުދުއްފުށި އަދި އޭދަފުށިން ލިބޭނެ އެވެ.