30 ޖޫން 2019 - 09:48

މެލޭޝިއާ ކްރިކެޓް އެސޯސިއޭޝަނުން ބޭއްވި ބައިނަލްއަގްވާމީ ޓްރި-ނޭޝަންސް ޓީޓްވެންޓީ މުބާރާތުން ރާއްޖެ ދެ ވަނަ ހޯދައިފި އެވެ.
ރާއްޖެ އާއި މެލޭޝިއާގެ އިތުރުން ތައިލެންޑް ވާދަކުރި މުބާރާތުގެ އެއް ވަނަ ހޯދީ ކުޅުނު ހަތަރު މެޗުން ތިން މެޗުން މޮޅުވެ ހަތް ޕޮއިންޓާ އެކު މެލޭޝިއާ އެވެ. އެ ޓީމު ވަނީ ތައިލެންޑާ ދެކޮޅަށް ކުޅުނު ދެ މެޗާއި ރާއްޖެއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުން މޮޅުވެފަ އެވެ. ރާއްޖެއާ ދެކޮޅަށް ކުޅުނު ދެ ވަނަ މެޗު ވިއްސާރައިގެ ސަބަބުން އިއްޔެ ހުއްޓާލީ އެވެ.
ރާއްޖެ ކުޅުނު ހަތަރު މެޗުގެ ތެރެއިން މެލޭޝިއާ އަތުން ފުރަތަމަ މެޗުން ބަލިވިއިރު ދެ ވަނަ މެޗުން ތައިލެންޑް އަތުން މޮޅުވި އެވެ. އަދި ތިން ވަނަ މެޗުގައި މެލޭޝިއާއާ ދެކޮޅަށް ކުޅުނު މެޗު ހުއްޓާލިއިރު ފަހު މެޗުން އިއްޔެ ތައިލެންޑް އަތުން ބަލިވީ އެވެ. ރާއްޖެ އަށް ލިބުނީ ތިން ޕޮއިންޓެވެ.
ތައިލެންޑް ވަނީ މެލޭޝިއާ އަތުން ދެ މެޗުން ބަލިވެފަ އެވެ. ރާއްޖެ އަތުން ފުރަތަމަ މެޗުން ބަލިވި ނަމަވެސް ރާއްޖެ އަތުން ފަހު މެޗުން އިއްޔެ މޮޅުވި އެވެ. އެ ޓީމަށް ލިބުނީ ދެ ޕޮއިންޓެވެ.
އިއްޔެ ތައިލެންޑް އަތުން ރާއްޖެ ބަލިވީ ފަސް ވިކެޓުންނެވެ. ރާއްޖެ ފުރަތަމަ ކުޅެން އަރާ 20 އޯވަރުގެ ތެރޭ ހަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 153 ލަނޑެވެ. ތައިލެންޑް ވަނީ 20 އޯވަރުގެ ތެރޭ ފަސް ކުޅުންތެރިން ނުބައިވެ 154 ލަނޑު ހަދައިފަ އެވެ. ރާއްޖޭން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 35 ބޯޅައިން 56 ލަނޑު ހެދި ސްރީ ލަންކާގެ ނިލަންތަ ކޫރޭ އާއި 38 ބޯޅައިން 53 ލަނޑު ހެދި އާދަމް ނާސިފް އުމަރެވެ.
ރާއްޖޭގެ ޓީމުގައި ސްރީ ލަންކާގެ ޖުމްލަ ތިން ކުޅުންތެރިން ހިމެނެ އެވެ. އެ ގައުމެއްގައި ދިރިއުޅޭތާ ތިން އަހަރުވެފައިވާ ބިދޭސީންނަށް ވެސް އެ ގައުމެއްގެ ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތު ކްރިކެޓުގައި އޮވެ އެވެ.
ރާއްޖެ ވަނީ މީގެ ކުރިން އޭޝިއާގެ ކުރިއަރަމުން އަންނަ ގައުމުތަކުގައި ބޭއްވި ދެ މުބާރާތެއްގެ ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ. ރާއްޖެ މިހާރު އޮތީ އޭޝިއާގެ މުބާރާތްތަކުގެ ކޮލިފައިން ލެވެލްގަ އެވެ. އޭޝިއާގެ މުބާރާތްތަކަކީ ޓެސްޓް ސްޓޭޓަސް އާއި ވަންޑޭ އިންޓަނޭޝަނަލް ސްޓޭޓަސް އަދި ކްރިކެޓް ވޯލްޑް ކަޕް ނެގުމަށް ފަހު އެންމެ މަތީ ލެވެލެވެ.