ޕާކިސްތާން މޮޅުވުމުން އިންގްލެންޑަށް ޕްރެޝަރު
ޕާކިސްތާން މޮޅުވުމުން އިންގްލެންޑަށް ޕްރެޝަރު

ލީޑްސް (ޖޫން 30) – އަފްގާނިސްތާން އަތުން ފަހު ވަގުތު ތިން ވިކެޓުން މޮޅުވެ ޕާކިސްތާނުން ކްރިކެޓް ވޯލްޑް ކަޕުގެ ތާވަލުގެ ހަތަރު ވަނަ އަށް އެރުމާ އެކު، އިންގްލެންޑް ފަސް ވަނަ އަށް ވެއްޓި ޕްރެޝަރު ބޮޑުވެއްޖެ އެވެ.

މި ވަގުތު ސެމީ ފައިނަލުގެ ޖާގަ ކަށަވަރުކޮށްފައިވާ ހަމައެކަނި ޓީމަކީ، އިއްޔެ ނިއު ޒީލެންޑް އަތުން 86 ލަނޑުން މޮޅުވެ 14 ޕޮއިންޓާ އެކު އެއް ވަނައިގައި އޮތް އޮސްޓްރޭލިއާ އެވެ. ތާވަލުގެ ދެ ވަނައިގައި 11 ޕޮއިންޓާ އެކު އޮތް އިންޑިއާ އަށް މިއަދު އިންގްލެންޑް އަތުން މޮޅުވެގެން ސެމީ އަށް ދެވޭނެ އެވެ. އަދި ތިން ވަނައިގައި އެ އަދަދަށް ޕޮއިންޓް ހޯދައިގެން ރަން ރޭޓުގެ ތަފާތުން އޮތް ނިއު ޒީލެންޑަށް ވެސް ފަހު މެޗުން އިންގްލެންޑް އަތުން މޮޅުވެ ސެމީ އަށް ދެވޭނެ އެވެ.

އަދި އިއްޔެގެ މޮޅާ އެކު ނުވަ ޕޮއިންޓް ހޯދައި ހަތަރު ވަނަ އަށް އެރި ޕާކިސްތާނަށް ފަހު މެޗުން ބަންގްލަދޭޝް އަތުން މޮޅުވެގެން ސެމީ ކަށަވަރުކުރެވޭނެ އެވެ. އެހެންވެ ހުރިހާ ޕްރެޝަރެއް އޮތީ އިންގްލެންޑަށެވެ. އެހެންވެ އެ ޓީމަށް ޖެހޭނީ ބާކީ އޮތް އިންޑިއާ މެޗާއި ނިއު ޒީލެންޑް މެޗު ކާމިޔާބުކުރާށެވެ. އެ ދެ މެޗުގައި އިދިކޮޅަށް ނުކުންނަ ދެ ޓީމަށް ވެސް މިއީ މޮޅުވުން މުހިއްމު މެޗަކަށްވާތީ އިންގްލެންޑަށް އިތުރު އުނދަގޫތަކާ ކުރިމަތިވާނެ އެވެ.

އިއްޔެ ޕާކިސްތާނާ ދެކޮޅަށް އަފްގާނިސްތާން ވަނީ އިންޑިއާ މެޗުގައި ދެއްކި ފަދަ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެގޮތުން 50 އޯވަރުގެ ތެރޭގައި ނުވަ ކުޅުންތެރިން ނުބައިވެގެން 227 ލަނޑު ހެދި އެވެ. ޕާކިސްތާނަށް އެ އަދަދު ހަމަކުރެވުނީ ބާކީ ދެ ބޯޅަ އޮއްވާ ކިރިޔަކިރިޔާ އެވެ. އެގޮތުން 49.4 އޯވަރުގެ ތެރޭގައި ހަތް ކުޅުންތެރިން ނުބައިވެ 230 ލަނޑު ހެދި އެވެ.