29 މެއި 2016 - 11:41

މުޅި ދުނިޔޭގެ ސަމާލުކަން ރޭ އޮތީ ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑް ކުޅުނު ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗަށެވެ. އެ މެޗުގެ ސަބަބުން، ރޭ ކުޅުނު އިނގިރޭސި ފުޓްބޯލް ލީގު ޗެމްޕިއަންޝިޕް ޕްލޭއޮފް މެޗަށް އޮތީ ހިޔަނި އެޅިފަ އެވެ. އެކަމަކު އެ މެޗަކީ ދުނިޔޭގެ އެންމެ އަގުބޮޑު ފުޓްބޯޅަ މެޗެވެ. ޝެފީލްޑް ވެނިސްޑޭ އަތުން 1-0 އިން މޮޅުވެ ހަލް ސިޓީ ޕްރިމިއާ ލީގަށް ކޮލިފައިވިއިރު އެ ޓީމަށް ވަނީ މެޗުން 171 މިލިއަން ޕައުންޑް ލިބިފަ އެވެ.
އިނގިރޭސި ދެ ވަނަ ޑިވިޝަނުގެ ގަދަ ދެ ޓީމު ކަމަށްވާ ބާންލީ އާއި މިޑްލްސްބަރާ ޕްރިމިއާ ލީގަށް ކޮލިފައިވެފައިވާއިރު ކޮލިފައިވާނެ ތިން ވަނަ ޓީމެއް ކަނޑައެޅުމަށް ކުޅުނު ޕްލޭއޮފް މުބާރާތުގައި ވާދަކުރީ ދެ ވަނަ ޑިވިޝަނުގެ ތިން ވަނަ އިން ފެށިގެން ހަ ވަނައިގައި ލައްވާލި ހަލް އާއި ޝެފީލްޑް ވެނިސްޑޭ އާއި ޑާބީ ކައުންޓީ އަދި ބްރައިޓަން އެވެ.
ދެ ލެގު އުސޫލުން ކުޅުނު ސެމީ ފައިނަލް މެޗުތަކަށް ފަހު ފައިނަލަށް ހޮވުނު ހަލް ސިޓީ އާއި ޝެފީލްޑް ވެނިސްޑޭ، ދުނިޔޭގެ އެންމެ ޝަރަފްވެރި އެއް ސްޓޭޑިއަމް ކަމަށްވާ ލަންޑަނުގެ ވެމްބްލީގައި ކުޅުނުއިރު ހަލްގެ ލަނޑު ޖަހައިދިނީ މުހައްމަދު ޑިއާމޭ އެވެ.
މިއީ އެއް މެޗުން އެންމެ ބޮޑު އާމްދަނީއެއް މޮޅުވާ ޓީމަކަށް ލިބޭ މެޗެކެވެ. މި މެޗުން އެހާ ގިނަ ފައިސާ ލިބެނީ ޓީވީ ރައިޓްސް އާއި ސްޕޮންސާޝިޕް އާއި ބެޓިން އަދި އިނާމް ފައިސާ އެކުވެގެންނެވެ.